Roadha Mihaaru
ޝަރުތުތަކާ އެކު ޕުޓިން ބައިޑެންއާ ބައްދަލެއް ނުކުރާނެ

ޝަރުތުތަކާ އެކު ޕުޓިން ބައިޑެންއާ ބައްދަލެއް ނުކުރައްވާނެ

05 ޑިސެމްބަރ 2022

ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހެޅުއްވި ޝަރުތުތަކާ އެކު، އެފަދަ ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ރަޝިޔާގެ ރިއާސީ ގަނޑުވަރުން އިއްޔެ ބުނެފި އެވެ.

ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހެޅުއްވި ޝަރުތުތަކާ އެކު، އެފަދަ ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ރަޝިޔާގެ ރިއާސީ ގަނޑުވަރުން އިއްޔެ ބުނެފި އެވެ.

ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އިން ބުނި ގޮތުގައި އެ ގައުމުން ޔޫކްރޭންގައި ހިންގަމުންދާ "އަސްކަރީ ޚާއްސަ ހަރަކާތްތައް" ކުރިން ވެސް ރާވާފައިވާ ގޮތުގެ މަތިން ކުރިއަށް ދާނެ އެވެ. އަދި އެ ހަރަކާތްތައް ހުއްޓައިލުމާ ބެހޭ ގޮތުން، މަޝްވަރާ ކުރެއްވުމަށް އެމެރިކާ އިން ވަކި ޝަރުތުތަކެއް ކަނޑައެޅުމަކީ، އެފަދަ ބައްދަލުވުމެއް އިންތިޒާމުކުރުމަށް ދަތިވާ ކަމެއް ކަމަށް ވެސް ކްރެމްލިން އިން ބުނެ އެވެ.

ކްރެމްލިން އިން ބުނި ގޮތުގައި ރައީސް ޕުޓިން ހުންނެވީ ސުލްހައަށްޓަކައި މަޝްވަރާ ކުރެއްވުމަށް ތައްޔާރަށެވެ. އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައިވަނީ، ރަޝިޔާ ސިފައިން ޔޫކްރޭނުން ބާލައިފި ނަމަ، ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން ރައީސް ޕުޓިންއާ އެކުގައި މަޝްވަރާ ކުރެއްވުމަށް ރައީސް ބައިޑެން ތައްޔާރަށް ހުންނެވި ކަމަށެވެ.

"ހަގީގަތުގައި ރައީސް ބައިޑެން ވިދާޅުވީ ކީކޭ؟ އޭނާ ވިދާޅުވީ މަޝްވަރާ ކުރޭވޭނެ ހަމައެކަނި ގޮތަކީ ރަޝިޔާ ސިފައިން ޔޫކްރޭނުން ފޭބުމޭ،" ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި އެވެ. އެހެން ނަމަވެސް އެފަދަ ޝަރުތެއް ރަޝިޔާ އިން ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާ އަށް ވަޑައިގެންނެވި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯންއާ އެކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ރައީސް ބައިޑެން ވިދާޅުވެފައިވަނީ، ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ރައީސް ޕުޓިން ބޭނުންފުޅުވާ ނަމަ، އޭނާއާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ ޝައުގުވެރިކަން އޭނާގެ ކިބައިގައި ހަގީގަތުގައި ވެސް ހުރި ކަމަށްވާ ނަމަ، އަހަރެން މިހުރީ ޕުޓިންއާ އެކުގައި ވާހަކަ ދައްކަން ތައްޔާރަށް،" ރައީސް ބައިޑެން ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރުން މިހާރަށް ރައީސް ޕުޓިންއާ ބައްދަލުކުރެއްވުމަށް ގަސްދުކުރައްވާފައި ނުވާ ކަމަށާއި، އެފަދަ ބައްދަލުކުރެއްވުމެއް ބާއްވަވާނީ، ނޭޓޯގެ ގައުމުތަކުގެ ވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

"އަހަރެމެންގެ މަސްލަހަތުތައް ކަށަވަރުކުރުމުގެ ގޮތުން މަޝްވަރާ ކުރެއްވުމަށް ރަޝިޔާގެ ރައީސް އަބަދުވެސް ހުންނަވަނީ އަދި މިހާރު ހުންނެވީ ވެސް ތައްޔާރަށް. އަހަރެމެންގެ މަސްލަހަތުތައް ހާސިލުކުރުމަށް އަހަރެމެންގެ އެންމެ ބޮޑަށް އިސްކަން ދޭ ގޮތަކީ، ސުލްހަވެރި އަދި ޑިޕްލޮމެޓިކް ގޮތްތައް. ޕުޓިން މިހާރުވެސް ހުންނެވީ އެކަމަށްޓަކައި ބައްދަލުކުރައްވަން ވެސް އަދި މަޝްވަރާ ކުރައްވަން ވެސް ތައްޔާރަށް،" ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއާ އެއްކޮށްލާފައިވާ (ޔޫކްރޭންގެ) ބިންތަކާ މެދު އެމެރިކާ އިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން، ދެ ލީޑަރުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުން ވަރަށް ދައްޗެވެ. އެ ބިންތަކަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި އެމެރިކާ ގަބޫލުނުކުރާހާ ހިނދަކު މަޝްވަރާގެ މޭޒު ދޮށުން ދެ ލީޑަރުން ބައްދަލުކުރެއްވުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭންގެ އިރުމައްޗާއި ދެކުނުގެ މުހިންމު ސަހަރުތަކެއް ކަމަށްވާ ޑޮނެޓްސް، ޚެރްސޯން އަދި ލުހާންސްކް އާއި ޒަޕަރޯޖިޔާ އަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް، މިދިޔަ ސެޕްޓެމްބަރު މަހު އެ ސަރަހައްދުތަކުގައި އާންމު ރައްޔިތުންގެ މެދުގައި ވޯޓެއް ނެގި އެވެ. ރަޝިޔާ ސިފައިންނާއި ރަޝިޔާ އަށް ތާއީދުކުރާ ޔޫކްރޭންގެ ބައެއް ސިޔާސީ ލީޑަރުންގެ ބެލުމުގެ ދަށުން ނެގި އެ ވޯޓުގައި، ތާއީދު ލިބުނީ ރަޝިޔާގެ ބައެއް ކަމުގައި ހަމަޖައްސަން ކަމަށް ބުނެ، ރަޝިޔާ އިން ވަނީ އެއީ ރަޝިޔާގެ ބިންތަކެއް ކަމަށް ކަނޑައަޅައި އެކަން އިއުލާން ކޮށްފަ އެވެ.

ޕެސްކޯވް ވިދާޅުވި ގޮތުގައި ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނަށް ފޮނުވުމުގެ ކުރިން، އެ މައްސަލައިގައި މަޝްވަރާ ކުރުމަށް ނޭޓޯ އާއި އެމެރިކާ އަށް ރަޝިޔާ އިން ހުށަހެޅި އެވެ. ނަމަވެސް ނޭޓޯ އާއި އެމެރިކާ އިން އެކަމަށް އިޖާބަ ނުދިން ކަމަށް ވެސް ޕެސްކޯވް ވިދާޅުވި އެވެ.