Roadha Mihaaru
ދުނިޔެ މި އޮތީ އާ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީ

ދުނިޔެ މި އޮތީ އާ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީގައި: ރަޝިޔާ

26 އެޕްރީލް 2023

ދުނިޔެ މިހާރު މި އޮތީ އާ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމަށްވުމީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް، ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވް އިއްޔެ ވިދާޅުވެއްޖެ އެވެ.

ދުނިޔެ މިހާރު މި އޮތީ އާ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމަށްވުމީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް، ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި އޮތް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ގާތް އެކުވެރިޔާ އަދި ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް މެޑްވެޑޭވް ވިދާޅުވީ ދުނިޔެ މިހާރު އޮތީ ވަރަށް ބޮޑަށް ބަލިވެފައި ކަމަށެވެ. އަދި މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތައް އިތުރުވަމުން ދާއިރު، ނިއުކްލިއާ ހަނގުރާމައެއްގެ ބިރުވެރިކަން ވެސް ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު މެޑްވެޑޭވް ފާހަގަކުރެވިފައިވަނީ، ހުޅަނގުގެ ސިޔާސަތަށް ކޮންމެވެސް ވަރަކަށް ލެނބިވަޑައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް، ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، މެޑްވެޑޭވް ވެސް ގެންދަވަނީ ރައީސް ޕުޓިންގެ ސިޔާސަތުތައް ދިފާއު ކުރައްވަމުން އަދި ހުޅަނގުގެ ގައުމުތަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ޔޫކްރޭން ހަނގުރާމަ އަށް ފަހު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، ހަނގުރާމައާ ބެހޭ ގޮތުން ނުވަތަ ރަޝިޔާގެ ބާރާއި ނުފޫޒު ހާމަކޮށްދިނުމުގެ ގޮތުން ކޮންމެވެސް ވާހަކައެއް ނުވަތަ ބަޔާނެއް އޭނާ އާންމު ކުރައްވަ އެވެ. އެ ގޮތުން މި ހަފުތާގައި ޓެލެގްރާމްގައި އޭނާ އާންމު ކުރެއްވި މެސެޖެއްގައި، "އިނގިރޭސި ވިލާތަކީ ރަޝިޔާގެ ދާއިމީ އަދުއްވެއް" ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އޭނާ އެންމެ ހަރުކަށި އިބާރާތުން އިނގިރޭސި ވިލާތަށް ފާޑުވިދާޅުވީ، ރަޝިޔާގެ ވިޔަފާރިވެރިންނަށް ދަތިކުރުމަށް މިދިޔަ ހަފުތާގައި، އިނގިރޭސި ވިލާތުން އިތުރު ފިޔަވަޅުތަކެއް އެޅުމާ ގުޅިގެންނެވެ.

އޭގެ އިތުރުން، ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން، ރަޝިޔާގެ އިސް ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ބައިނަލްއަގުވާމީ މުޖްތަމައު މިހާރު ތަޖުރިބާކުރަމުން ގެންދަނީ، ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއާ ކުރިމަތިވި އެންމެ ނުރައްކާތެރި 10 އަހަރު ކަމަށެވެ. އަދި އެކަން އެ ގޮތަށް މެދުވެރިވީ، އެމެރިކާގެ ހަންފެތުރުމުގެ ސިޔާސަތުގެ ދަށުން، ދުނިޔޭގެ އިރުމައްޗާއި ހުޅަނގަށް އަތް ގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވާ ގޮތުގައި އޭނާ ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަކީ، އެމެރިކާ އާއި ނޭޓޯގެ އަސްކަރީ އަމަލުތަކުގެ ސަބަބުން ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާ ކުރިމަތިވެފައިވާތީ، ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި ފަށާފައިވާ ޚާއްސަ އަސްކަރީ ހަރަކާތެކެވެ. އަދި ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށްޓަކައި، ރަޝިޔާގައި ހުރި ހުރިހާ ބާރެއް ބޭނުންކުރާނެ ކަމަށް ވެސް ޕުޓިން ވަނީ ވިދާޅުވެފަ އެވެ.

"އަހަރެމެން މިހާރު ހުއްޓި މި ތިބީ ވަރަށް ތާރީޚީ އިމެއްގައި. ކުރިއަށް އޮތް 10 އަހަރަކީ، ދުނިޔޭގެ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު، އަހަރެމެންނާ ކުރިމަތިވާ އެންމެ ނުރައްކާތެރި އަދި ވެދާނެ ގޮތެއް ލަފާކުރަންވެސް ނޭނގޭ އަދި ހަމަ އެފަދައިން އެންމެ މުހިންމު 10 އަހަރަށްވުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެއް،" މިދިޔަ އޮކްޓޫބަރުގައި އޮތް ކޮންފަރެންސެއްގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެފައިވެ އެވެ.

ޕުޓިން ވިދާޅުވި ގޮތުގައި ހުޅަނގުގެ ނުރައްކާތަކުން ދިފާއުވެވޭނީ ރަޝިޔާ އިން ދުރާލައި ފިޔަވަޅު އަޅައިގެންނެވެ. އެގޮތުން އެމެރިކާއާ އެކުގައި ސޮއިކޮށްފައި އޮތް، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ އިން މިއަހަރުގެ ތެރޭގައި ރަޝިޔާ ވަކިވާނެ ކަމަށްވެސް ޕުޓިން ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ނޭޓޯގެ މެމްބަރު ބައެއް ގައުމުތަކާއި ޔޫކްރޭނާ އިންވެގެން އޮތް ބެލަރޫސްގައި ރަޝިޔާގެ ނިއުކްލިއާ ހަތިޔާރުތައް ގާއިމުކުރުމަށް ނިންމައި، އެކަމުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ.