Roadha Mihaaru
ޕުޓިން އަށް ވެރިކަމަކު ނުހުންނެވޭނެ: ބައިޑެން

ޕުޓިން އަށް ވެރިކަމަކު ނުހުންނެވޭނެ: ބައިޑެން

27 މާޗް 2022

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ވެރިކަމުގައި ނުހުންނެވޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ވެރިކަމުގައި ނުހުންނެވޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕޮލެންޑްގެ ވެރިރަށް ވާސޯގައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ، "މާތް ކަލާނގެއަށްޓަކައި ވެސް، މި މީހާ އަށް ވެރިކަމުގައި ހުރެވިގެން ނުވާނެ" ކަމަށެވެ. ރައީސް ބައިޑެން މި މޭރުމުން ރަޝިޔާ އަށް އިންޒާރު ދެއްވީ، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ނޭޓޯގެ ގައުމުތަކާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމަކަށް ފަހު އިއްޔެ ޕޮލެންޑަށް ވަޑައިގެންފަ އެވެ.

ރައީސް ބައިޑެން ޕޮލެންޑުގައި ދެއްވަން ތައްޔާރުކޮށްފައި އޮތް ތަގުރީގުގައި ނެތް ވާހަކަތަކެއް، ރައީސް ޕުޓިންއާ ބެހޭ ގޮތުން ވިދާޅުވުމުން، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައިވަނީ، ރައީސް ބައިޑެން އެ ގޮވައިލެއްވީ ރަޝިޔާގެ ވެރިކަން ބަދަލުކުރުމަށް ނޫން ކަމަށެވެ. ބައިޑެން އެ ގޮތަށް ވިދާޅުވީ ޕޮލެންޑްގައި ދެއްކެވި ވާހަކަ ނިންމަވާލައްވަމުންނެވެ.

ބައިޑެންގެ އެ ވާހަކަތައް ކުށްވެރިކޮށް، ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އިން ބުނެފައިވަނީ، ރަޝިޔާގެ ވެރިކަމުގައި ހުންނާނެ މީހަކު ކަނޑައެޅުމުގެ ބާރާއި އިޚްތިޔާރު އެމެރިކާ އަށް ނޯންނާނެ ކަމަށެވެ.

"އެއީ ބައިޑެން ކަނޑައަޅުއްވަންޖެހޭ ކަމެއް ނޫން. ރަޝިޔާގެ ރައީސަކީ ރަޝިޔާ ރައްޔިތުން އިންތިޚާބުކުރާ މީހެއް،" ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި އެވެ.

ބައިޑެން ދެއްކެވި ވާހަކަތައް ތަރުޖަމާކޮށްދެއްވަމުން ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް ބައިޑެން ވިދާޅުވި ވާހަކައިގެ މަގްސަދަކީ، ރަޝިޔާގެ އަވައްޓެރި ގައުމުތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ދޫކޮށްލާފައި ބަހައްޓައިގެން ނުވާނެ ކަމެވެ.

ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ދިފާއުގައި ޔޫކްރޭން ސިފައިންނާއި ރައްޔިތުން ކުރަމުންދާ މަސައްކަތަށް، ރައީސް ބައިޑެން ތައުފީރު ކުރެއްވި އެވެ. ބައިޑެން ސިފަ ކުރެއްވި ގޮތުގައި، ރަޝިޔާގެ އުދުވާނާ ދެކޮޅަށް ޔޫކްރޭން ސިފައިންނާއި ރައްޔިތުން ކުރާ ހަނގުރާމައަކީ، މިނިވަންކަމުގެ ދިފާއުގައި ސޮވިއެޓް ޔޫނިއަންއާ ދެކޮޅަށް ކުރި ފަދަ ހަނގުރާމައެކެވެ. އަދި މިއީ ދިގުދެމިގެންދާނެ ހަނގުރާމައެއް ކަމަށާއި، މި ހަނގުރާމަ އަށް ފުރިހަމަ އަށް ތައްޔާރުވެގެން ތިބުމަށް ވެސް، ރައީސް ބައިޑެން ދުނިޔެ އަށް ގޮވައިލެއްވި އެވެ.

"މި ހަނގުރާމައިގައި ވާނުވާ ގޮތްތަކާ މެދު އަހަރެމެން ފިސާރި ރަނގަޅަށް ހޭލައި ތިބެންޖެހޭނެ. މިއީ ދުވަސްތަކަކުން ނުވަތަ މަސްތަކަކުން ކާމިޔާބު ކުރެވޭނެ ހަނގުރާމައެއް ނޫން. މިހާރުއްސުރެ އަހަރެމެން ގަބޫލުކޮށް ތައްޔާރުވެ ތިބެންވީ، މިއީ ދިގު މުއްދަތަކަށް ދެމިގެންދާނެ ހަނގުރާމައެއް ކަމަށް ބަލައިގެން،" ބައިޑެން ވިދާޅުވި އެވެ.