Roadha Mihaaru
ބަޔޮލޮޖިކަލް ހަމަލާއެއް ދޭން ޕުޓިން އެބަ ވިސްނަވާ

ބަޔޮލޮޖިކަލް ހަމަލާއެއް ދޭން ޕުޓިން އެބަ ވިސްނަވާ: ބައިޑެން

22 މާޗް 2022

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިސްނަވަމުން ގެންދަވާ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިސްނަވަމުން ގެންދަވާ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވިޔަފާރިވެރިންތަކަކާ އެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބައިޑެން ވިދާޅުވީ ޔޫކްރޭންގައި ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް ހަތިޔާރު ހުރި ކަމަށް، ރައީސް ޕުޓިން ދައްކަވާ ވާހަކަތަކަކީ ހަދަހަދައިގެން ދައްކަވާ ބުހުތާނު ވާހަކަތަކެއް ކަމަށެވެ. އަދި އެ ފަދަ ތުހުމަތުތަކެއް ޔޫކްރޭނާ މެދު އެ ކުރަނީ، އެފަދަ ހަތިޔާރުން ޔޫކްރޭނަށް ހަމަލާ ދޭން ބޭނުންވާތީ، އެކަމުގެ ބަހަނާއެއްގެ ގޮތުން ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

"ޕުޓިން މިހާރު އެހުންނެވީ އެކަހެރިވަމުން ގޮސް އޭނާގެ ބުރަކަށި ފާރުގައި ޖެހި ފިތިފައި. އެމެރިކާ އާއި ޔޫރްޕްގައި ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ހުރި ފަދައިން، ޔޫކްރޭންގައި ވެސް އެފަދަ ހަތިޔާރު ހުރި ކަމަށް އެ ވިދާޅުވާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް. އެއީ އެ ދެ ބާވަތުގެ ހަތިޔާރު ޔޫކްރޭނާ ދެކޮޅަށް ބޭނުންކުރައްވަން ވިސްނަވާތީ ޕުޓިން ދައްކަވާ ވާހަކަތަކެއް،" ރައީސް ބައިޑެން ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެފައިވާ ގޮތުގައި ޔޫކްރޭންގައި ރަޝިޔާ ސިފައިން މިހާރު ހިންގަމުންދާ ހާއްސަ އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި، ޔޫކްރޭނުން ފެނުނު ބައެއް ލިޔުންތަކުން، އެ ގައުމުގައި ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އުފައްދާ ކަމުގެ ހެކި އެބަ ހުއްޓެވެ. އަދި އެމެރިކާގެ ދިފާއީ ވުޒާރާގެ އެހީގައި ހިންގާ ދެ ލެބޯޓެރީ ޔޫކްރޭންގައި ހުރި ކަމުގެ ކިތާބީ ހެކި ވެސް ލިބިފައިވާ ކަމަށް ޕުޓިން ވިދާޅުވި އެވެ.

ނަމަވެސް އެމެރިކާގެ ދިފާއީ ވުޒާރާ އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި އެ ގައުމުން އެއްވެސް ގޮތަކުން އެހީތެރިކަން ފޯރުކޮށްދީގެން ހިންގާ އަސްކަރީ ލެބޯޓެރީއެއް ޔޫކްރޭންގައި ނުހުންނާނެ އެވެ. އަދި ޔޫކްރޭންގައި ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ހުރި ކަމަށް ރަޝިޔާ އިން ކުރާ ތުހުމަތަކީ ދޮގެއް ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

ރައީސް ބައިޑެން ވިދާޅުވި ގޮތުގައި ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ އިތުރުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ސައިބާ ހަމަލާތަކެއް ދިނުމަށް ވެސް ރަޝިޔާ އިން ދަނީ ތައްޔާރުވަމުންނެވެ. އިންޓަނެޓް ވިއުގައިގެ ތެރެއިން، އެމެރިކާގެ ވިޔަފާރި ކުންފުނިތަކަށް ސައިބާ ހަމަލާތަކެއް ދީފާނެ ކަމަށް ވިސްނައިގެން ތިބުމަށް ރައީސް ބައިޑެން އިއްޔެ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ރަޝިޔާގެ ބޮޑެތި ވިޔަފާރިތަކުގެ އިސް މީހުންނާ ޕުޓިން ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ރަޝިޔާގެ ބޮޑެތި ވިޔަފާރިތަކުގެ އިސް މީހުންނާ ޕުޓިން ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ބައިޑެން ވިދާޅުވީ ރަޝިޔާގެ ސައިބާ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި އެމެރިކާގެ ކުންފުނިތަކުގެ ދިފާއު ވަރުގަދަ ކޮށްދިނުމަށް އެމެރިކާ ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. ރަޝިޔާ އިން ދޭ ސައިބާ ހަމަލާއެއްގެ ގެއްލުމާއި ނުރައްކާތެރިކަން ވަރަށް ބޮޑުވާނެތީ، އެކަމަށް ދުރާލައި ތައްޔާރުވެ ތިބުމަށް ވެސް ބައިޑެން އެދިވަޑައިގަތެވެ.

ރައީސް ބައިޑެން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގެ އެންމެ މުހިންމު އިންފްރާސްޓްރަކްޗާއަކީ އަމިއްލަ ކުންފުނިތަކުން ހިންގައި ބަލަހައްޓާ އެއްޗަކަށް ވުމާއެކު، އެފަދަ ކުންފުނިތަކުގެ ޑިޖިޓަލް ދޮރާށިތައް ރަނގަޅަށް މަކުޑި އަޅުވައި ބަންދުކޮށްފައި ބެހެއްޓުން ވަރަށް މުހިންމު ކަމަށެވެ.