29 ސެޕްޓެމްބަރ 2022
ޔޫކްރޭނުން ވަކިވުމާ ބެހޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި، ރަޝިޔާގެ ވެރިކަމުގެ ދަށުގައި އޮންނަން ބޭނުންވާ ކަމަށް ނިންމި ސަރަހައްދުތަކުގެ ވެރިން، ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް އިއްޔެ ވަޑައިގެން ރައީސް ލަޑިމިއާ ޕުޓިންއާ ބައްދަލުކުރައްވައިފި އެވެ.
ޔޫކްރޭނުން ވަކިވުމާ ބެހޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި، ރަޝިޔާގެ ވެރިކަމުގެ ދަށުގައި އޮންނަން ބޭނުންވާ ކަމަށް ނިންމި ސަރަހައްދުތަކުގެ ވެރިން، ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް އިއްޔެ ވަޑައިގެން ރައީސް ލަޑިމިއާ ޕުޓިންއާ ބައްދަލުކުރައްވައިފި އެވެ.
ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމާ މެދު އާންމުން ދެކޭ ގޮތެއް ބެލުމަށް، މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ވޯޓު ނެގީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ޒަޕަރޯޖިޔާ އާއި ޚެރްސޯންގެ އިތުރުން، އިރުމަތީ ދެ ސަރަހައްދެއް ކަމަށްވާ ލުހާންސްކް އާއި ޑޮނެޓްސްގަ އެވެ.
އެ ހަތަރު ސަރަހައްދަށް، ޔޫކްރޭން ރައްޔިތުންގެ ތެރެއިން ރަޝިޔާ އިން ކަނޑައެޅި އިސް ވެރިންގެ ބެލުމުގެ ދަށުން ނެގި އެ ވޯޓުގައި، ހުރިހާ ސަރަހައްދަކުން ވެސް އަގުލަބިއްޔަތު ލިބުނީ، ޔޫކްރޭނުން ވަކިވެ، ރަޝިޔާގެ ވެރިކަމުގެ ދަށަށް ދިއުމަށެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި، އެ ސަރަހައްދުތަކުގައި ނެގި ވޯޓަކީ، ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ނަގާލައި، ގަދަބާރުން ކުރި އަޅުވެތިކަމެއްގެ ދަށުގައި ނެގި ޣައިރު ގާނޫނީ ވޯޓަކަށް ވާތީ، އެ ވޯޓުގެ ނަތީޖާ ގަބޫލެއް ނުކުރެވޭނެ އެވެ.
މުޅި ޔޫކްރޭންގެ ބިމުގެ ގާތްގަނޑަކަށް 15 ޕަސެންޓް ހިއްސާކުރާ އެ ހަތަރު ސަރަހައްދުގައި ނެގި ވޯޓަކީ، އެ ސަރަހައްދުތަކުގެ ރައްޔިތުން ބޭނުންވެގެން ނެގި ވޯޓެއް ނޫން ކަމަށާއި، އެއީ ރަޝިޔާ އިން ދުރާލައި ރާވައިގެން ކުޅުނު ކުޅިގަނޑެއް ކަމަށް ވިލާތުގެ ގައުމުތަކުން ތުހުމަތުކުރެ އެވެ.
ލުހާންސްކް ޖުމްހޫރިއްޔާ އަށް ރަޝިޔާ އިން ކަނޑައަޅާފައި ތިބި ވެރިން ވިދާޅުވާ ގޮތުގައި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 98.4 ޕަސެންޓް މީހުން ބޭނުންވަނީ ރަޝިޔާއާ ގުޅުމަށެވެ. ޒަޕަރީޖިޔާގައި އެ ނިސްބަތް ހުރީ 93 ޕަސެންޓްގައި ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވިދާޅުވެ އެވެ.
ޚެރްސޯން ސަރަހައްދުގެ ވޯޓުގެ ކަންތައް ބަލަހައްޓާ ކޮމިޓީގެ ވެރިޔާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުން، ރަޝިޔާއާ ގުޅެން ތާއީދުކުރި މީހުންގެ ނިސްބަތަކީ 87 ޕަސެންޓެވެ. އޭގެ އިތުރުން ޑޮނެޓްސްކް ޖުމްހޫރިއްޔާގައި ހުންނަވާ އިސް އޮފިޝަލް ވިދާޅުވި ގޮތުގައި، ރަޝިޔާއާ ގުޅުމަށް އެ ޖުމްހޫރިއްޔާގެ 99.2 ޕަސެންޓް މީހުން ތާއީދުކުރެ އެވެ.
އެ ހަތަރު ސަރަހައްދުގެ ވެރިން މޮސްކޯ އަށް ވަޑައިގަތީ، އެ ސަރަހައްދުތަކުގެ އާންމުން ބޭނުންވި ގޮތް، ރަސްމީކޮށް ރަޝިޔާ ސަރުކާރަށް ހުށަހެޅުމަށެވެ. އެ ބޭފުޅުން ރައީސް ޕުޓިންއާ އެކު ބޭއްވެވި ބައްދަލުވުމުގައި، އެ ހަތަރު ސަރަހައްދު ރަޝިޔާއާ ގުޅުވައިލަދީ، ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅަދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ރަޝިޔާގެ ޚާރިޖިއްޔާ އިން ބުނީ އެ ހަތަރު ސަރަހައްދުގެ ރައްޔިތުން ރަޝިޔާއާ ގުޅުމަށް ނިންމި ނިންމުމަކީ، އެ ސަރަހައްދުގެ ރައްޔިތުން "މިނިވަންކަމާއި އަމިއްލަ އިޚްތިޔާރުގައި ނިންމި ވަރަށް ހޭލުންތެރި ނިންމުމެއް" ކަމަށެވެ.
ޔޫކްރޭންގެ ބޮޑު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލުމަށް، ރަޝިޔާ އަޑީގައި އޮވެގެން މި ނިންމީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޔޫކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި، މާ ބޮޑު ކާމިޔާބެއް ނުލިބި، ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ހަތް މަހުގެ ތެރޭގައި ރަޝިޔާ ސިފައިން ހިފި ޔޫކްރޭންގެ ބައެއް ބިންތައް މިހާރު ވަނީ، ޔޫކްރޭން ސިފައިން އަނބުރާ ހިފައިފަ އެވެ.
ރަޝިޔާ ސިފައިންގެ އުދުވާނާ ދެކޮޅަށް ޔޫކްރޭން ސިފައިން ވަރުގަދަ ދިފާއީ ހަމަލާތަކެއް ދެމުން އަންނަނީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އެ ގައުމަށް ފޯރުކޮށްދޭ އަސްކަރީ މަދަދުވެރިކަމުގެ އެހީގަ އެވެ.
ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ ގުޅެން ނިންމައި، އެކަން ރަސްމީކޮށް ރަޝިޔާ ސަރުކާރަށް މި ހުށަހެޅީ، ރަޝިޔާއާ ގުޅޭ ކޮންމެ ބިމެއް ހިމާޔަތްކުރުމުގައި ރަޝިޔާގެ ހުރިހާ ބާރެއް ބޭނުންކުރާނެ ކަމަށް، ރައީސް ޕުޓިން އިންޒާރު ކުރައްވާފައި ވަނިކޮށެވެ. އަދި ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ސަރަހައްދުތަކުން ފަހަތަށް ޖެހެން ޖެހުމާ ގުޅިގެން، ރިޒާވް ސިފައިން ވެސް ހަނގުރާމަ އަށް ނެރުމަށް ނިންމާފައި ވަނިކޮށެވެ.
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
ޔޫކްރޭންގެ ބައެއް ބިންތައް ރަޝިޔާއާ އެއްކޮށްލަނީ
ހަނގުރާމަ ވަރުގަދަ ކުރުމަށް ޕުޓިން އަމުރު ނެރުއްވައިފި
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި