Roadha Mihaaru
ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ

ޔޫކްރޭނަށް ފޮނުވާނެ އިތުރު ސިފައިން ރަޝިޔާއިން ހޯދަނީ

18 ޑިސެމްބަރ 2022

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާނެ އިތުރު ސިފައިން ހޯދުމުގެ މަސައްކަތް ރަޝިޔާ ސަރުކާރުން އަނެއްކާވެސް ފަށައިފި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާނެ އިތުރު ސިފައިން ހޯދުމުގެ މަސައްކަތް ރަޝިޔާ ސަރުކާރުން އަނެއްކާވެސް ފަށައިފި އެވެ.

ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިތުރު ސިފައިން ބޭނުންނުވާ ކަމަށް، ބުނިތާ ދުވަސްތަކެއް ފަހުން، ރަޝިޔާ ސަރުކާރުން މިހާރު ގެންދަނީ، އަސްކަރީ ޚިދުމަތުގައި ބައިވެރިވުމަށް ޒުވާނުން ޝައުގުވެރިފާ ފަދަ ވީޑިއޯ، ފޮޓޯ އަދި ލިޔުންތައް ޝާއިއުކުރަމުންނެވެ. އެފަދަ ތަކެތީގައި ރަޝިޔާގެ ޒުވާނުން ހަނގުރާމަ އަށް ޝައުގުވެރިކުރަމުން ދަނީ، ގައުމީ ލޯތްބާއި، އަޚުލާގީ ރީތި ސިފައެއްގެ އިތުރުން އިސްކުރަންޖެހޭ އިޖްތިމާއީ ޒިންމާއެއްގެ ގޮތުގަ އެވެ.

މި މަހުގެ 14 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ރަޝިޔާ ސަރުކާރުން އާންމުކުރި ވީޑިއޯއެއްގައި ދައްކަނީ، ރައްޓެހިންނާ އެކުގައި ކުޅިވަރާއި މަޖަލުގެ ތެރޭގައި އުޅޭ ޒުވާނަކު، އޭނާގެ އެ އުޅުން ދޫކޮށްލައި އަސްކަރިއްޔާއާ ގުޅި، ޔޫކްރޭން ހަނގުރާމަ އަށް ދާ މަންޒަރެވެ. އޭގެ ދުވަސްތަކަކަށް ފަހު، އަސްކަރީ ޚިދުމަތުގައި އޭނާ އަށް ލިބުނު ފައިސާ އިން ބޮޑު ކާރެއް ގަނެގެން އޭނާގެ ރައްޓެހިންނަށް ކުއްލި ހައިރާންކަމެއް ގެނެސްދެ އެވެ.

އޭގެ ފަހުން ޑިސެމްބަރު 15 ވަނަ ދުވަހު އާންމު ކުރި ވީޑިއޯއެއްގައި ދައްކަނީ، ރަޝިޔާ ސިފައިންގެ މީހަކާ ހިތާވެގެން އުޅުނު އަންހެން ކުއްޖަކު ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އެ ސިފައިންގެ މީހާއާ ވަކިވެގެން ދިރިއުޅެން ފަށާ މަންޒަރެވެ. ނަމަވެސް ދުވަސްކޮޅެއް ފަހު، އެ ސިފައިންގެ މީހާގެ ހިތްވަރާއި ކެރުމާ މެދު ޝައުގުވެރިކަން އުފެދި، އޭނާ ވެސް ސިފައިންގެ ޚިދުމަތަށް ގެންގޮސްދިނުމަށް އެދި އެ އަންހެން ކުއްކާ އާދޭސްކުރަން ފަށަ އެވެ.

އަސްކަރީ ޚިދުމަތަށް ޒުވާނުން ޝައުގުވެރިކުރުމަށް މިހާރު އާންމުކުރަމުންދާ ގިނަ ވީޑިއޯތައް އަމާޒުކޮށްފައި ހުރީ، ވަޒީފާއެއް ނެތި، މުޖްތަމައުގެ ތެރެއަށް ވިއްސިވިހާލިގެން، ތަފާތު ކުށްކުރުމާއި އިޖްތިމާއީ ހަމަތަކާ ޚިލާފަށް އުޅެމުންދާ ޒުވާނުންނަށެވެ. އެ ގޮތުން ހަރުދަނާ ބައިވެރިއެއް ނުވަތަ އެކުވެރިއެއް ނެތި ފަގީރުކަންމަތީގައި އުޅޭ ޒުވާނުންނާއި، ބަނގުރާ ބުއިމާއި ޖުވާ ކުޅުމުގައި މައިންބަފައިންގެ އާމްދަނީ އަށް ބަރޯސާވެގެން އުޅޭ ޒުވާނުންނަށް، ގިނަ ވީޑިއޯތަކެއް އަމާޒުކޮށްފައިވެ އެވެ.

އެ ވީޑިއޯތަކުގައި ދައްކަނީ، އެފަދަ ހާލަތްތަކުގައި އުޅޭ ޒުވާނުން، ސިފައިންގެ ޚިދުމަތާ ގުޅުމުން، އެމީހުންނަށް ރަނގަޅު ދިރިއުޅުމެއް ލިބެމުންދާ ގޮތެވެ.

ޔޫކްރޭން ހަނގުރާމައިގައި ބައިވެރިވުމަށް އެންމެ ފަހުން ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުންގެ ބެލެނިވެރިންނާ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ މިދިޔަ މަހުގެ ތެރޭގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ޕުޓިން ވިދާޅުވީ ވޮޑްކާ އަށް ދެވިހިފައިގެން ގޮސް، ބަނގުރަލުގެ މަސްތުގައި ފުރާނަ ގެއްލިގެން ދިއުމަށް ވުރެ، ގައުމަށްޓަކައި ހަނގުރާމަކޮށް މަރުވެގެން ދިއުން މާ ރަނގަޅު ކަމަށެވެ.

ސިފައިންގެ ޚިދުމަތުގައި ބައިވެރި ޔޫކްރޭންގެ ހަނގުރާމަ އަށް ދާނެ ސިފައިން ހޯދުމަށް ރަޝިޔާ ސަރުކާރުން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ތިން ލައްކައެއްހާ މީހުން އަސްކަރީ ހިދުމަތަށް ކުރިމަތިލި އިރު، ހަނގުރާމައިގައި ބައިވެރިވާން ޖެހިދާނެ ކަމުގެ ބިރަށްޓަކައި، އެތައް ހާސް ޒުވާނުންނެއް ވަނީ އަވައްޓެރި ގައުމުތަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.