Roadha Mihaaru
ޔޫކްރޭންގެ ސަރަހައްދުތަކުގެ ޚިޔާލު ހޯދުން ފަސްކޮށްފި

ޔޫކްރޭންގެ ސަރަހައްދުތަކުގެ ޚިޔާލު ހޯދުން ފަސްކޮށްފި

06 ސެޕްޓެމްބަރ 2022

ރަޝިޔާ އިން މިހާރު ހިފާފައިވާ ޔޫކްރޭންގެ ބިންތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ނެގުމަށް ރަޝިޔާ އިން ރާވާފައިވާ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން، ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކޮށްލާފައިވާ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.

ރަޝިޔާ އިން މިހާރު ހިފާފައިވާ ޔޫކްރޭންގެ ބިންތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ނެގުމަށް ރަޝިޔާ އިން ރާވާފައިވާ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން، ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކޮށްލާފައިވާ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.

ޔޫކްރޭންގެ ދެކުނު ސަހަރެއް ކަމަށްވާ ޚެރްސޯން އަށް ރަޝިޔާ އިން ކަނޑައަޅާފައި ހުންނަ އިދާރީ އިސް ވެރިޔާ ކިރިލް ސްޓްރެމޫސޯވް ވިދާޅުވި ގޮތުގައި ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ފަސްކޮށްލީ ޔޫކްރޭން ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ. ޔޫކްރޭންގެ ހަމަލާތަކުގެ ސަބަބުން، ޚެރްސޯންގެ އެންމެ ބޮޑު ބްރިޖު ހަލާކުވެ މީހުންނާއި އެއްގަމު އުޅަނދުގެ ދަތުރުތަކަށް ހުރަސް އެޅިފައިވާތީ، މި ދަނޑިވަޅުގައި ޚިޔާލު ހޯދުމުގެ ވޯޓެއް ނެގިޔަސް، އެކަމުގައި ބައިވެރިވެވޭނެ މީހުންގެ އަދަދު މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖަށް ޔޫކްރޭން ސިފައިން ބޮން އެޅުމުގެ ސަބަބުން، އެއްގަމު އުޅަނދު ދަތުރުނުކުރެވޭ ވަރަށް ބްރިޖު ހަލާކުވުމުން، ޑިނިޕްރޯ ކޯރުގެ އެއް ފަރާތުން އަނެއް ފަރާތަށް އެއްގަމު އުޅަނދުތައް އުފުލުމަށް މިހާރު ބޭނުންކުރަނީ ބޮޑެތި ބަނޑުފަހަރެވެ. ނަމަވެސް ޔޫކްރޭން ސިފައިންގެ ހަމަލާތައް، ބަނޑުފަހަރަށް ވެސް މިހާރު އަމާޒުވަމުން ދާތީ، ޑިނިޕްރޯ ކޯރު ހުރަސްކޮށް ކުރަންޖެހޭ ދަތުރުތައް ވަނީ މުޅިންހެން ހުއްޓިފަ އެވެ.

ޔޫކްރޭންގެ ޒަޕަރޯޖިއާގައި ހުންނަ ޔޫރަޕްގެ އެންމެ ބިޔަ ނިއުކްލިއާ އިންޖީނުގޭގެ ބޭރުގައި ރަޝިޔާ ސިފައިންގެ މީހަކު ހަތިޔާރާއެކު ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

ޔޫކްރޭންގެ ޒަޕަރޯޖިއާގައި ހުންނަ ޔޫރަޕްގެ އެންމެ ބިޔަ ނިއުކްލިއާ އިންޖީނުގޭގެ ބޭރުގައި ރަޝިޔާ ސިފައިންގެ މީހަކު ހަތިޔާރާއެކު ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

ޔޫކްރޭނާއި ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި، ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ބިންތަކަކީ ރަޝިޔާގެ ބިންތަކެއް ކަމުގައި ކަނޑައެޅުމާ ގުޅޭ ގޮތުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މެދުގައި ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ ޣައިރު ގާނޫނީ އަމަލެކެވެ.

ރަޝިޔާ އިން ރާވާފައި އޮތީ ދެކުނުގެ ޚެރްސޯން އާއި ޒަޕަރޯޖިޔާ ސަރަހައްދު ރަޝިޔާއާ ގުޅައިލުމާ ބެހޭ ގޮތުން، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އެ ދެ ސަހަރުގެ ތެރެއިން ޒަޕަރޯޖިޔާއަކީ ޔޫރަޕްގައި ހުރި އެންމެ ބޮޑު ނިއުކްލިއާ އިންޖީނުގެ ހުންނަ ސަހަރެވެ.

ފެންނަ ނުފެންނަ ވޯޓު ނެގުން ފަސްކޮށްލާފައިވާ އިރު، ޔޫކްރޭން ސިފައިން މިހާރު ގެންދަނީ ޚެރްސޯން އާއި ޒަޕަރޯޖިޔާ އަލުން ހިފުމަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ޔޫކްރޭން ސިފައިން ބުނި ގޮތުގައި ޚެރްސޯންގެ މެދުތެރެއިން ފެށިގެން 167 ކިލޯމީޓަރު އުތުރުގައި އޮންނަ ވީސޮކޮޕިލްޔާ އަވަށް މިހާރު ވަނީ ޔޫކްރޭން ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދެވިފަ އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރޭ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެ ގައުމުގެ ދެކުނުގައި މީހުން ދިރިއުޅޭ މުހިންމު ދެ ސަރަހައްދެއް ޔޫކްރޭން ސިފައިންގެ ބާރުގެ ދަށަށް އަނބުރާ ގެންދެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ދެ ސަރަހައްދެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ޚެރްސޯން އާއި ޒަޕަރޯޖިޔާގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ރަޝިޔާ އިން ނިންމުމާ ގުޅިގެން، ޔޫކްރޭން ސަރުކާރުން ވަނީ އެކަމުގައި ޔޫކްރޭންގެ އެއްވެސް ރައްޔިތަކު ބައިވެރިނުވެ، އެ ދެ ސަހަރު ދޫކޮށް ދިއުމަށް އަންގައިފަ އެވެ. އަދި ރަޝިޔާއިން ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވާ ޔޫކްރޭންގެ ކޮންމެ ރައްޔިތެއްގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅޭނެ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އިރީނާ ވެރެޝްޗުކް ވިދާޅުވި އެވެ.

ރަޝިޔާ އިން 2014 ވަނަ އަހަރު ޔޫކްރޭނާ ދެކޮޅަށް ކުރި ހަނގުރާމައިގައި، ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ ދެކުނުން ވަކިން އޮންނަ ކްރީމިއާ ކިޔާ ޖަޒީރާ ހިފައިފަ އެވެ. އެއަށް ފަހު އެ ޖަޒީރާއަކީ ރަޝިޔާގެ ބައެއް ކަމުގައި ކަނޑައެޅުމަށް، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ މެދުގައި ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ފަހު، ކްރީމިއާއަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅައިފަ އެވެ.