Roadha Mihaaru
ރަޝިޔާގެ ވަރުގަދަ ހަމަލާތަކުން ޔޫކްރޭން ގުޑުވާލައިފި

ރަޝިޔާގެ ވަރުގަދަ ހަމަލާތަކުން ޔޫކްރޭން ގުޑުވާލައިފި

11 އޮކްޓޯބަރ 2022

ރަޝިޔާ ސިފައިން ވައިގެ މަގުން، ޔޫކްރޭންގެ ބޮޑެތި ހުރިހާ ސަހަރުތަކަށް އިއްޔެ ވަރުގަދަ ހަމަލާތަކެއް ދީ އެ ގައުމަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިކޮށްފި އެވެ.

ރަޝިޔާ ސިފައިން ވައިގެ މަގުން، ޔޫކްރޭންގެ ބޮޑެތި ހުރިހާ ސަހަރުތަކަށް އިއްޔެ ވަރުގަދަ ހަމަލާތަކެއް ދީ އެ ގައުމަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިކޮށްފި އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، އިއްޔެ ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް ދިން މިސައިލާއި ރޮކެޓާއި ބޮމުގެ ހަމަލާތަކަކީ، މި އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ހަނގުރާމަ ފެށި ފަހުން، މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި ދިން އެންމެ ގިނަ އަދި އެންމެ ވަރުގަދަ ހަމަލާތަކެވެ. ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ މެދުތެރެ އަށް ވެސް ފުރަތަމަ ފަހަރަށް ހަމަލާތަކެއް ދިނީ އިއްޔެ އެވެ.

ރަޝިޔާ އިން އިއްޔެ ދިން ވަރުގަދަ ހަމަލާތައް، އދ. މަޖިލީހާއި ހުޅަނގުގެ ގައުމުތަކުން ދަނީ ކުށްވެރިކުރަމުންނެވެ. އެމެރިކާ އިން ބުނި ގޮތުގައި ރަޝިޔާ އިން އިއްޔެ ދިން ހަމަލާތައް އަމާޒުކުރީ ހަމައެކަނި އަސްކަރީ ތަންތަނަކަށް ނޫނެވެ.

ޔޫކްރޭންގެ އަސްކަރީ މަގާމުތަކުގެ އިތުރުން، ޔުނިވަސިޓީތަކާއި ކުޑަކުދިން ކުޅޭ ބިންތަކާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ވެސް، ރަޝިޔާ އިން އިއްޔެ ބޮން އެޅިކަމަށް އެމެރިކާ އިން ބުންޏެވެ. ރަޝިޔާގެ ހަމަލާތައް ވަރުގަދަ ކުރިޔަސް، އެމެރިކާ އިން ޔޫކްރޭނަށް ދޭ އަސްކަރީ އެހީތައް ދެމުންދާނެ ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ، ރަޝިޔާ އިން ޔޫކްރޭނަށް އިއްޔެ ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން ކުއްލި ސިހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މިއީ ހަނގުރާމަ އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށާއި، މި ފަދަ ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާ އިއްޔެ ޔޫކްރޭނަށް ދިން ހަމަލާތަކަކީ، މިދިޔަ ހޮނިހިރު ދުވަހު ޔޫކްރޭން ސިފައިން ހަމަލާ ދީ، ކްރީމިއާ ބްރިޖް ގޮއްވައިލުމުން، އެކަމަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އަދި އެއަށް ވުރެ ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ހުއްދަ ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ "ފުރަތަމަ އެޕިސޯޑް ދައްކައި ނިމުނީ" ކަމަށާއި "އިތުރު އެޕިސޯޑްތައް އަންނަން އަދި އެބަހުރި" ކަމަށެވެ.

ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާ ސިފައިން އިއްޔެ ހަމަލާތައް ފެށީ، ހެނދުނުގެ ވަގުތުގައި މަގުތަކުގެ ކާރުބާރު އެންމެ ބޮޑުވާ ވަގުތާ ދިމާކޮށެވެ. އިއްޔެ ހެނދުނުން ފެށިގެން އިރުއޮއްސުމާ ދެމެދު ރަޝިޔާ އިން ޔޫކްރޭނަށް 83 މިސައިލް ފޮނުވައިލި ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުންޏެވެ. ނަމަވެސް އޭގެ ތެރެއިން 43 މިސައިލް، ވައިގެ ތެރޭގައި ގޮއްވައިލި ކަމަށް ވެސް ޔޫކްރޭނުން ބުންޏެވެ.

ޔޫކްރޭންގެ ބޮޑެތި ހުރިހާ ސަހަރުތަކަށް އިއްޔެ ދިން މި ހަމަލާތަކުގައި މަދުވެގެން 14 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވި އެވެ. އަދި ބައެއް ސަހަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑި ބްރިޖްތައް ހަލާކުވުމުގެ ސަބަބުން އެއްގަމު ދަތުރުތަކަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.