Roadha Mihaaru
ދޮންބާސް އަލުން ހިފުމަށް ޔޫކްރޭނުން މަސައްކަތް ފަށައިފި

ދޮންބާސް އަލުން ހިފަން ޔޫކްރޭނުން މަސައްކަތް ފަށައިފި

07 ޖުލައި 2022

ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދަށް މިހާރު ވެރިވެގެން ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދުން ބާލައި، މުޅި ދޮންބާސް އަލުން ޔޫކްރޭންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް، ޔޫކްރޭން ސިފައިން މިހާރު ފަށާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދަށް މިހާރު ވެރިވެގެން ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދުން ބާލައި، މުޅި ދޮންބާސް އަލުން ޔޫކްރޭންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް، ޔޫކްރޭން ސިފައިން މިހާރު ފަށާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ދޮންބާސް އަލުން ހިފުމަށް ޔޫކްރޭން ސިފައިން މިއަދު ވެސް ވަރުގަދަ ހަމަލާތަކެއް ދިން ކަމަށް ޔޫކްރޭނުން މި ބުނީ، ދޮންބާސް ސަރަހައްދުގެ މައި ސަހަރުތަކުގެ ތެރެއިން، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އެންމެ ފަހުން އޮތް ލީސީޗަންސްކް، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ދިޔަތާ އެއް ދުވަސް ފަހުންނެވެ. އެ ސަހަރުގައި ތިބި ޔޫކްރޭން ސިފައިން ފައިބައި، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް އެ ސަހަރު ހިނގައްޖެ ކަމަށް ޔޫކްރޭން ސަރުކާރުން ވެސް އެއްބަސްވި އެވެ.

ދޮންބާސްގެ ލުހާންސް ޖުމްހޫރިއްޔާގައި ހުންނަ، ޔޫކްރޭންގެ އަސްކަރީ އިދާރީ ވެރިޔާ ސެރްހީ ހޭއިޑޭ ވިދާޅުވީ، ދޮންބާސް ސަރަހައްދު އަލުން ހިފުމަށް ޔޫކްރޭން ސިފައިން މިއަދު ވަރަށް ވަރުގަދަ ހަމަލާތަކެއް ދީ ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށެވެ. ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގައި ވެސް ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް މިއަދު ދީފައިވާނެ ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެ އެވެ.

ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާއަކީ، މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު މިނިވަންކަން އިއުލާން ކުރުމުން ރަޝިޔާ އިން އެކަން ބަލައިގެންފައިވާ ދެ ޖުމްހޫރިއްޔާ އެވެ. ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް، ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު ހަމަލާތައް ދޭން ފެށީ، އެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ރިއާސީ ގަރާރަކުން ގަބޫލުކުރެއްވުމަށް ފަހު އެވެ.

ސެރްހީ ހޭއިޑޭ ވިދާޅުވީ ލުހާންސްކް ޖުމްހޫރިއްޔާގެ ލީސީޗަންސްކް ހިފުމަށް ރަޝިޔާ ސިފައިން ކުރި ހަނގުރާމައިގެ ތެރޭގައި ވެސް، ޔޫކްރޭން ސިފައިން ދިން ރައްދު ހަމަލާތަކުގައި ރަޝިޔާގެ އެތައް ހާސް ސިފައިން މަރުވި ކަމަށެވެ. ރަޝިޔާ ސިފައިންގެ އަދަދު ގިނަވެފައި ހަތިޔާރު ގިނައިން ހުއްޓަސް، ޔޫކްރޭން ސިފައިން ތިބީ އެއަށް ވުރެ މާ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދުގެ ބޮޑު ބައެއް ހިފައި، ޔޫކްރޭންގެ އެތެރެ އަށް ރަޝިޔާ ސިފައިން ޖެހެމުން ދާއިރު، ޒަމާނީ ބަރު ހަތިޔާރާއި އަސްކަރީ އިތުރު ސާމާނު ފޯރުކޮށްދިނުމަށް ޔޫކްރޭނުން ދަނީ ވިލާތުގެ ގައުމުތަކަށް ގޮވައިލަމުންނެވެ.

މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދެވޭ ޔޫކްރޭންގެ ކޮންމެ ސަރަހައްދެއް ރަޝިޔާގެ ބާރުގެ ދަށަށް ދަނީ، ދެ ފަރާތުގެ މެދުގައި ގިނަ ދުވަސްތަކެއް ވަންދެން ހަމަލާތައް ބަދަލުކޮށް، އެ ސަރަހައްދެއް އެކުގައިހެން ސުންނާފަތިވާ ފަހުންނެވެ.