Roadha Mihaaru
ރަޝިޔާގެ ރިޒާވް ސިފައިން ހަނގުރާމައަށް ނެރެނީ

ރަޝިޔާގެ ރިޒާވް ސިފައިން ހަނގުރާމައަށް ނެރެނީ

21 ސެޕްޓެމްބަރ 2022

ރަޝިޔާގެ ރިޒާވް ލަޝްކަރުގައި ހިމެނޭ ބައެއް ސިފައިން ހަނގުރާމައަށް ނުކުތުމުގެ ރިއާސީ ގަރާރެއްގައި، އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ސޮއި ކުރައްވައި، އެ ގަރާރު ތަންފީޒުކުރުމަށް އަމުރު ކުރައްވައިފި އެވެ.

ރަޝިޔާގެ ރިޒާވް ލަޝްކަރުގައި ހިމެނޭ ބައެއް ސިފައިން ހަނގުރާމައަށް ނުކުތުމުގެ ރިއާސީ ގަރާރެއްގައި، އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ސޮއި ކުރައްވައި، އެ ގަރާރު ތަންފީޒުކުރުމަށް އަމުރު ކުރައްވައިފި އެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވައި މިއަދު ދެއްވި ތަގުރީރެއްގައި ރައީސް ޕުޓިން ވިދާޅުވީ ރަޝިޔާގައި ގިނަ އަދަދެއްގެ ހަތިޔާރު އެބަހުރި ކަމަށެވެ. މިއީ ބަޔަކަށް އޮޅުވައިލުމަށް މަކަރު ހަދައިގެން ދައްކާ ވާހަކައެއް ނޫން ކަމަށާއި، ރަޝިޔާ ސިފައިން ޔޫކްރޭންގައި މަސައްކަތް ކުރަމުން ދަނީ ދޮންބާސް ސަރަހައްދުގައި ތިބި "އަހަރެމެންގެ ރައްޔިތުން ހިމާޔަތްކުރުމަށް" ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޤައުމުގެ ސަރަޙައްދީ އެއްބައިވަންތަކަމަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ރަޝިޔާއާއި އަޅުގަނޑުމެންގެ ރައްޔިތުން ދިފާޢުކުރުމަށްޓަކައި، އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއް އަޅުގަނޑުމެން ބޭނުންކުރާނަން. މިއީ ސަމާސާ ވާހަކައެއް ނޫން.

ރައީސް ޕުޓިން ވިދާޅުވީ ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށްޓަކައި، ރަޝިޔާ އަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކުރާނެ ކަމަށެވެ.

"ނިއުކްލިއާ ހަތިޔާރުން އަހަރެމެން ބްލެކްމެއިލް ކުރަން އުޅޭ މީހުން ރަނގަޅަށް ދަންނަންޖެހޭނެ، ޖެހެމުންދާ ވައިރޯޅިވެސް އެމީހުންނާ ދިމާލަށް އެނބުރޭނެކަން،" ރައީސް ޕުޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަމުން ދަނީ ނިއުކްލިއާ ހަތިޔާރުގެ ބިރު ދައްކައިގެން ރަޝިޔާ ބްލެކްމެއިލް ކުރާށެވެ. އަދި ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ސުލްހަވެރިކަން ގާއިމުވެފައި އޮތުމަށް ހުޅަނގުގެ ގައުމުތައް ނޭދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ެސް އޭނާ ވިދާޅުވި އެވެ.

ރިޒާވް ލަޝްކަރުގެ ސިފައިން ހަނގުރާމަ އަށް ނެރުމަށް ރައީސް ޕުޓިން ނިންމެވި އިރު، ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް ރަޝިޔާއާ ގުޅާލުމަށްޓަކައި، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް، މި ހަފުތާގެ ތެރޭގައި ނެގުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަށް ތާއީދުކުރައްވައި ޕުޓިން ވިދާޅުވީ ދޮންބާސް ސަރަހައްދުގެ މީހުން، ނާޒީންގެ މުށުތެރޭގައި ތިބެން ބޭނުންނުވާ ކަމަށާއި އެމީހުންގެ އެ ނިންމުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ރައީސް ޕުޓިންގެ ތަގުރީރު ނިމުމާއެކު، ރަޝިޔާގެ ދިފާއީ ވަޒީރުގެ ތަގުރީރެއް ވެސް ރަޝިޔާ ޓީވީން މިއަދު ވަނީ ދައްކައިފަ އެވެ. ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވީ ރިޒާވް ލަޝްކަރުގެ ތެރެއިން، ޔޫކްރޭނަށް ފޮނުވާނީ އަސްކަރީ ތަޖުރިބާ ލިބިފައިވާ މީހުން ކަމަށެވެ. އެ ގޮތުން ތިން ލައްކަ ރިޒާވް ސިފައިން ޔޫކްރޭނަށް ފޮނުވުމަށްޓަކައި ޚިދުމަތަށް ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ރިޒާވް ސިފައިން ހަނގުރާމަ އަށް ފޮނުވުމަށް ރައީސް ޕުޓިން މި ނިންމެވީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދިން ހަތިޔާރުތައް ބޭނުންކޮށްގެން ޔޫކްރޭން ސިފައިން ވަރުގަދަ ރައްދު ހަމަލާތަކެއް ދީ، ހިފާފައިވާ ބިންތަކުން ރަޝިޔާ ސިފައިން ވަރަށް ބޮޑަށް ފަހަތަށް ޖައްސާފައި ވަނިކޮށެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން، ރަޝިޔާއާ ބައިވެރިވެ ރަޝިޔާގެ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމާ މެދު އާންމުން ދެކޭ ގޮތެއް ބެލުމަށް ވޯޓުލުން އޮންނާނީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ޒަޕަރޯޖިޔާ އާއި ޚެރްސޯންގަ އެވެ. އޭގެ އިތުރުން އިރުމަތީ ދެ ސަރަހައްދެއް ކަމަށްވާ ލުހާންސްކް އާއި ޑޮނެޓްސްގައި ވެސް ފެންނަ ނުފެންނަ ވޯޓުލުން އޮންނާނެ އެވެ.

މިހާތަނަށް ހަމަޖެހިފައިވާ ގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުން ފެށޭނީ މިއަންނަ ހުކުރު ދުވަހު އެވެ. އެ ސަރަހައްދުތަކުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހުކުރު ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް، ޚިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ދާނެ އެވެ.

ޔޫކްރޭންގެ ބިންތައް ރަޝިޔާއާ ގުޅައިލުމުގެ ވޯޓެއް ނެގުމަށް ރަޝިޔާ އިން ނިންމުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުން މިހާރު އަންނަނީ އެކަން ކުށްވެރިކޮށް ރަޝިޔާއާ ދެކޮޅަށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ. ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތުން ބުނި ގޮތުގައި އެފަދަ ސައްހަ ނޫން ވޯޓެއްގެ ނަތީޖާ އެ ދެގައުމުން ގަބޫލެއް ނުކުރާނެ އެވެ. ނޭޓޯ އިން ބުނީ އެފަދަ ވޯޓެއް ރޭވުމުގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވެ ގޯސްވުން ނޫން ކަމެއް ހާސިލު ނުވާނެ ކަމަށެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން ވިދާޅުވީ ގައުމެއްގެ މިނިވަންކަމާއި ސަރަހައްދު ފޭރިގަތުމަށް ނަގާ ވޯޓެއް އެމެރިކާ އިން ބަލައިނުގަންނާނެ ކަމަށެވެ. އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) އިން ބުނީ، ގާނޫނުތަކާ ޚިލާފަށް، އިސްތިއުމާރީ ބާރަކުން ނަގާ ވޯޓެއްގައި ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނުހުންނާނެ ކަމަށެވެ.

ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ހަތަރު ސަރަހައްދެއްގައި، މި ހަފުތާގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ގަސްދުކުރާކަން އިއުލާންކުރީ، އެ ސަރަހައްދުތަކަށް ރަޝިޔާ ސަރުކާރުން ކަނޑައަޅާފައިވާ އިސް އޮފިޝަލުންނެވެ. އެ އޮފިޝަލުންނަކީ ޔޫކްރޭންގެ ރައްޔިތުން ކަމަށް ވިޔަސް، އެމީހުން މަސައްކަތް ކުރަނީ ރަޝިޔާ ސަރުކާރުގެ އެންގުންތަކާ އެއްގޮތަށެވެ.

ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ ނިންމުމާ ދެކޮޅު ހަދަމުން ދާތީ، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އެ ގައުމުތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އދ.ގެ އާންމު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޑިއޯ ލިންކް މެދުވެރިކޮށް، ރައީސް ޒެލެންސްކީ ދެއްވާ ތަގުރީރުގައި، ރަޝިޔާގެ އެ ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ އެވެ. މީގެ ކުރިން 2014 ވަނަ އަހަރު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރި ހަނގުރާމައިގައި، ޔޫކްރޭންގެ ދެކުނުން ކަޅު ކަނޑުގެ ތެރޭގައި އޮންނަ ކްރީމިއާ ސަރަހައްދު ހިފައި، ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެ ހަނގުރާމަ އަށް ފަހު، ކްރީމިއާ ސަރަހައްދު ރަޝިޔާއާ ގުޅައިލުމާ ބެހޭ ގޮތުން، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ.

އެ ވޯޓުގެ ނަތީޖާ ދެއްކި ގޮތުން، ކްރީމިއާ ސަރަހައްދުގެ ގިނަ ބަޔަކު ބޭނުންވީ، ޔޫކްރޭނުން ވަކިވެ ރަޝިޔާގެ ވެރިކަމުގެ ދަށުގައި އެ ސަރަހައްދު އޮތުމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުން އެ ވޯޓުގެ ނަތީޖާ ގަބޫލެއް ނުކުރެ އެވެ.