Roadha Mihaaru
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ

ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ

14 ސެޕްޓެމްބަރ 2023

އުތުރު ކޮރެއާ އަށް ޒިޔާރަތް ކުރެއްވުމަށް އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން ދެއްވި ދައުވަތު ގަބޫލު ކުރައްވައި، އުތުރު ކޮރެއާ އަށް ވަޑައިގަތުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ނިންމަވައިފި އެވެ.

އުތުރު ކޮރެއާ އަށް ޒިޔާރަތް ކުރެއްވުމަށް އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން ދެއްވި ދައުވަތު ގަބޫލު ކުރައްވައި، އުތުރު ކޮރެއާ އަށް ވަޑައިގަތުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ނިންމަވައިފި އެވެ.

ރައީސް ޕުޓިން އެ ކަމަށް އެއްބަސްވެވަޑައިގަތީ، މިހާރު ރަޝިޔާ އަށް ވަޑައިގެން އުޅުއްވާ އުތުރު ކޮރެއާގެ ރައީސް ކިމްއާ އެކުގައި މި މަހުގެ 12، 13 ގައި ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށް ފަހު އެވެ. ރައީސް ކިމްގެ މި ދަތުރުފުޅަކީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމަ އަށް އިތުރު އަސްކަރީ އެހީތެރިކަން ހޯއްދެވުމަށް ރައީސް ޕުޓިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ރައީސް ކިމް ދެއްވި ދައުވަތު ގަބޫލު ކުރައްވައި، ރައީސް ޕުޓިން ވަނީ ފަސޭހަފުޅު ވަގުތެއްގައި އުތުރު ކޮރެއާ އަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންވާ ކަން ވެސް ރައީސް ޕުޓިން ވަނީ ކަށަވަރުކޮށްދެއްވާފައި ކަމަށް، އުތުރު ކޮރެއާ އިން ބުނެ އެވެ.

ރައީސް ކިމްގެ މި ދަތުރުގައި، ރައީސް ޕުޓިން ވަނީ ރަޝިޔާގެ އަސްކަރީ ބައެއް ޓެކްނޮލޮޖީ އާއި ޖައްވީ ޓެކްނޮލޮޖީގެ އާ ހޯދުންތައް ކިމްއާ ހިއްސާ ކުރައްވައިފަ އެވެ. އެ ގޮތުން ރަޝިޔާގެ އިރުމަތީގައި އަލަށް ހަދާފައިވާ ޖައްވީ ބަނދަރު، ވޮސްޓޮޗްނީ ކޮސްމޮޑްރޯމްގެ މަސައްކަތް ހިނގާ ގޮތް އިއްޔެ ކިމް އަށް ދައްކަވައިލެއްވި އެވެ. ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ވޮސްޓޮޗްނީ ކޮސްމޮޑްރޯމްގައި ރައީސް ކިމްއާ ބައްދަލުކުރެއްވީ، ސެޓެލައިޓް އުފެއްދުމުގައި އުތުރު ކޮރެއާ އަށް އެހީވާން ރަޝިޔާ ބޭނުންވާތީ އެވެ.

އެ ބަނދަރުގައި ދެ ބޭފުޅުން އިއްޔެ ވަނީ ހަތަރު ގަޑިއިރުގެ އެކަހެރި ބައްދަލުކުރެއްވުމެއް ބާއްވައިފަ އެވެ. ނަމަވެސް އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ކޮން ކަންތަކަކާ ބެހޭ ގޮތުން ކަމެއް އަދި ދެ ބޭފުޅުން އެއްބަސްވެވަޑައިގަތީ ކޮން ކަންތަކަކަށް ކަމެއް ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ.

ރައީސް ކިމް ރަޝިޔާ އަށް ވަޑައިގަތުމާ ގުޅިގެން އެމެރިކާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ރައީސް ކިމް އަށް ދައުވަތު ދެއްވައިގެން ރަޝިޔާ އަށް ގެންދެވީ، އުތުރު ކޮރެއާގައި އުފައްދާފައިވާ ބައެއް ބާވަތުގެ ހަތިޔާރު ރަޝިޔާ އަށް ގަންނަން ބޭނުންވާތީ އެކަމާ މަޝްވަރާ ކުރުމަށެވެ.

އެމެރިކާގެ އެ ތުހުމަތުތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ރައީސް ޕުޓިން ވިދާޅުވެފައިވަނީ، ރަޝިޔާ ބޭނުންވާ ހުރިހާ ދާއިރާތަކުން ވެސް ރައީސް ކިމްއާ އެކުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ. ރައީސް ކިމްއާ އެކުގައި ދައްކަންވީ ވާހަކަތަކާއި އެއްބަސްވާންޖެހޭ ކަންތަކަކީ އެހެން ގައުމަކުން ކަނޑައަޅަންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ކިމްގެ މި ދަތުރުގައި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓު އުފައްދާ ކާރުޚާނާ އަށް މިއަދު ޒިޔާރަތް ކުރައްވާނެ އެވެ. އަދި ރަޝިޔާގެ އެންމެ އިރުމަތީ ސަރަހައްދުގައި އޮންނަ ވްލާޑިވޮސްޓޮކް އަށް ވަޑައިގެން، ރަޝިޔާގެ ކަނޑުގެ ސިފައިންގެ ފެސިފިކް ލަޝްކަރަށް ޒިޔާރަތް ކުރައްވާނެ އެވެ. އޭނާގެ އަރިހުގައި މިދަތުރުގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި އުތުރު ކޮރެއާގެ ދިފާއީ ވަޒީރާއި ސިފައިންގެ އިސް ބައެއް ޖެނެރަލުންނާއި ހަތިޔާރު އުފެއްދުމާ ބެހޭ އިދާރާގެ ވެރިޔާ ހިމެނެ އެވެ.