Roadha Mihaaru
ޔޫކްރޭނާއި ރަޝިޔާގެ ވާހަކަތައް ތުރުކީގައި ފަށައިފި

ޔޫކްރޭނާއި ރަޝިޔާގެ ވާހަކަތައް ތުރުކީގައި ފަށައިފި

29 މާޗް 2022

ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން، ތުރުކީ ވިލާތުން އިސް ނަގައިގެން ބާއްވާ ސުލްހައިގެ ވާހަކަތައް، ތުރުކީ ވިލާތުގެ ވެރިރަށް އިސްތަންބޫލްގައި މިއަދު ފަށައިފި އެވެ.

ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން، ތުރުކީ ވިލާތުން އިސް ނަގައިގެން ބާއްވާ ސުލްހައިގެ ވާހަކަތައް، ތުރުކީ ވިލާތުގެ ވެރިރަށް އިސްތަންބޫލްގައި މިއަދު ފަށައިފި އެވެ.

ރަޝިޔާ އާއި ޔޫކްރޭންގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުން ފައްޓަވައިދެއްވީ ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އެވެ. ބައްދަލުވުން ފައްޓަވައިދެއްވަމުން އުރުދުޣާން ވިދާޅުވީ މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމުގައި ރަޝިޔާ އާއި ޔޫކްރޭންގެ ވެސް މަސްއޫލިއްޔަތު އެބަ އޮތް ކަމަށެވެ.

"އަހަރެމެން ގަބޫލުކުރާ ގޮތުގައި އަދުލުވެރި ސުލްހައެއް ގާއިމުވެގެން ދާއިރު، ނާކިޔާބުވާ އެކަކު ވެސް ނުހުންނާނެ. ހަނގުރާމަ ދިގުލައިގެން ދިއުމަކީ އެއްވެސް ބައެއްގެ މަސްލަހަތު ހުރި ކަމެއް ނޫން. މި ދަތިކަމުން އަރައިގަތުމުގެ ހުރިހާ ބާރެއް އޮތީ ތިޔަ ދެ ފަރާތުގެ އަތްމަތީގައި،" އުރުދުޣާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކުރާއިރު، ޔޫކްރޭނާއި ރަޝިޔާ ވެސް ކަންބޮޑުވާ މައްސަލަތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް، ހަރުދަނާ ބިނާކުރަނިވި ނަތީޖާއެއް ނެރުމުގެ ބޭނުންތެރިކަން އެއަށް ވުރެ މާ ބޮޑު ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އެހެންކަމުން ވަގުތުން ހަނގުރާމަ ހުއްޓާލައި، ދެ ފަރާތުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރެވޭ ފަދަ ނަތީޖާއެއް ނެރުމަށް ތުރުކީގެ ރައީސް ގޮވައިލެއްވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ޔޫކްރޭން ހަނގުރާމަ ހުއްޓުވައި ސުލްހަ ގާއިމުކުރެވޭތޯ އޭނާ މަސައްކަތް ފެއްޓެވީ ވަރަށް އިޚްލާސްތެރި ނިޔަތެއްގަ އެވެ. އަދި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަކީ އޭނާގެ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މަސްދުވަސް ފާއިތުވެ ފަސް ވަނަ ހަފުތާ އަށް ފެށިގެން ދިއުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެކެވެ.

އުރުދުޣާންގެ އިސްނެންގެވުމަށް އިސްތަންބޫލްގައި މި ބާއްވާ ބައްދަލުވުމަކީ، ރަޝިޔާ އާއި ޔޫކްރޭންގެ މަންދޫބުން، ދެ ހަފުތާ ފަހުން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މިދިޔަ ދުވަސްތަކުގައި ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ތުރުކީ ވިލާތުގައި ރަޝިޔާގެ މަންދޫބުންނާ އެކުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާ ޔޫކްރޭން ވަފްދުގެ އެއްވެސް މެންބަރަކު، އެ ބައްދަލުވުމުގެ ތެރެއިން އެއްވެސް އެއްޗެއް ނުކެއުމަށާއި ނުބުއިމަށް، ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމީޓްރޯ ކުލޭބާ ވަނީ އެދިވަޑައިގެންފަ އެވެ. އޭނާ އެކަމަށް އެދިވަޑައިގަތީ، ދެ ގައުމުގެ މެދުގައި ސުލްހައިގެ ވާހަކަތައް ދެއްކުމާ ބެހޭ ގޮތުން ޔޫކްރޭނަށް ވަޑައިގެންނެވި، ރަޝިޔާގެ މަހުޖަން ރޯމަން އެބްރޮމިވިޗަށް ބަޔަކު ޒަހަރު ދިން ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.

މިއަދު އިސްތަންބޫލްގައި ފެށި ވާހަކަތަކުގައި ވެސް އެބްރޮމިވިޗް ބައިވެރިވެ އެވެ. އޭނާއަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ.