Roadha Mihaaru
ގޮވާމުގެ ދަތި ފިލާނީ ރަޝިޔާއަށް ދަތިކުރުން ހުއްޓާލުމުން

ގޮވާމުގެ ދަތިކަން ފިލާނީ ރަޝިޔާ އަށް ދަތިކުރުން ހުއްޓާލައިގެން

20 ޖުލައި 2022

ދުނިޔޭގެ ގައުމުތަކަށް ބޭނުންވާ ގޮވާމުގެ ބާވަތްތައް ލިބުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތައް ފިލުވައިލެވޭނީ، ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އުވާލައިގެން ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ގައުމުތަކަށް ބޭނުންވާ ގޮވާމުގެ ބާވަތްތައް ލިބުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތައް ފިލުވައިލެވޭނީ، ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އުވާލައިގެން ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

އީރާނުގެ ވެރިރަށް ތެހެރާންގައި އިއްޔެ ބޭއްވި، ރަޝިޔާ، އީރާން އަދި ތުރުކީ ވިލާތުގެ އެންމެ އިސް ވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު، ރައީސް ޕުޓިން ވިދާޅުވީ ރަޝިޔާގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ވެސް، ހުޅަނގުން ހުރަސްތައް ކުރިމަތިކޮށްފައިވާ ކަމަށެވެ. ޔޫކްރޭނުން ދުނިޔޭގެ އެކި ގައުމުތަކަށް އެކްސްޕޯޓްކުރުމަށް ތައްޔާރުކޮށްފައި ހުރި ގޮވާމުގެ ޝިޕްމެންޓްތައް އެ ގައުމުން ފަސޭހަކަމާ އެކު ބޭރުކުރެވޭނީ، ރަޝިޔާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އުވާލައިގެން ކަމަށް ޕުޓިން ވިދާޅުވި އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޕުޓިން ވިދާޅުވީ ޔޫކްރޭންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ދޫކޮށްލެވޭނެ ހަމައެކަނި ގޮތަކީ، ރަޝިޔާގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ކުރިމަތިކޮށްފައި ހުރި ހުރަސްތައް ހުޅަނގުގެ ގައުމުތަކުން ނައްތައިލުމެވެ. ހުޅަނގުގެ ގައުމުތަކުން އެ ފިޔަވަޅު އަޅައިފި ނަމަ، ރަޝިޔާ އޮތީ ޔޫކްރޭންގެ ގޮވާންތައް އެކްސްޕޯޓް ކުރުމުގެ މަގު ފަހިކޮށްދޭން ތައްޔާރަށް ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ޖުލައި 19، 2022؛ އީރާންގެ ވެރިރަށް ތެހެރާންގައި ބޭއްވި، ތުރުކީ ވިލާތާއި އީރާނާއި ރަޝިޔާގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން (ކ) އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން (ވ) އާއި އީރާންގެ ރައީސް އިބްރާހީމް ރައީސީ (މ) ނޫސްވެރިންނާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

ޖުލައި 19، 2022؛ އީރާންގެ ވެރިރަށް ތެހެރާންގައި ބޭއްވި، ތުރުކީ ވިލާތާއި އީރާނާއި ރަޝިޔާގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން (ކ) އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން (ވ) އާއި އީރާންގެ ރައީސް އިބްރާހީމް ރައީސީ (މ) ނޫސްވެރިންނާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

އޭނާ ވިދާޅުވީ ޔޫކްރޭން ހަނގުރާމަ ފެށުމާއެކު، ރަޝިޔާގައި އުފައްދާ ކާދުގެ ބާވަތްތަކާއި ދަނޑުވެރިކަމުގެ ސާމާނު އެކްސްޕޯޓްކުރުމަށް ވެސް ހުޅަނގުން ހުރަސްތައް ކުރިމަތިކުރި ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އެމެރިކާ އަށް ލިބުނު ގެއްލުން ބޮޑުކަމުން، އެމެރިކާ އަމިއްލަ އަށް އެ ހުރަސްތައް މިހާރު ނައްތާލާފައިވާ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

އެހެންކަމުން ކާބޯތަކެތީގެ ބާޒާރަށް މިހާރު ކުރިމަތިވެފައިވާ ދަތިކަން ފިލުވަން ބޭނުން ނަމަ، ހުޅަނގުގެ ގައުމުތަކަށް އެ ފިޔަވަޅު ވެސް އެޅޭނެ ކަމަށް ޕުޓިން ވިދާޅުވި އެވެ. އެއީ ރަޝިޔާގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ހުރަސްތައް ނައްތައިލުމެވެ.

ތިން ގައުމުގެ މަހާސިންތާ ފެށުމުގެ ކުރިން ޕުޓިން ވިދާޅުވީ ޔޫކްރޭންގެ ގޮވާމުގެ ބާވަތްތައް، ކަޅު ކަނޑުގެ ތެރެއިން އެކްސްޕޯޓް ކުރެވޭނެ މަގު ފަހިކުރުމަށް ތުރުކީ ވިލާތުން އިސް ނަގައިގެން ކުރަމުން އަންނަ މަޝްވަރާތަކުން ބިނާކުރަނިވި ނަތީޖާތައް ހާސިލުވަމުން އަންނަ ކަމަށެވެ.

ގޭހާއި ތެލުގެ ބާވަތްތަކުގެ ބާޒާރަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ ރަޝިޔާގެ ގޭސް ކުންފުނި އޮތީ އެހެން ގައުމުތަކާ އެކުގައި ވެފައިވާ އެއްބަސްވުންތަކަށް ފުރިހަމައަށް އަމަލުކުރުން މަތީގައި ކަމަށެވެ. ރަޝިޔާ ސަރުކާރުގެ ގޭސް ކުންފުނި "ގާޒްޕްރޮމް" އިން ވިލާތުގެ ގައުމުތަކަށް ފޮނުވާ ގޭހުގެ މިންވަރު މަދުކޮށްލާފައި އޮތަސް، އެ ކުންފުންޏާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުން، ކުރިއެކޭ ވެސް އެއްގޮތަށް ރަޝިޔާގެ ގޭސް އެ ގައުމުތަކަށް ފޮނުވާނެ ކަމަށް ޕުޓިން ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރުތަކުގައި ގޭހާއި އެހެން ބާވަތްތަކުގެ އަގު އުފުލެމުންދާއިރު، ވިލާތުގެ ގައުމުތަކުން މަސައްކަތް ކުރަނީ އެ ހުރިހާ ކަމެއްގެ ޒިންމާ ރަޝިޔާގެ ބޮލުގައި އަޅުވަން ކަމަށް ޕުޓިން ވިދާޅުވި އެވެ. އެހެން ނަމަވެސް، ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ ގޭސް ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުމުން، އެކަމުގެ ގެއްލުން ލިބުނީ ހަމަ އެ ގައުމުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.