Roadha Mihaaru
ޔޫކްރޭންގެ ގޮވާން ބަނދަރަށް ރަޝިޔާ ހަމަލާ ދީފި

ޔޫކްރޭންގެ ގޮވާން ބަނދަރަށް ރަޝިޔާ ހަމަލާ ދީފި

04 ސެޕްޓެމްބަރ 2023

ޔޫކްރޭންގައި އުފައްދާ ގޮވާން އެ ގައުމުން އެކްސްޕޯޓްކުރުމާ ގުޅޭ ގޮތުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބައްދަލުކުރައްވަން ކުޑަތަންވެފައި ވަނިކޮށް، ޔޫކްރޭންގެ ބަނދަރަށް ރަޝިޔާ އިން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ޔޫކްރޭންގައި އުފައްދާ ގޮވާން އެ ގައުމުން އެކްސްޕޯޓްކުރުމާ ގުޅޭ ގޮތުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބައްދަލުކުރައްވަން ކުޑަތަންވެފައި ވަނިކޮށް، ޔޫކްރޭންގެ ބަނދަރަށް ރަޝިޔާ އިން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ޔޫކްރޭނުން ބުނި ގޮތުގައި ހޯމަ ވިލޭރޭ މެންދަންވި ފަހުން، ރަޝިޔާ އިން ވަނީ ޑްރޯންތަކެއް ބޭނުންކޮށްގެން ޔޫކްރޭންގެ އެންމެ ބޮޑު ވިޔަފާރި ބަނދަރަށް ހަމަލާތަކެއް ދީފަ އެވެ. ދާނޫބް ކޯރުގެ އައްސޭރީގައި އޮންނަ އިޒްމާއީލް ވިޔަފާރި ބަނދަރަށް ދިން ޑްރޯން ހަމަލާތަކުގައި އެ ބަނދަރަށާއި އެ ސަހަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ޔޫކްރޭންގެ އޮޑެއްސާ ސަރަހައްދުގެ ގަވަރުނަރު އޮލޭ ކީޕާ ވިދާޅުވި ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާ އިން ގިނަ އަދަދެއްގެ ޑްރޯންތަކެއް އޮޑެއްސާ ސަރަހައްދަށް ހަމަލާ ދޭން ފޮނުވި އެވެ. އޭގެ ތެރެއިން 17 ޑްރޯންއެއް ވައިގެ ތެރޭގައި ގޮއްވައިލެވުނު ނަމަވެސް، ބައެއް ޑްރޯންތައް ވަނީ ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ރެކިގަނެ އޭގެ އަމާޒަށް ވާސިލުވެފަ އެވެ.

އެ ޑްރޯންތައް އަމާޒުވި ތަންތަނުގެ ތެރޭގައި އިޒްމާއީލް ސަހަރުގެ ބައެއް އިމާރާތްތަކާއި، ވިޔަފާރި ބަނދަރުގައި ހުރި ގޮދަން ރައްކާކުރާ ގުދަންތަކާއި ގޮވާމުގެ ބާވަތްތައް ބަންދުކުރާ އިމާރާތް ހިމެނެ އެވެ. އޭގެ އިތުރުން އެ ސަހަރުގައި ހުރި ދަނޑުވެރިކަމާ ބެހޭ ބައެއް މެޝިންތަކާއި ސިނާއީ މަސައްކަތް ކުރާ ކުންފުނިތަކުގެ ތަކެއްޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބު ކަމަށް ޔޫކްރޭނުން ބުންޏެވެ.

އިޒްމާއީލް ސަހަރުގެ އިތުރުން އޮޑެއްސާގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާ އިން ޑްރޯން ހަމަލާތަކެއް ދިނެވެ. ޔޫކްރޭންގެ ވައިގެ ދިފާއީ ލަޝްކަރުން ބުނި ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާ އިން ޔޫކްރޭނަށް ފޮނުވައިލި، އީރާންގައި އުފައްދާފައިވާ ޝާހިދު މަރުކާގެ 32 ޑްރޯންގެ ތެރެއިން 23 ޑްރޯން ވައްޓައިލެވުނެވެ.

ޔޫކްރޭންގެ ގޮވާން ބޭރުކުރާ ބަނދަރަށް ރަޝިޔާ އިން ޑްރޯން ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދިން އިރު، ރަޝިޔާގެ ރައީސް ޕުޓިންއާ އެކުގައި މަޝްވަރާ ކުރެއްވުމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިއަދު ރަޝިޔާ އަށް ވަޑައިގަންނަވާނެ އެވެ. ދެ ބޭފުޅުން ބައްދަލުކުރައްވަނީ، ޔޫކްރޭންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

ޔޫކްރޭނުން ގޮވާން އެކްސްޕޯޓްކުރުމާ ގުޅޭ ގޮތުން ތުރުކީ ވިލާތާއި އދ. މަޖިލިސް މެދުވެރިވެގެން، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ ޖުލައި 2022ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޔޫކްރޭންގެ ބަނދަރުތަކުން ވަނީ 33 މިލިއަން މެޓްރިކް ޓަނުގެ ގޮވާން އެކްސްޕޯޓްކޮށްފަ އެވެ.

ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން އެކްސްޕޯޓްކުރާ ގޮވާމުގެ ބާވަތްތައް ގެންދަނީ ބޭނުންޖެހިފައިވާ ފަގީރު ގައުމުތަކުގެ ބަދަލުގައި ޔޫރަޕްގެ މުއްސަނދި ގައުމުތަކަށް ކަމަށް ބުނެ، މީގެ ދޮޅު މަސް ކުރިން ރަޝިޔާ ވަނީ އެ އެއްބަސްވުމުން ވަކިވެފަ އެވެ. އެ އެއްބަސްވުމުން ވަކިވުމަށް ފަހު، ރަޝިޔާ އިން ވަނީ ޔޫކްރޭންގެ ވިޔަފާރި ބަނދަރުތަކަށް ވައިގެ މަގުން ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ.