Roadha Mihaaru
ގޮވާން އެކްސްޕޯޓްގެ އެއްބަސްވުން ދަމަހައްޓަން ނިންމައިފި

ގޮވާން އެކްސްޕޯޓްގެ އެއްބަސްވުން ދަމަހައްޓަން ނިންމައިފި

17 ނޮވެމްބަރ 2022

ޔޫކްރޭނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ މަގު ފަހިކޮށްދިނުމަށް، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ވެފައިވާ އެއްބަސްވުން އެ ގޮތުގައި ދަމަހައްޓަން ރަޝިޔާ އިން މިއަދު އެއްބަސްވެއްޖެ އެވެ.

ޔޫކްރޭނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ މަގު ފަހިކޮށްދިނުމަށް، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ވެފައިވާ އެއްބަސްވުން އެ ގޮތުގައި ދަމަހައްޓަން ރަޝިޔާ އިން މިއަދު އެއްބަސްވެއްޖެ އެވެ.

އދ. މަޖިލީހާއި ތުރުކީ ވިލާތުގެ ބައިވެރިވުމާއި މެދުވެރިވުން މުހިންމު ދައުރެއް އަދާކޮށްގެން، މިއަހަރުގެ ޖުލައި މަހުގެ ކުރީކޮޅު، ހަތަރު މަސްދުވަހަށް ގާއިމުކުރި އެއްބަސްވުމުގެ މުއްދަތު މިއަންނަ ހޮނިހިރު ދުވަހު ހަމަވާނެ އެވެ. މުއްދަތު ހަމަވުމުގެ ކުރިން، އެ އެއްބަސްވުން ދަމަހައްޓަން ރަޝިޔާ އިން އެއްބަސްވީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ރަޝިޔާގެ އިސް ވެރިންނާ އެކުގައި ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް މިއަދު ވިދާޅުވީ ޖުލައި މަހު ސޮއިކުރި އެއްބަސްވުން ދަމަހައްޓަން ރަޝިޔާ އާއި ޔޫކްރޭން ވެސް އެއްބަސްވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ޔޫކްރޭނުން އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި އެ ގައުމުގައި އުފައްދާ ގޮވާމުގެ ބާވަތްތަކާއި އެހެނިހެން ކާބޯތަކެއްޗާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ގަސް ކާނާގެ ބާވަތްތައް ހިމެނެ އެވެ.

ދުނިޔޭގެ ބާޒާރަށް އަހަރެއްގެ ތެރޭގައި ނެރޭ ޖުމްލަ ގޮދަނުގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއް ބަޔަކީ ޔޫކްރޭނާއި ރަޝިޔާގައި އުފައްދައި ބާޒާރަށް ނެރޭ ގޮދަނެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ރަޝިޔާ އިން ވަނީ ކަޅު ކަނޑުގައިވާ ޔޫކްރޭންގެ ވިޔަފާރި ބަނދަރު ހިފައި، އެ ތަނުގެ އިމްޕޯޓް އެކްސްޕޯޓް ހުއްޓުވައިފަ އެވެ.

އެ ހަނގުރާމައާ ވިދިގެން، ޔޫކްރޭނުގެ ގޮވާމުގެ ބާވަތްތައް ދުނިޔޭގެ ބާޒާރަށް ނެރެވޭ ގޮތް ނުވުމުން، ދުނިޔޭގެ ބާޒާރުގައި ގޮދަން ފުށާއި ގޮވާމުގެ ބާވަތްތަކުގެ އަގު އުފުލެން ފެށި އެވެ. ގޮވާމުގެ އަގުތައް ވަކި ވަރެއްގައި ހިފެހެއްޓެން ފެށީ، އދ. މަޖިލީހާއި ތުރުކީ ވިލާތުގެ ބައިވެރިވުމާއެކު، ރަޝިޔާ އާއި ޔޫކްރޭނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން، ޔޫކްރޭންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރަން ފެށުމުންނެވެ.

މި އެއްބަސްވުމުގައިވާ ގޮތުން، ކަޅު ކަނޑުގެ އައްސޭރީގައިވާ ޔޫކްރޭންގެ ވިޔަފާރި ބަނދަރުތަކުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރަޝިޔާ އިން ދޭން ވާނެ އެވެ. އަދި އެ ބަނދަރުތަކުން ގޮވާން ހިފައިގެން ފުރާ އާގުބޯޓުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އަމާން މަގެއް ކަޅު ކަނޑުގެ ތެރެއިން ހަމަޖައްސައިދޭންވާނެ އެވެ. އަމާން މަގުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުގައި އެއްވެސް އަސްކަރީ ހަރަކާތެއް ހިންގުން ރަޝިޔާ އާއި ޔޫކްރޭނަށް ވެސް މަނާވާނެ އެވެ.

މިހާރު ހަނގުރާމަ ކުރަމުންދާ ރަޝިޔާ އާއި ޔޫކްރޭނަކީ ބައިނަލްއަގުވާމީ ބާޒާރަށް ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން ނެރޭ ދެ ގައުމެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައި، އެ ގައުމުގެ ކަނޑުގެ ބަނދަރުތައް ހިފުމާ ގުޅިގެން، ބައިނަލްއަގުވާމީ ގޮވާމުގެ އެކްސްޕޯޓަށް ވަނީ ހުއްޓުން އަރައިފަ އެވެ.

އދ.ގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއެއްބަސްވުމުގެ ދަށުން ޔޫކްރޭނުން އެކްސްޕޯޓްކުރާ ގޮވާމުގެ ބާވަތްތައް، ޔޫކްރޭންގެ ބަނދަރުތަކުން އާގުބޯޓުތަކަށް ބަރުކުރާނީ، ތުރުކީ ވިލާތާއި ޔޫކްރޭނާއި އދ.ގެ އޮފިޝަލުން ހިމެނޭ ގުރޫޕެއްގެ ބެލުމުގެ ދަށުންނެވެ. މުދާ ބަރުކޮށްފައިވާ އާގުބޯޓުތައް ކަޅު ކަނޑުގެ ތެރެއިން ދަތުރުކޮށް ބޭރު ކަނޑަށް ނުކުންނާނީ، ޔޫކްރޭންގެ ޕައިލެޓް އުޅަނދުތަކުގެ އެހީތެރިކަމާ އެކުގަ އެވެ.

ކަޅު ކަނޑުގެ ތެރެއަށް ރަޝިޔާ އާއި ޔޫކްރޭންގެ ސިފައިން ވެސް ކަނޑު މައިން އަޅާފައިވާ އިރު، ކަޅު ކަނޑުގެ ތެރެއިން މަދަނީ ބޯޓުފަހަރު ދަތުރުކުރުމަކީ މިހާރު އެހާ ރައްކާތެރި ކަމެއް ނޫނެވެ. ކަޅު ކަނޑުގެ ތެރެއިން ދަތުރުކުރާ އާގުބޯޓުތައް ތުރުކީ ވިލާތުގެ ބޮސްފަރޮސް ކަނޑުއޮޅި ހުރަސްކުރާނީ، ތުރުކީ ވިލާތާއި ޔޫކްރޭނާއި ރަޝިޔާ އަދި އދ.ގެ އޮފިޝަލުން ހިމެނޭ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.