08 ޖޫން 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ހުރިހާ ގައުމުތަކުގައި ވެސް ތަކެތީގެ އަގު އުފުލި އިންފްލޭޝަން މައްޗަށް ދާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ހުރިހާ ގައުމުތަކުގައި ވެސް ތަކެތީގެ އަގު އުފުލި އިންފްލޭޝަން މައްޗަށް ދާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވި ގޮތުގައި އެމެރިކާގެ އިންފްލޭޝަން މިހާރު ހުރީ ގަބޫލުކުރެވޭ ވަރުގެ މިންވަރެއްގައެއް ނޫނެވެ. ނަމަވެސް އެއީ ހަމައެކަނި އެމެރިކާ އަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޔޫކްރޭނާ ދެކޮޅަށް (ރަޝިޔާގެ ރައީސް) ޕުޓިން ފަށާފައިވާ ހަނގުރާމަ އިން މުޅި ދުނިޔޭގައި ދަނީ ހަކަތަ އާއި ކާނާގެ އަގުތަކަށް ނުރަނގަޅު އަސަރުތަކެއް ފޯރަމުން. މިކަން ތަޖުރިބާކުރަން ޖެހިފައިވާ ގައުމަކީ ހަމައެކަނި އަހަރެމެންނެއް ނޫން. އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ހުރިހާ ގައުމެއް ވެސް މިހާރު އެ ދަނީ މިކަންތައް ތަޖުރިބާ ކުރަމުން،" ޖެނެޓް ޔެލެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅި ދުނިޔެ މިފަދަ އިގްތިސާދީ އަޑިގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ އިރު، އެމެރިކާ އެކަނި އެކަމުން ސަލާމަތްވާނެ ގޮތެއް ނެތް ކަމަށެވެ.
"އަހަރެމެންނަކީ ވެސް، ދުނިޔޭގެ ޖިއޮގްރަފީ އަދި ސިޔާސީ އޮއިވަރަށް ހުށަހެޅިފައިވާ ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ ބައިވެރިއެއް. އެ ބާޒާރުތަކުގެ ތަބީއީ ސިފަތަކަށް ބަލާއިރު، ރަޝިޔާ ފަދަ ގައުމުތަކުން ކުރާ ކަންކަމުން އުފެދޭ ލޮޅުންތަކުގެ އަސަރު އަހަރެމެންނަށް ނުފޯރުމަކީ މުސްތަހީލު ކަމެއް."
އެހެންކަމުން، ދުނިޔޭގެ ޖިއޮގްރަފީ އަދި ސިޔާސީ އޮއިވަރުގައި ނުޖެހޭނެ ފަދަ ހަކަތައިގެ ވަސީލަތްތައް ކަމަށްވާ ވަޔާއި އަތްވަށް އެމެރިކާ ބަރޯސާވާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ވެސް، ޖެނެޓް ޔެލެން ވިދާޅުވި އެވެ.
ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ޔޫކްރޭންގެ ކަނޑު ބަނދަރުތަކުން މުދާ ބޭރުކުރުން ވަނީ މުޅިންހެން ހުއްޓިފަ އެވެ. ޔޫކްރޭންގައި އުފައްދައި ބައިނަލްއަގުވާމީ ބާޒާރަށް ނެރެން ތައްޔާރުވެފައިވާ، އެތައް ހާސް ޓަނެއްގެ ގޮވާމުގެ ބާވަތްތައް އެ ބަނދަރުތަކުގައި ތާށިވެފައި ހުންނަތާ މިހާރު ހަތަރު މަސް ވަނީ އެވެ.
އެކަމާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުތަކުގައި ކާނާ އާއި ހަކަތައިގެ ބާވަތްތަކުގެ އަގުތައް ދަނީ އުފުލެމުންނެވެ. އެކަމަށް ޒިންމާވާންޖެހޭނީ ރަޝިޔާ ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަމުން ދަނިކޮށް، ރަޝިޔާ އިން މިދިޔަ ހޯމަ ދުވަހު ވަނީ، ޔޫކްރޭންގެ ދެކުނު އައްސޭރިއާ ގުޅިފައި އޮންނަ ދެ ކަނޑު ކަމަށްވާ ކަޅު ކަނޑާއި އަޒޯވް ކަނޑުގެ ބަނދަރުތަކުން އާގުބޯޓުފަހަރު ދަތުރުކުރުމަށްޓަކައި، ދެ ކަނޑު މަގު އަމާންކޮށްދީފަ އެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާ އިން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ކަޅު ކަނޑާއި އަޒޯވް ކަނޑުގެ އައްސޭރީގައިވާ ޔޫކްރޭންގެ ކަނޑު ބަނދަރުތަކުން މުދާ ހިފައިގެން ދަތުރުކުރާ މަދަނީ އާގުބޯޓުފަހަރަށް، އަމާންކަމާ އެކު ދަތުރުކުރެވޭނެ މަގު މިހާރު ވާނީ ތަނަވަސްކޮށްދީފަ އެވެ. އެހެން ނަމަވެސް، އެ ދެ ކަނޑާ ގުޅިފައިވާ ޔޫކްރޭންގެ އައްސޭރިފަށުގައި އާއި ބަނދަރު ސަރަހައްދުގައި ޔޫކްރޭން ސިފައިން ވަޅުލާފައިވާ މައިންތަކުގެ ސަބަބުން، އެ ސަރަހައްދު ބޭނުންކުރުމުގައި އަދިވެސް ނުރައްކާތައް ހުންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި ހުރި މުހިންމު ބަނދަރުތަކުގެ ތެރޭގައި، ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ އޮޑެއްސާ އާއި އަޒޯވް ކަނޑުގެ އައްސޭރީގައި އޮންނަ މަރިއުޕޯލް ހިމެނެ އެވެ. އެ ދެ ބަނދަރުގައި 20 މިލިއަން ޓަނަށް ވުރެ ގިނަ ގޮވާމުގެ ބާވަތްތައް، ޔޫކްރޭނުން ބޭރު ނުކުރެވިފައި އެބަހުއްޓެވެ.
ޔޫކްރޭނުން ބުނާ ގޮތުގައި އެ ގައުމުން މުދާ ހިފައިގެން ދަތުރުކުރާ އާގުބޯޓުތަކަށް ހުރަސްއެޅުމަށް، ކަޅު ކަނޑުގެ ތެރޭގައި ރަޝިޔާގެ ކަނޑުގެ ލަޝްކަރުގައި ހިމެނޭ 30 މަނަވަރާއި ސަބްމެރިން މިހާރުވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.
ހީރޯޝީމާ ސަމިޓް: ހުޅަނގާއި އިރުމަތީގެ ކޯޅުމެއް
ޔޫކްރޭންގެ ޚެރްސޯންގައި ރުބެލް ބޭނުންކުރަން ފަށަނީ
ރަޝިޔާ އަށް ދަތިކުރުމުން ޑޮލަރުގެ ނުފޫޒު ކުޑަވާނެ
ގަތަރާއި އެމިރޭޓްސް އިން ޖަރުމަނަށް ގޭސް ހޯދަނީ
ރަޝިޔާގައި ވިސާ އާއި މާސްޓާ ކާޑް މަނާކޮށްފި
ރަޝިޔާއާ ދެކޮޅަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް
ސްވިފްޓް ނިޒާމުން ރަޝިއާ އެކަހެރިކޮށްފި
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ