Roadha Mihaaru
ސްވިޑްން ނޭޓޯއަށް ވައްދަން އެހީވާނެކަމަށް ހީނުކުރާތި

ސްވިޑްން ނޭޓޯއަށް ވައްދަން އެހީވާނެކަމަށް ހީނުކުރާތި: ތުރުކީ

24 ޖެނުއަރީ 2023

ނޭޓޯގައި ބައިވެރިވުމަށް ސްވިޑްން އިން ކުރަމުން އަންނަ މަސައްކަތަށް ތުރުކީ ވިލާތުން އެއްވެސް އެހީތެރިކަމެއް ލިބޭނެ ކަމަށް އުންމީދު ނުކުރުމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިންޒާރު ކުރައްވައިފި އެވެ.

ނޭޓޯގައި ބައިވެރިވުމަށް ސްވިޑްން އިން ކުރަމުން އަންނަ މަސައްކަތަށް ތުރުކީ ވިލާތުން އެއްވެސް އެހީތެރިކަމެއް ލިބޭނެ ކަމަށް އުންމީދު ނުކުރުމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިންޒާރު ކުރައްވައިފި އެވެ.

ސްވިޑްން އާއި ފިންލޭންޑުން ނޭޓޯގައި ބައިވެރިވުމަށް އެދި ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ނޭޓޯގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެ ޖަމާއަތުގައި އެއްވެސް ގައުމެއް އަލަށް ބައިވެރިކުރެވޭނީ، އެ ޖަމާއަތުގައި އެ ވަގުތަކު ހިމެނޭ ހުރިހާ ގައުމަކުން އެކަމަށް ރުހުން ލިބުމުންނެވެ.

ނޭޓޯގައި ބައިވެރިވުމަށް ސްވިޑްން އިން ކުރަމުންދާ މަސައްކަތަށް އެއްވެސް އެހީތެރިކަމެއް ނުދޭނެ ކަމަށް ތުރުކީ ވިލާތުން މި ހާމަކުރީ، ތުރުކީ ސަރުކާރާ ދެކޮޅަށާއި އިސްލާމް ދީނަށާ ދެކޮޅަށް، ސްވިޑްންގައި ފާޅުގައި މަސައްކަތްތަކެއް ކުރަމުން ދާ ދުވަސްވަރެއްގަ އެވެ. އެ ގޮތުން ތުރުކީ ވިލާތުގައި ކުރުދީންގެ ވަކި ވެރިކަމެއް އުފައްދަން މަސައްކަތް ކުރާ ކުރުދީ ދަރިކޮޅުގެ ބަޔަކު، މި މަހުގެ މެދުތެރޭގައިވަނީ، ސްޓޮކްހޯމްގައި ތުރުކީއާ ދެކޮޅަށް މުޒާހަރާކޮށް، ރައީސް އުރުދުޣާންގެ ސިފައަށް ބުދެއް ހަދައި އެ ދަންޖައްސައިފަ އެވެ.

އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު، ސްވިޑެންގެ ކަނާތު ފިޔައިގެ ހަރުކަށި ވިސްނުމެއް ގެންގުޅޭ ސިޔާސީ ޕާޓީ، ސްޓްރާމް ކާރްސް (ފާ-ރައިޓް ޑެނިޝް ޕާޓީ) ގެ ލީޑަރު ރަސްމޫސް ޕަލޫޑާން، ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި ވަނީ ކީރިތި ގުރުއާންގެ މުސްހަފެއް އަންދާލައިފަ އެވެ. އޭނާގެ އެ ކަންތައް ކުރީ ސްވިޑްން ފުލުހުންގެ ހުއްދަ ހޯދައިގެން އަދި ފުލުހުންގެ ހިމާޔަތުގައި ހުރެގެންނެވެ.

"ނޭޓޯގައި ބައިވެރިވާން ކުރާ މަސައްކަތުގައި އަހަރެމެންގެ ފަރާތުން އެއްވެސް ތާއީދެއް ލިބޭނެ ކަމަށް ސްވިޑްން އުންމީދު ނުކުރާތި،" ޓީވީ މެދުވެރިކުރައްވައި ގައުމާ މުޚާތަބުކުރައްވަމުން، ރައީސް އުރުދުޣާން އިއްޔެ ވިދާޅުވި އެވެ.

"އަހަރެމެންގެ ގައުމުގެ އެމްބަސީ ކުރިމަތީގައި ތިބެގެން، އަހަރެމެން ބަދުނާމުކުރި ބަޔަކު، ނޭޓޯގައި ބައިވެރިވުމަށް ހުށަހަޅައިގެން އުޅޭ ހުށަހެޅުމަށް އަހަރެމެންގެ ފަރާތުން އެއްވެސް ރަނގަޅު ބަދަލެއް ލިބޭނެ ކަމަށް އުންމީދު ކޮށްގެން ނުވާނެކަން އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް."

ފާ-ރައިޓް ޑެނިޝް ޕާޓީގެ ލީޑަރު ރަސްމޫސް ޕަލޫޑާން، އިސްވެ ހުންނަވައިގެން، ތުރުކީ އެމްބަސީގެ ކުރިމަތީގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި އަމަލުތަކަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގި އަމަލެއް ކަމަށް ސްވިޑްން ސަރުކާރުން ބުނެ އެވެ. ނަމަވެސް އުރުދުޣާން ވިދާޅުވި ގޮތުގައި އެ އަމަލަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މާނައިގައި ވިޔަސް ދިފާއު ނުވެވޭނެ ކުފުރުގެ އަމަލެކެވެ.

ރައީސް އުރުދުޣާން އިއްޔެ ދެއްވި ރައްދާ ގުޅޭ ގޮތުން، ސްވިޑްންގެ ޚާރިޖީ ވަޒީރު ޓޮބިއާސް ބިލްސްޓްރޯމް ރޭ ވިދާޅުވީ އިއްޔެ ދެއްކެވި ވާހަކަތަކުގެ ކުރިން އުރުދުޣާން ދައްކަވާފައިވާ ވާހަކަތައް އިތުރަށް ދެނެގަންނަން ބޭނުންވާ ކަމަށެވެ.

"އަހަރެމެން ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ހުށަހެޅުމާ ގުޅޭ ގޮތުން، ސްވިޑްން އާއި ފިންލޭންޑާއި ތުރުކީ ވިލާތާ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ސްވިޑްން އިހުތިރާމް ކުރާނެ،" ސްވިޑްންގެ ޚާރިޖީ ވަޒީރު ޓޮބިއާސް ބިލްސްޓްރޯމް ވިދާޅުވި އެވެ.

ސްވިޑްން އާއި ފިންލޭންޑުން ނޭޓޯގައި ބައިވެރިވުމަށް އެދި ހުށަހެޅީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ރަޝިޔާގެ އަސްކަރީ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، ނޭޓޯގެ އަސްކަރީ އެހީތެރިކަން ހޯދުމުގެ ބޭނުމުގަ އެވެ. އެހެން ނަމަވެސް، ތުރުކީ ވިލާތުގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކުގެ އިސް ވެރިންނަށް އެ ދެ ގައުމުން ސިޔާސީ ހިމާޔަތް ދޭ މައްސަލައިގައި، ތުރުކީ ވިލާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ މައްސަލަ މުޅިން ހައްލު ނުވެ އުޅެނިކޮށް، ތުރުކީ އެމްބަސީގެ ކުރިމަތީގައި ކީރިތި ގުރްއާނަށް އިހާނެތިކޮށް ހިތުމުން، ތުރުކީގެ ރުޅިވެރިކަން ވަނީ އިތުރުވެފަ އެވެ. އަދި ތުރުކީ އެމްބަސީ ކުރިމަތީގައި އެ އަމަލުތައް ހިންގުމަށް ސްވިޑްން ސަރުކާރުން ހުއްދަ ދިނުމުން، ތުރުކީ ވިލާތުން ވަނީ އެކަން ވެސް ކުށްވެރިކޮށްފަ އެވެ.