Roadha Mihaaru
ޔޫރަޕްގެ ވެރިންތަކެއް ކިޔޭވް އަށް

ޔޫރަޕްގެ ވެރިންތަކެއް ކިޔޭވް އަށް

15 މާޗް 2022

މެދުކެނޑުމެއް ނެތި ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ރަޝިޔާ ސިފައިން ހަމަލާތައް ދެމުން ދަނިކޮށް، ޔޫރަޕްގެ ތިން ގައުމެއްގެ ވެރިން މިއަދު ކިޔޭވް އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މެދުކެނޑުމެއް ނެތި ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ރަޝިޔާ ސިފައިން ހަމަލާތައް ދެމުން ދަނިކޮށް، ޔޫރަޕްގެ ތިން ގައުމެއްގެ ވެރިން މިއަދު ކިޔޭވް އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ހުޅަނގުގެ މީޑިއާތައް ބުނާ ގޮތުން، މިއަދު ކިޔޭވް އަށް ވަޑައިގަންނަވާނީ، ޗެކް ޖުމްހޫރިއްޔާގެ ބޮޑުވަޒީރު ޕެޓްރް ފިއާލާ އާއި ޕޮލޭންޑްގެ ބޮޑުވަޒީރުގެ ނާއިބު، ޖަރޮސްލާވް ކަޗިންޒްކީ އާއި ސްލޮވޭނިއާގެ ބޮޑުވަޒީރު ޖަނޭޒް ޖަންސާ އެވެ. ޗެކް ޖުމްހޫރިއްޔާގެ ބޮޑުވަޒީރު ޕެޓްރް ފިއާލާ ވިދާޅުވި ގޮތުގައި މި ތިން ބޭފުޅުން ކިޔޭވް އަށް ވަޑައިގަންނަވަނީ ޔޫކްރޭންގެ މިނިވަންކަމާއި އިސްތިގުލާކަށް ޔޫރަޕުން ކުރަމުން އަންނަ ހިފެހެއްޓުމެއް ނެތް ތާއީދު ހާމަކޮށްދިނުމުގެ ގޮތުންނެވެ.

މި ތިން ބޭފުޅުން ކިޔޭވް އަށް ވަޑައިގަތުމުގެ ވަގުތު ކުޑަތަންވަމުން ދަނިކޮށް، ރަޝިޔާ ސިފައިން ވަނީ ކިޔޭވްގެ މެދުތެރޭގައި ހުރި އާންމުން ދިރިއުޅޭ ބޮޑު އިމާރާތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ. މިއަދު ފަތިހުން ފެށިގެން ރަޝިޔާ ސިފައިން ދަނީ ކިޔޭވްގެ މެދުތެރެއާ ކައިރި ސަރަހައްދުތަކަށް ވައިގެ މަގުން ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ރަޝިޔާގެ ވައިގެ ސިފައިންގެ ހަމަލާތައް ކިޔޭވްގެ މެދުތެރެއަށް އަމާޒުވަމުން ދާއިރު، ރަޝިޔާގެ އެއްގަމު ސިފައިންނާއި ޔޫކްރޭންގެ އެއްގަމު ސިފައިންނާ ދެމެދު ކިޔޭވްގެ ބޭރު ސަރަހައްދުގައި ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

ކިޔޭވްގެ މެދުތެރޭގައި ހުރި، އާންމުން ދިރިއުޅޭ 15 ބުރީގެ އިމާރާތައް މިސައިލް ހަމަލާތައް އަމާޒުވި އިރު، ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ބާއްވަމުން އަންނަ ސިލްސިލާ މަޝްވަރާތަކުގެ މިއަދުގެ ބައްދަލުވުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ދިޔަ އެވެ. މިއަދުގެ މަޝްވަރާތަކުން ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ޔޫކްރޭނުން ބުނެ އެވެ.

ހަނގުރާމަ ހުއްޓޭނެ ދުވަހެއް ލަފާކުރަން ވެސް ނޭނގޭތީ، ޔޫކްރޭންގައި މިހާރު އިއުލާން ކޮށްފައި އޮތް އަސްކަރީ ގާނޫނު ހިންގުމުގެ ހާލަތު އަންނަ އެޕްރީލް މަހު 24 ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ބޭނުންވެ އެވެ. އަސްކަރީ ގާނޫނުގެ މުއްދަތު އިތުރުކުރުމާ ބެހޭ ބިލެއް މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހަށް ފޮނުވައިފަ އެވެ. އެ ބިލާ މެދު މި ހަފުތާގައި ގޮތެއް ނިންމާނެ އެވެ.