Roadha Mihaaru
ދޫދިނުމަށް ފަހު، ރަޝިޔާގެ ތެޔޮ ވިލާތުގައި މަނާކޮށްފި

ދޫދިނުންތަކަށް ފަހު، ރަޝިޔާގެ ތެޔޮ ވިލާތުގައި މަނާކޮށްފި

31 މެއި 2022

ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އެތެރެކުރާ މިންވަރު، މި އަހަރުގެ ނިޔަލަށް 90 ޕަސެންޓް މަދުކޮށްލުމަށް، އުސޫލެއްގެ ގޮތުން ވިލާތުގެ އިއްތިހާދުގެ ވެރިން އެއްބަސްވެވަޑައިގެންފި އެވެ.

ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އެތެރެކުރާ މިންވަރު، މި އަހަރުގެ ނިޔަލަށް 90 ޕަސެންޓް މަދުކޮށްލުމަށް، އުސޫލެއްގެ ގޮތުން ވިލާތުގެ އިއްތިހާދުގެ ވެރިން އެއްބަސްވެވަޑައިގެންފި އެވެ.

ވިލާތުގެ އިއްތިހާދުގެ ވެރިން މިކަމަށް އެއްބަސްވެވަޑައިގަތީ، ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާ އަށް ބާރު އެޅުމުގެ ގޮތުންނެވެ. ވިލާތުގެ އިއްތިހާދުން ގަބޫލުކުރާ ގޮތުގައި ވިލާތުގެ ގައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލައިފި ނަމަ، ރަޝިޔާ އިން ހަނގުރާމަ އަށް ކުރާ ޚަރަދުތަކަށް ބުރޫ އަރާނެ އެވެ.

ރަޝިޔާގެ ތެޔޮ މުޅިން މަނާކުރުމަށް ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ކަނޑައަޅައިގެން އެކަމަށް ހުރިހާ ގައުމުތައް އެއްބަސްވޭތޯ މަޝްވަރާ ކުރަމުން އަންނަތާ މިހާރު ހަފުތާތަކެއް ވެއްޖެ އެވެ. އެކަމަށް އެންމެ ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދެވީ ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޮރްބާން އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ތެޔޮ ގަތުން ހަންގޭރީން ހުއްޓާލައިފި ނަމަ، ހަންގޭރީގެ އިގްތިސާދު އިނދަޖެހޭނެ އެވެ.

ބްރަސެލްސްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވިލާތުގެ ވެރިން އެއްބަސްވެވަޑައިގަތީ، ރަޝިޔާ އިން އިރުމަތީ ޔޫރަޕަށް އަޅާފައިވާ ދްރުޒްބާ ތެޔޮހޮޅިން ފޮނުވާ ތެޔޮ ފިޔަވައި، ރަޝިޔާގެ ހުރިހާ ތެލެއް ވިލާތުގެ ގައުމުތަކަށް އެތެރެކުރުން ހުއްޓައިލުމަށެވެ. ދްރުޒްބާ ތެޔޮ ހޮޅިއަކީ ރަޝިޔާ އިން ފެށިގެން، ޔޫކްރޭންގެ ތެރެއިން ބެލާރޫސް އާއި ޕޮލެންޑާއި ހަންގޭރީ، ސްލޮވާކިއާ އާއި ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާގެ ތެރެއިން ގޮސް ޖަރުމަނާ ހަމައަށް އަޅާފައި އޮންނަ ތެޔޮ ހޮޅިއެކެވެ.

"ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓައިލުމަށް ވިލާތުގެ ގައުމުތައް އެއްބަސްވެއްޖެ. މި އެއްބަސްވުމުން، ރަޝިޔާ އިން ވިލާތަށް ފޮނުވާ ތެލުގެ ތިން ބައިކުޅަ ދެބައި، ވިލާތަށް އެތެރެކުރުން ނިމުމަކަށް އަންނާނެ. މިއީ ރަޝިޔާ އިން ހަނގުރާމަ އަށް ހޭދަކުރާ ފައިސާގެ ވަރަށް ބޮޑު މިންވަރެއް،" ވިލާތުގެ ކައުންސިލްގެ ވެރިޔާ ޗާލްސް މިޝޭލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލާތުގެ އިއްތިހާދުގެ މި ނިންމުމަކީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާ އަށް ކުރިމަތިކުރެވޭ ވަރަށް ބޮޑު ފިއްތުމަކަށް ވާނެ އެވެ.

ވިލާތުގެ އިއްތިހާދުގެ ރައީސް އުރްސުލާ ވޯން ދޭލަޔާން ވިދާޅުވި ގޮތުގައި ވިލާތުގެ އިއްތިހާދުގެ ވެރިން އިއްޔެ އެއްބަސްވެވަޑައިގެންނެވި ނިންމުން ތަންފީޒުކުރަން ފެށުމުން، ވިލާތުގެ ގައުމުތަކަށް އެތެރެކުރާ ރަޝިޔާގެ ތެލުގެ 90 ޕަސެންޓް، މި އަހަރު ނިމޭއިރު، މުޅިން ހުއްޓިގެންދާނެ އެވެ.

ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް ފޮނުވާ ތެލުގެ ތިން ބައިކުޅަ ދެ ބައި، ވިލާތުގެ ގައުމުތަކަށް އެތެރެ ކުރަނީ ބޮޑެތި ޓޭންކަރުތަކުގަ އެވެ. އަނެއް ބައި އެތެރެ ކުރަނީ ދްރުޒްބާ ތެޔޮހޮޅި މެދުވެރިކޮށެވެ. ރަޝިޔާގެ ތެޔޮ ހޮޅިން ތެޔޮ ނަގައިގެން އެހެން ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ޖަރުމަން ވިލާތާއި ޕޮލެންޑުން ހުއްޓައިލުމުން، ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް ފޮނުވާ ތެލުގެ 90 ޕަސެންޓް ހުއްޓިގެންދާނެ އެވެ.

އަނެއް 10 ޕަސެންޓް މަނާ ނުކޮށް ދޫކޮށްލަނީ، ރަޝިޔާގެ ތެލުގެ ބަދަލުގައި އެހެން ގޮތަކުން ތެޔޮ ހޯދުމުގެ މަގު މިހާތަނަށް ފަހިވެފައި ނެތް ބައެއް ގައުމުތަކަށް، ތެލުގެ ދަތިކަން ކުރިމަތިވިޔަ ނުދިނުމަށެވެ. އެއީ ހަންގޭރީ އާއި ސްލޮވާކިޔާ އަދި ޗެކް ރިޕަބްލިކެވެ.

"ރަޝިޔާ އިޚްތިޔާރު ކުރީ އެ ގައުމުން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ގެންދަން. މިރޭ އަހަރެމެން މިތިބީ ޔޫރަޕްގެ ރައްޔިތުންގެ ހައިސިއްޔަތުން، ޔޫކްރޭންގެ ރައްޔިތުންނާ އެކުގައި އެއްބައިވަންތަކާ އެކު. އަހަރެމެން މި އަޅަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް،" ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ވިލާތުގެ އިއްތިހާދުން މިހާތަނަށް ފަސް ބުރެއްގެ މަތިން ވަނީ، އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި، ރަޝިޔާ ސަރުކާރުގެ ބޭންކުތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުން ހުއްޓައިލުމާއި، ރަޝިޔާގެ ރޭޑިއޯ އާއި ޓީވީ ޗެނަލްތައް އެ ގައުމުތަކުގައި މަނާކުރުން ހިމެނެ އެވެ.

ނަމަވެސް ރަޝިޔާގެ ތެޔޮ މަނާކުރުމަށް ހުށަހެޅުމުން، ބައެއް ގައުމުތައް ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. ވިލާތުގެ ގިނަ ގައުމުތަކަކީ ހަކަތައިގެ ދާއިރާ އިން، ރަޝިޔާގެ ތެލުގެ ބާވަތްތަކަށާއި ގޭހަށް ބަރޯސާވެފައިވާ ގައުމުތަކެވެ.