Roadha Mihaaru
ޖީ7ގެ އިތުރު ދަތިކުރުންތަކެއް ރަޝިޔާ އަށް

ޖީ7ގެ އިތުރު ދަތިކުރުންތަކެއް ރަޝިޔާ އަށް

09 މެއި 2022

ރަޝިޔާގެ ހަކަތަ އަށް ބަރޯސާވުން ހުއްޓައިލުމަށް ނިންމައި، ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމުން (ޖީ7)، ރަޝިޔާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން އިއްޔެ ނިންމައިފި އެވެ.

ރަޝިޔާގެ ހަކަތަ އަށް ބަރޯސާވުން ހުއްޓައިލުމަށް ނިންމައި، ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމުން (ޖީ7)، ރަޝިޔާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން އިއްޔެ ނިންމައިފި އެވެ.

ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން، އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމި ޖީ7ގެ ގައުމުތަކަކީ، ކެނެޑާ، ފަރަންސޭސި ވިލާތް، ޖަރުމަން ވިލާތް، އިނގިރޭސި ވިލާތް، އިޓަލީ ވިލާތް، ޖަޕާން އަދި އެމެރިކާ އެވެ.

ޖީ7ގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް މިފަހަރު އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ، ރަޝިޔާގެ އެންމެ ބޮޑެތި މަހުޖަނުންގެ ވިޔަފާރިތަކަށް ދަތިކުރުމެވެ. ޖީ7ގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ހޭދަކުރަނީ، ރަޝިޔާގެ މަހުޖަނުންގެ ފަރާތުން ލިބޭ ފައިސާ އެވެ.

ރަޝިޔާގެ މަހުޖަނުންގެ ފަރާތުން ޔޫކްރޭން ހަނގުރާމަ އަށް ކުރަމުންދާ ހޭދައިގެ ސަބަބުން، ދެ ވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަންގެ ސިފައިން ބަލިކުރުމަށް، ރަޝިޔާ ސިފައިން ވެފައިވާ ގުރުބާނީގައި ވަރަށް ލަދުވެތި ލައްގަނޑެއް ޖެހިފައިވާ ކަމަށް، ޖީ7ގެ ގައުމުތަކުން ބުނެ އެވެ.

ޖީ7ގެ ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރަޝިޔާގެ ހަކަތަ އަށް ބަރޯސާވުން އެ ގައުމުތަކުން ހުއްޓައިލާނީ، ކަނޑައެޅިފައިވާ ވަގުތު ތާވަލަކާ އެއްގޮތަށް، ހުރިހާ ގައުމުތައް ގުޅިގެންނެވެ. އޭގެ ބޭނުމަކީ ރަޝިޔާ އިން ހޯދާ ތެލާއި ގޭހުގެ ބަދަލުގައި، އެ ބާވަތްތައް ހޯދޭނެ އެހެން ގޮތްތައް ހަމަޖެއްސުމުގެ ވަގުތު، މެންބަރު ގައުމުތަކަށް ހޯދައިދިނުމެވެ.

ރަޝިޔާއާ ދެކޮޅަށް ޖީ7ގެ ގައުމުތަކުން އަޅަން ނިންމި ފިޔަވަޅުތަކާ ބެހޭ ގޮތުން، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނި ގޮތުގައި އެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އިގްތިސާދުގެ މައި ލޭ ހޮޅިއަށެވެ. އޭގެ ސަބަބުން، ހަނގުރާމަ ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދުމަށް ހުރަސްއެޅޭނެ ކަމަށް ވެސް ވައިޓް ހައުސް އިން ބުންޏެވެ.

ޔޫކްރޭންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީއާ އެކު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމަކަށް ފަހު، ޖީ7ގެ ގައުމުތަކުގެ ވެރިން ވިދާޅުވި ގޮތުގައި ރަޝިޔާ ބަރޯސާވާ ހުރިހާ ޚިދުމަތްތަކަކާއި، ޖީ7ގެ ގައުމުތަކާ ދެމެދު އޮތް ގުޅުން ކަނޑައިލާނެ އެވެ. އެއާ އެކު އިގްތިސާދީ ހުރިހާ ދާއިރާތަކަކުން ރަޝިޔާ މުޅިން އެކަހެރިކޮށްލާނެ ކަމަށް ވެސް އެ ގައުމުތަކުން ބުންޏެވެ.

މީގެ އިތުރުން މިފަހަރު އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާ ސަރުކާރުން ހިންގާ ޓީވީ ތިން ޗެނަލެއް ޖީ7ގެ ގައުމުތަކުގައި މަނާކުރުމާއި، އެ ޗެނަލްތައް ހިންގާ ކުންފުނިތަކާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރުން ވެސް ހިމެނެ އެވެ. އަދި ރަޝިޔާގެ އެއްވެސް ރައްޔިތަކަށް އެކައުންޓިން ދާއިރާ އާއި ލަފާ ދިނުމުގެ ދާއިރާއިން އެއްވެސް ޚިދުމަތެއް ނުދިނުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ރަޝިޔާ ސަރުކާރުގެ ގޭސް ކުންފުނިން ހިންގާ ބޭންކު، ގޭޒްޕްރޮމްބޭންކުގެ ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ވެސް ހިމެނެ އެވެ.

ޖީ7ގެ ގައުމުތަކުން ބުނި ގޮތުގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މުޅި ބައިނަލްއަގުވާމީ މުޖްތަމައަށް އެކަމުގެ ގެއްލުންތައް ދަނީ ފޯރަމުންނެވެ. އެ ގޮތުން ހަކަތައިގެ ދާއިރާ އިންނާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުތަކާއި ކާޑުގެ ބާވަތްތަކާއި ކާނާގެ ބާވަތްތައް، އެއް ގައުމުން އަނެއް ގައުމަށް ގެންދިއުމުގެ މަސައްކަތަށް ވެސް ހުރަސްއެޅިފައިވާ ކަމަށް އެ ގައުމުން ބުންޏެވެ.

ޔޫކްރޭންގައި އުފައްދާ ދަނޑުވެރިކަމުގެ ސާމާނުތަކާއި، ކާޑުގެ ބާވަތްތައް އެ ގައުމުން ބޭރުކުރުމަށް ރަޝިޔާ އިން ކުރިމަތިކޮށްފައިވާ ހުރަސްތައް ވަގުތުން ނައްތައިލުމަށް ވެސް، ޖީ7ގެ ބަޔާނުގައި ރަޝިޔާ އަށް ގޮވާލާފައިވެ އެވެ.