Roadha Mihaaru
ތެޔޮ އުފެއްދުން މަދުކޮށްލާތީ، އަގުތައް މައްޗަށް

ތެޔޮ އުފެއްދުން މަދުކޮށްލާތީ، އަގުތައް މައްޗަށް

03 އެޕްރީލް 2023

ތެޔޮ އުފައްދާ މިންވަރު މަދު ކޮށްލުމަށް ނިންމިކަން އޯޕެކް ޕްލަސްގެ ފަރާތުން ކުއްލި ގޮތަކަށް އިއުލާންކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުތަކުގައި ތެލުގެ އަގުތައް އުފުލިއްޖެ އެވެ.

ތެޔޮ އުފައްދާ މިންވަރު މަދު ކޮށްލުމަށް ނިންމިކަން އޯޕެކް ޕްލަސްގެ ފަރާތުން ކުއްލި ގޮތަކަށް އިއުލާންކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުތަކުގައި ތެލުގެ އަގުތައް އުފުލިއްޖެ އެވެ.

ޖުމްލަ 23 ގައުމު ހިމެނޭ އޯޕެކް ޕްލަސް އިން އިއްޔެ ބުނެފައިވަނީ، ތެޔޮ އުފައްދާ މިންވަރު މެއި މަހުން ފެށިގެން މަދުކޮށްލާނެ ކަމަށެވެ. އަދި އެ ފިޔަވަޅު އަޅަނީ ތެލުގެ ބާޒާރުގައި ހަމަޖެހުން ގާއިމުކުރުމަށް ކަމަށް ވެސް އޯޕެކް ޕްލަސް އިން ބުނެ އެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި މެއި މަހުން ފެށިގެން ތެޔޮ އުފައްދާނީ މިހާރު އެވްރެޖް ގޮތެއްގައި އުފައްދާ މިންވަރަށް ވުރެ ދުވާލަކު 1.16 މިލިއަން ފީފާ މަދުންނެވެ. ނަމަވެސް، އެ ޖަމާއަތުގެ މާލީ ވަޒީރުން، ވީޑިއޯ ލިންކުގެ ޒަރީއާއިން މިއަދު ބާއްވާ ބައްދަލުވުމުގައި އެ މިންވަރު ދެ މިލިއަން ފީފާ އަށް ބަދަލުކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އޯޕެކް ޕްލަސްގައި، ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ނެރޭ ދެ ގައުމު ކަމަށްވާ ރަޝިޔާ އާއި ސައޫދީ އަރަބިއްޔާ ވެސް ހިމެނެ އެވެ. އޯޕެކް ޕްލަސްގައި ހިމެނެނީ އޯޕެކްގެ މެންބަރު 13 ގައުމާއި ރަޝިޔާއާ އެކުގައި އިތުރަށް ބައިވެރިވާ 10 ގައުމެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޯޕެކް ޕްލަސް އިން ނިންމީ، ތެޔޮ އުފައްދާ މިންވަރު، އެ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މަދުކޮށްލާށެވެ. ތެޔޮ އުފައްދާ މިންވަރު ނޮވެމްބަރުން ފެށިގެން، ދުވާލަކު ދެ މިލިއަން ފީފާ މަދުކޮށްލާނެ ކަން އިއުލާންކުރުމާ ގުޅިގެން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ.

ސައޫދީން ބުނި ގޮތުގައި އެ ގައުމުގައި އުފައްދާ ތެލުން، މެއި މަހުން ފެށިގެން، ދުވާލަކު ބައި މިލިއަން ފީފާ މަދުކުރާނެ އެވެ. އިރާގުން ވެސް ދުވާލަކު 210000 ފީފާ މަދުކޮށްލާނެ އެވެ. އެމިރޭޓްސް އިން ދުވާލަކު 144000 ފީފާ މަދުކުރާނެ ކަން އިއުލާންކުރުމާ އެކު، ކުވައިތުން ބުނެފައިވަނީ އެ ގައުމުން ދުވާލަކު 128000 ފީފާ މަދުކޮށްލާނެ ކަމަށެވެ.

މީގެ އިތުރުން ކަޒަޚިސްތާނުން ދުވާލަކު 78000 ފީފާ، އަލްޖީރިއާ އިން ދުވާލަކު 48000 ފީފާ އަދި އޮމާނުން ދުވާލަކު 40000 ފީފާ މަދުކޮށްލާނެކަން އެ ގައުމުތަކުން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވި ގޮތުގައި އެ ގައުމުން އުފައްދާ ތެލުން، އެވްރެޖް ގޮތެއްގައި ދުވާލަކު ބައި މިލިއަން ފީފާ މަދުކުރުމަށް ނިންމާފައިވާ ނިންމުން، މިއަހަރުގެ ނިޔަލަށް އެ ގޮތުގައި ކުރިއަށް ދާނެ އެވެ. ތެޔޮ އުފައްދާ އަދަދު އެ މިންވަރަށް މަދުކޮށްލުމަށް ރަޝިޔާ އިން ނިންމީ، ރަޝިޔާގެ ތެޔޮ ގަންނާނެ އެންމެ މަތީ އަގެއް ހުޅަނގުގެ ގައުމުތަކުން ކަނޑައެޅުމާ ގުޅިގެން، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކޮށްލަން ނިންމިކަން އިއްޔެ އިއުލާން ކުރުމާ ގުޅިގެން، ބްރެންޓް މާކެޓްގައި މިއަދު ވަނީ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގުން 4.30 ޑޮލަރު ބޮޑުވެ، 84.19 ޑޮލަރަށް އުފުލިފަ އެވެ. އަދި އެމެރިކާގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގުން 4.17 ޑޮލަރު ބޮޑުވެ، 79.84 ޑޮލަރަށް އުފުލިފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މި އުފުލުނީ، އޯޕެކް ޕްލަސްގެ މާލީ ވަޒީރުން މިއަދު ބޭއްވުމަށް ތާވަލުކޮށްފައިވާ ބައްދަލުވުން ނުވެސް ފެށި އުޅެނިކޮށެވެ. އޯޕެކް ޕްލަސް އިން ތެޔޮ އުފައްދާ މިންވަރު މަދުކުރާނެ އަދަދެއް ފާސްކުރާނީ، މިއަދު ބާއްވާ ބައްދަލުވުމުގަ އެވެ.

އޯޕެކް ޕްލަސް އިން މިހާރު ކަނޑައަޅާފައިވާ ގޮތަށް، މެއި މަހުން ފެށިގެން ތެޔޮ އުފައްދާ މިންވަރު ދުވާލަކު 1.16 މިލިއަން ފީފާ މަދުކޮށްލައިފި ނަމަ، ދުނިޔޭގެ ބާޒާރަށް އެވްރެޖް ގޮތެއްގައި މިހާރު ނެރޭ ތެލުގެ އެއް ޕަސެންޓް، މެއި މަހުން ފެށިގެން މަދުވާނެ އެވެ. އެހެންކަމުން، ދުނިޔޭގެ ބާޒާރުގައި މިހާރު ހުރި އަގަށް ވުރެ، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރު ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

އަދި މިއަހަރު ނިމޭއިރު، ތެޔޮ ފީފާއެއްގެ އަގު 95 ޑޮލަރަށް އުފުލި، ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ތެރޭގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އުފުލޭނެ ކަމަށް ބެލެވެ އެވެ.