Roadha Mihaaru
އެމެރިކާގެ ތެލުގެ ރިޒާވުން 15 މިލިއަން ފީފާ ބާޒާރަށް

އެމެރިކާގެ ތެލުގެ ރިޒާވުން 15 މިލިއަން ފީފާ ބާޒާރަށް

19 އޮކްޓޯބަރ 2022

އެމެރިކާގެ ރިޒާވްގައި ހުރި ތެލުގެ ތެރެއިން 15 މިލިއަން ފީފާ ދުނިޔޭގެ ބާޒާރަށް ނެރުމަށް އެ ގައުމުން ނިންމައި، ރައީސް ޖޯ ބައިޑެން މިއަދު އެކަން އިއުލާން ކުރައްވާނެ އެވެ.

އެމެރިކާގެ ރިޒާވްގައި ހުރި ތެލުގެ ތެރެއިން 15 މިލިއަން ފީފާ ދުނިޔޭގެ ބާޒާރަށް ނެރުމަށް އެ ގައުމުން ނިންމައި، ރައީސް ޖޯ ބައިޑެން މިއަދު އެކަން އިއުލާން ކުރައްވާނެ އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން އިއްޔެ ބުނި ގޮތުގައި އެ ގައުމުގައި ހުރި ތެލުގެ ރިޒާވުން އިތުރު ތެޔޮ ބާޒާރަށް ނެރުމަށް ރައީސް ޖޯ ބައިޑެން ނިންމެވީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ އެވެ. މިއީ އެ ގައުމުގެ ތެލުގެ ރިޒާވުން މިހާ ގިނަ މިންވަރަކަށް އެއްފަހަރާ ތެޔޮ ނެރޭ ފުރަތަމަ ފަހަރަށް ވާނެ އެވެ.

ވައިޓް ހައުސް އިން ބުނި ގޮތުގައި ރައީސް ބައިޑެންގެ އެ ނިންމެވުން ތަންފީޒުކުރާނީ މިއަންނަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ދުވަސްވަރު އިތުރު ތެޔޮ ދުނިޔޭގެ ބާޒާރަށް ނެރުމަށް އެމެރިކާ އިން މި ނިންމީ މިއަހަރުގެ ފިނި މޫސުމުގެ އެންމެ ފިނި ދުވަސްވަރާ ދިމާކޮށް، ތެލުގެ ދަތިކަން އިތުރަށް ތަހައްމަލުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.

އެމެރިކާގެ ތެލުގެ ރިޒާވްއަކީ، މެދުވެރިވާ ކުއްލި ގުދުރަތީ ހާދިސާތަކުގައި ނުވަތަ އެނޫން ނުރައްކާތެރި ކުއްލި ހާލަތްތަކުގައި، ތެޔޮ ސާފުކުރާ ކާރުޚާނާތައް ބަންދުކުރަން ޖެހިއްޖެ ނަމަ، ބޭނުންކުރުމަށް ބަހައްޓާފައި ހުންނަ ތެލެވެ. ބާރުގަދަ ބިންހެލުންތަކާއި ތޫފާންތަކުގެ ސަބަބުން، ތެޔޮ ސާފުކުރާ ކާރުޚާނާތައް ބަންދުކުރަން ޖެހިއްޖެ ނަމަ، އެ ގައުމުގައި ބޭނުންކުރާނީ ރިޒާވްގައި ރައްކާކޮށްފައި ހުންނަ ތެލެވެ.

ޔުކްރޭން ހަނގުރާމައާ ގުޅިގެން، ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުން އެ ގައުމުގެ ތެޔޮ ނުގަތުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ނިންމުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ކޮންމެވެސް ވަރަކަށް އުފުލިފަ އެވެ. އެކަމުގެ ސަބަބުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަން ފޫބެއްދުމުގެ ގޮތުން، އޯޕެކްގެ ގައުމުތަކުން ތެޔޮ އުފައްދައި ބާޒާރަށް ނެރޭ މިންވަރު އިތުރުކޮށްދިނުމަށް، އެމެރިކާ އިން ވަނީ އޯޕެކްގެ ގައުމުތަކަށް އާދޭސްކޮށްފަ އެވެ.

ނަމަވެސް އެމެރިކާގެ އެ އާދޭސްތަކަށް ދީލައިލުމުގެ ބަދަލުގައި އޯޕެކް ޕްލަސްގެ ގައުމުތަކުން މި މަހުގެ 5 ވަނަ ދުވަހު ނިންމީ، މިއަންނަ ނޮވެމްބަރު މަހުން ފެށިގެން، މިހާރު ބާޒާރަށް ނެރޭ ސާފުނުކުރާ ތެލުގެ އަދަދުން، ދުވާލެއްގެ މައްޗަށް ދެ މިލިއަން ފީފާ މަދުކުރުމަށެވެ.

އޯޕެކް ޕްލަސްގައި ހިމެނެނީ އޯޕެކްގެ މެމްބަރު 13 ގައުމާއި، 2016 ވަނަ އަހަރު އެ ޖަމާއަތާ ގުޅުނު 10 ގައުމެވެ. އޭގެ ތެރޭގައި، ދުވާލަކު 10 މިލިއަން ފީފާއަށް ވުރެ ގިނައިން ތެޔޮ އުފައްދައި ބާޒާރަށް ނެރޭ ރަޝިޔާ ވެސް ހިމެނެ އެވެ.

އޯޕެކް ޕްލަސްގެ އެ ނިންމުމާ ގުޅިގެން، އެމެރިކާ އިން މިހާރު ނިންމާފައިވަނީ ސައޫދީ އަރަބިއްޔާއާ އެކުގައި އޮންނަ ގުޅުން އަލުން މުރާޖައާ ކުރުމަށެވެ. އޯޕެކް ޕްލަސްގެ އެ ނިންމުމަކީ ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމަ އަށް ތާއީދުކުރުމުގެ އަމަލެއް ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.