Roadha Mihaaru
ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް މިނިވަންކޮށްފި

ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް ޔޫކްރޭނުން އަލުން ހޯދައިފި

25 ޖުލައި 2023

ކިޔޭވް (ޖުލައި 25) - މިދިޔަ އަހަރުގެ ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔޫކްރޭނަށް އަރައިގަނެ އެ ގައުމުން ހިފި ބިންތަކުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް، ޔޫކްރޭން ސިފައިން އަލުން ހިފައި މިނިވަންކޮށްފި ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ކިޔޭވް (ޖުލައި 25) - މިދިޔަ އަހަރުގެ ފެބްރުއަރީ 24 ގައި ރަޝިއާ ސިފައިން ޔޫކްރޭނަށް އަރައިގަނެ އެ ގައުމުން ހިފި ބިންތަކުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް، ޔޫކްރޭން ސިފައިން އަލުން ހިފައި މިނިވަންކޮށްފި ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި ގޮތުގައި ޔޫކްރޭންގެ އިރުމަތީގެ ބޮޑު ސަރަހައްދެއް މިނިވަންކުރެވުނު ނަމަވެސް، އެ ބިންތައް މިނިވަން ކުރެވުނީ ޔޫކްރޭން ސިފައިން ވަރަށް ވަރުގަދަ ހަނގުރާމައެއް ކޮށްގެންނެވެ. އަދި ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޔޫކްރޭންގެ ބިންތައް އެކުގައި މިނިވަންކުރުމަކީ ވަރަށް އުނދަގޫ، ގޮންޖެހުން ބޮޑު މަސައްކަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި މިހާރު ހުރި ޔޫކްރޭންގެ ބިންތައް މިނިވަންކުރުމަކީ ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި ކުރެވޭ ވަރަށް ވުރެ ބުރަ މަސައްކަތެކެވެ. އަދި އެކަން ފުރިހަމަކުރުމަށް އެތައް މަސްތަކެއް ނަގާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ މަދަދާ އެކު ޔޫކްރޭން ސިފައިން ކުރަމުންދާ ދިފާއީ ހަނގުރާމައިގައި، މިހާތަނަށް މިނިވަން ކުރެވުނީ، ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ސުންފާތިކޮށްލި ބަޚްމުތު ސަހަރުގެ ވަށައިގެންވާ ބައެއް ސަރަހައްދުތަކެވެ. އެއީ ޔޫކްރޭން ސިފައިން ހިފި ބިންތަކެއް ނަމަވެސް، އެ ބިންތަކުގައި ރަޝިޔާ ސިފައިން ނުތިބޭތާ އެތައް މަސްތަކެއް ވެއްޖެ އެވެ.

ރަޝިޔާ ސިފައިން ހިފި ބިންތަކުގެ ތެރެއިން، ރަޝިޔާ ސިފައިން ގާއިމުވެ ތިބި އެއްވެސް ސަރަހައްދެއް މިހާތަނަށް ޔޫކްރޭން ސިފައިންގެ ބާރުގެ ދަށަކަށް ނުގެންދެވެ އެވެ.

ރަޝިޔާގެ އަޅުވެތިކަމުން ޔޫކްރޭންގެ ބިންތައް މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން، އެމެރިކާގެ އެންމެ ޒަމާނީ އެފް16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު ޔޫކްރޭނަށް ދިނުމަށް އެމެރިކާ އިން ވަނީ ނިންމައިފަ އެވެ. އެ ބާވަތުގެ މަތިންދާބޯޓު ދުއްވުމަށް، ޔޫކްރޭންގެ ޕައިލެޓުން ތަމްރީން ކުރުމަށް ޔޫރަޕްގެ 11 ގައުމެއް މިހާރު ވަނީ ކޯލިޝަނެއް ހަދައި މަސައްކަތް ފަށައިފަ އެވެ.

ޔޫކްރޭންގެ ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ޑެންމާކްގައި ފަށާނެ އެވެ. އަދި ޔޫކްރޭންގެ ޕައިލެޓުން ތަމްރީން ކުރާނެ މަރުކަޒެއް ރޮމޭނިއާގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެމެރިކާ އިން މިހާތަނަށް ޔޫކްރޭނަށް ފޯރުކޮށްދިން އަސްކަރީ އެހީތެރިކަމުގެ މިންވަރު 41 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ އިތުރުން ނޭޓޯގެ ބައެއް ގައުމުތަކުން ވެސް އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އެހީތެރިކަން ޔޫކްރޭނަށް ފޯރުކޮށްދީފި އެވެ.