Roadha Mihaaru
ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓާލަނީ

ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓާލަނީ

07 މާޗް 2022

ރަޝިޔާގެ ތެލާއި ގޭހުގެ ބާވަތްތައް އެތެރެކުރުން ހުއްޓައިލުމާ ގުޅޭ ގޮތުން، ވިލާތުގެ ގައުމުތަކާ އެކުގައި ވަރަށް ސީރިއަސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް، އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

ރަޝިޔާގެ ތެލާއި ގޭހުގެ ބާވަތްތައް އެތެރެކުރުން ހުއްޓައިލުމާ ގުޅޭ ގޮތުން، ވިލާތުގެ ގައުމުތަކާ އެކުގައި ވަރަށް ސީރިއަސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް، އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އެތެރެ ކުރުން ހުއްޓައިލުމަށް މަޝްވަރާ ކުރަނީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓައިލުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އަސްކަރީ ގޮތުން ރަޝިޔާއާ ކުރިމަތިލުމަކަށް ދިއުމުގެ ބަދަލުގައި، އެމެރިކާ އާއި ވިލާތުގެ ގައުމުތައް ބޭނުންވަނީ، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ރަޝިޔާ އަށް ދަތިކޮށްގެން، ރަޝިޔާގެ ހަމަލާތައް ހުއްޓާލަން މަޖުބޫރު ކުރުމަށެވެ.

"އަހަރެމެންގެ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އެތެރެ ކުރުން ހުއްޓައިލުމާ ގުޅޭ ގޮތުން، ވިލާތުގެ އިއްތިހާދުގައި ހިމެނޭ އަހަރެމެންގެ ބައިވެރިންނާ އެކު، ވަރަށް ހަރަކާތްތެރި މަޝްވަރާތަކެއް މިއަންނަނީ ކުރަމުން. ހަމައެއާ އެކު، ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ދަތިނުވެ ތެޔޮ ނެރެވޭނެ ކަން ވެސް އަހަރެމެން ކަށަވަރުކުރާނަން،" އެމެރިކާގެ އެންބީސީ ޓީވީގެ ޓޯކް ޝޯ، މީޓް ދަ ޕްރެސް އިން އިއްޔެ ދެއްކި އިންޓަވިއުއެއްގައި، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އިމްޕޯޓްކުރުން ހުއްޓައިލުމާ މެދު މަޝްވަރާ ކުރަމުން މިއަންނަނީ، އެމެރިކާގައި ތެލުގެ އަގުތައް މައްޗަށް ދާން ފެށުމާ ގުޅިގެން، އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ކުރިމަތިވަމުންދާ ދަނޑިވަޅެއްގަ އެވެ. އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން، އެމެރިކާ ސަރުކާރުން މިދިޔަ ހަފުތާގައި ބުނެފައިވަނީ، އެމެރިކާގައި ތެލުގެ އަގުތައް އުފުލުނަ ނުދީ، ރަޝިޔާގެ ތެޔޮ ބޭނުންކުރުން މަދުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު ބްލިންކެން އިއްޔެ ވިދާޅުވި ގޮތުގައި ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރަޝިޔާ އަށް ދަތިކުރުމަށް މިހާތަނަށް އެޅި ފިޔަވަޅުތަކުން ވެސް، ރަޝިޔާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން، އިގްތިސާދީ ގޮތުން ރަޝިޔާ އާއި އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން މިހާރު ވަނީ ބައިނަލްއަގުވާމީ މުޖްތަމައުން އެކަހެރި ކުރެވިފައި ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

ކުރިމަތިވެދާނެ ދަތިތައް އަންދާޒާ ކުރެވޭތީ، ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓައިލުމާ މެދު، ވިލާތުގެ ގައުމުތަކަށް ވަކި ގޮތެއް ނުނިންމިގެން އުޅޭ އިރު، ޔޫކްރޭންގެ ހާރިޖީ ވަޒީރު ޑިމީޓްރޯ ކުލޭބާ އިއްޔެ ވިދާޅުވީ ރަޝިޔާ، އިގްތިސާދީ ގޮތުން ކޮށިއަރުވައިލުމަށްޓަކައި، އެ ގައުމުގެ ތެލަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓައިލުމާ މެދު، ވިލާތުގެ ގައުމުތަކުން މަޝްވަރާ ކުރަމުން އަންނަ އިރު، ތެލުގެ ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތައް ވެސް އެ ފިޔަވަޅު އެޅުމަށް ފަސްޖެހެ އެވެ. ތެލުގެ ވިޔަފާރި ހިންގާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޝެލް އިން އިއްޔެ ބުނީ، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓައިލުމަށް ނުވިސްނާ ކަމަށެވެ.

އޭގެ ބަދަލުގައި އެ ކުންފުނީގެ ވިސްނުމަކީ ރަޝިޔާގެ ތެޔޮ ގަނެގެން ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމަށް ފަހު، އެ ވިޔަފާރިން ލިބޭ ފައިދާ ޔޫކްރޭނަށް ހަދިޔާ ކުރުމެވެ. ނަމަވެސް ޔޫކްރޭންގެ ހާރިޖީ ވަޒީރު، ޝެލް ކުންފުންޏަށާއި އެނޫން އެފަދަ ބޮޑެތި ކުންފުނިތަކަށް ގޮވައިލެއްވީ، ރަޝިޔާގެ ތެލުން ވިޔަފާރި ކުރުން ހުއްޓައިލުމަށެވެ.

"ރަޝިޔާގެ ތެލާއި ގޭހުން މިހާރު އެ ދުވަނީ ޔޫކްރޭން ރައްޔިތުންގެ ލޭގެ ވަސް،" ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޔޫކްރޭންގެ ހާރިޖީ ވަޒީރު ކުލޭބާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ބާޒާރުން ތެޔޮ ލިބުން ދަތިވެދާނެ ކަމުގެ ބިރު ހީވުމާ ގުޅިގެން، ވިލާތުގެ ގައުމުތަކާއި އިނގިރޭސި ވިލާތުގައި މިދިޔަ ހަފުތާގައި ވަނީ ރެކޯޑް މިންވަރަކަށް ތެލާއި ގޭހުގެ އަގުތައް އުފުލިފަ އެވެ. ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވިލާތުގެ ގައުމުތަކުގައި މިހާރު ވަނީ 118.11 ޑޮލަރަށް އުފުލިފަ އެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން ތެޔޮ ފީފާއެއްގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.