Roadha Mihaaru
ރަޝިޔާ އިން ޔޫރަޕަށް ހިލޭ ގޭހެއް ނުދޭނެ

ރަޝިޔާ އިން ޔޫރަޕަށް ހިލޭ ގޭހެއް ނުދޭނެ

29 މާޗް 2022

ރަޝިޔާ އިން ބައިނަލްއަގުވާމީ ބާޒާރަށް ނެރޭ ގުދުރަތީ ގޭހުގެ ތެރެއިން އެއްވެސް މިންވަރެއް، ވިލާތުގެ ގައުމުތަކަށް ހިލޭ ދޭން ގަސްދުނުކުރާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާ އިން ބައިނަލްއަގުވާމީ ބާޒާރަށް ނެރޭ ގުދުރަތީ ގޭހުގެ ތެރެއިން އެއްވެސް މިންވަރެއް، ވިލާތުގެ ގައުމުތަކަށް ހިލޭ ދޭން ގަސްދުނުކުރާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި "ރަހްމަތްތެރި ނޫން" ގައުމުތަކަށް ރަޝިޔާ އިން ވިއްކާ ގޭހަށް، ރަޝިޔާގެ ފައިސާ ރުބެލް އިން އަގު އަދާކުރަން ދެކޮޅު ހަދާ ނަމަ، އެ ގައުމުތަކަށް ރަޝިޔާގެ ގޭހެއް ނުފޮނުވާނެ އެވެ.

ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ގައުމުތަކަކީ "ރަހްމަތްތެރި ނޫން" ގައުމުތަކެއް ކަމަށް ރަޝިޔާ އިން ވަނީ މިމަހުގެ ކުރީކޮޅު ކަނޑައަޅައިފަ އެވެ. ރަހްމަތްތެރި ނޫން ގައުމުތައް ކަމަށް ރަޝިޔާ އިން ކަނޑައަޅާފައިވާ 49 ގައުމުގެ ތެރޭގައި، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިޔާ، އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކްރޮއޭޝިޔާ، ސައިޕްރަސް، ފްރާންސް، ޖަރުމަން، އިޓަލީ، ޖަޕާން، ނެދަލޭންޑް، ނިއު ޒީލޭންޑް، ނޯވޭ، ޕޯޗުގަލް، ދެކުނު ކޮރެއާ އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ. މި ލިސްޓުގައި މެދުއިރުމަތީގެ އެއްވެސް ގައުމެއް އަދި އިސްލާމީ ގައުމެއް ވެސް ހިމަނައިފައެއް ނެތެވެ.

"ރަހްމަތްތެރި ނޫން" ގައުމުތަކަށް ވިއްކާ ގުދުރަތީ ގޭހަށް އެ ގައުމުތަކުން އަގު ދައްކަން ޖެހޭނީ ރުބެލް އިން ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކަނޑައެޅުއްވީ މި މަހުގެ 23 ވަނަ ދުވަހު އެވެ. ރަޝިޔާގެ އެ ނިންމުމަށް، ޖީ-7ގެ ގައުމުތަކުން އިއްޔެ ވަނީ ދެކޮޅު ހަދައިފަ އެވެ.

ރުބެލް އިން އަގު އަދާކުރުމަށް ނިންމި ނިންމުމާ ގުޅިގެން، ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށް ރައީސް ޕުޓިން އޭނާގެ ވަޒީރުންނަށް ދެއްވާފައިވާ މުހުލަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންކަމުން، ވިލާތުގެ ގައުމުތަކުން ރުބެލް އިން އަގު ދައްކަން ދެކޮޅު ހަދާ ނަމަ، ދެން އަމަލުކުރާނެ ގޮތަކާ މެދު، ރަޝިޔާގެ ގޭސް ކުންފުނި ގޭޒްޕްރޮމް އިން ގޮތެއް ނިންމަން ޖެހޭނެ އެވެ.

"ގޭސް ފޯރުކޮށްދިނުމަކީ ވަރަށް ގިނަ މަސައްކަތް. ގޭސް ފޮނުވުމާއި އޭގެ ފައިސާ ހޯދުމާއި، ލިބުނު ފައިސާ އާއި ލިބެން ހުރި ފައިސާ އަޅައިބެލުން ވެސް އޭގެ ތެރޭގައި ހިމެނޭނެ. އެކަންކަން ހަމަޖައްސާނެ ގޮތްތަކެއް މިދަނީ ކަނޑައަޅަމުން،" ރަޝިޔާ އިން ވިއްކާ ގޭހުގެ އަގު ރުބެލް އިން އަދާކުރުމާ ގުޅޭ ކަންކަމުގެ އިސް ވިލަރެސްވެރިޔާ ޑިމިޓްރީ ޕެސްކޯވް ވިދާޅުވި އެވެ.