Roadha Mihaaru
ޖަރުމަނަށް ގޭސް ވިއްކަން ގަތަރުން އެއްބަސްވެއްޖެ

ޖަރުމަނަށް ގޭސް ވިއްކަން ގަތަރުން އެއްބަސްވެއްޖެ

21 މާޗް 2022

ޖަރުމަން ވިލާތަށް އެތެރެކުރާ ރަޝިޔާގެ ގޭހުގެ ބަދަލުގައި، ގަތަރުން ގުދުރަތީ ގޭސް ހޯދުމާ ބެހޭ ގޮތުން ޖަރުމަން ވިލާތާއި ގަތަރާ ދެމެދު އިއްޔެ އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.

ޖަރުމަން ވިލާތަށް އެތެރެކުރާ ރަޝިޔާގެ ގޭހުގެ ބަދަލުގައި، ގަތަރުން ގުދުރަތީ ގޭސް ހޯދުމާ ބެހޭ ގޮތުން ޖަރުމަން ވިލާތާއި ގަތަރާ ދެމެދު އިއްޔެ އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.

ޖަރުމަން ވިލާތުގެ އިގްތިސާދާ ބެހޭ ވަޒީރު ރޮބަޓް ހަބެކް އިއްޔެ ވަނީ ގަތަރަށް ވަޑައިގެން ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އާލް ސާނީއާ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމަށް ފަހު ދެ ގައުމުން އިއުލާންކުރި ގޮތުގައި، ޖަރުމަން ވިލާތަށް ބޭނުންވާ މިންވަރަށް ގަތަރުން ގުދުރަތީ ގޭސް ވިއްކުމަށް ގަތަރުން ވަނީ އެއްބަސްވެފަ އެވެ.

ޖަރުމަން ވިލާތުން ގަތަރުގެ ގޭސް ހޯދަން ނިންމީ، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުންނެވެ. ޖަރުމަން ވިލާތުގައި ބޭނުންކުރާ ގުދުރަތީ ގޭހުގެ ދެ ބައިކުޅަ އެއްބައި ހޯދަނީ ރަޝިޔާ އިންނެވެ. ޖަރުމަނަށް ބޭނުންވާ ގޭހާއި ތެލުގެ ބާވަތްތައް އެ ގައުމަށް ފޯރުކޮށްދިނުމަށް، ރަޝިޔާ އިން ވަނީ ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަން ވިލާތަށް ދެ ހޮޅި އަޅައިފަ އެވެ.

އޭގެ ތެރެއިން "ނޯޑް ސްޓްރީމް 2" ގޭސް ހޮޅިއަކީ ރަޝިޔާގެ އުސްޓް-ލޫގާ އިން ޖަރުމަން ވިލާތުގެ ލުބްމިން އަށް، ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ގޭސް ހޮޅިއެކެވެ. މި ގޭސް ހޮޅީގެ ޒަރީއާ އިން ޖަރުމަން ވިލާތަށް ރަޝިޔާގެ ތެޔޮ ވިއްކުމަށް ހަމަޖެހިފައިވަނީ، ރަޝިޔާ ސަރުކާރުގެ ގޭސް ކުންފުނި ގެޒްޕްރޮމް އިންނެވެ.

ނަމަވެސް ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ޖަރުމަން ވިލާތުން ވަނީ މި ގޭސް ހޮޅިން އެ ގައުމަށް ރަޝިޔާ އިން ގޭސް އިމްޕޯޓް ކުރުމުގެ ހުއްދަ ދިނުން މަޑު ޖައްސާލައިފަ އެވެ. ނަމަވެސް މީގެ ކުރިން ލައިސަންސް ދީފައިވާ "ނޯޑް ސްޓްރީމް 12" ތެޔޮ ހޮޅިން މިހާރު ވެސް ދަނީ ޖަރުމަނަށް ތެޔޮ އިމްޕޯޓް ކުރަމުންނެވެ.

ގަތަރު ސަރުކާރުން އެއްބަސްވި ގޮތަށް ޖަރުމަން ވިލާތަށް ގޭސް ވިއްކާނީ، ޖަރުމަން ވިލާތުގައި ހަކަތައިގެ ވިޔަފާރި ހިންގާ ކުންފުނިތަކުންނެވެ. ޖަރުމަން ވިލާތުގެ އިގްތިސާދާ ބެހޭ ވަޒީރު ރޮބަޓް ހަބެކް އިއްޔެ ގަތަރަށް ކުރެއްވި ދަތުރުގައި އެ ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވި އެވެ.

ޖަރުމަން ސަރުކާރުން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ ޖަރުމަން ވިލާތުގެ ކުންފުނިތަކާއި ގަތަރު ސަރުކާރާ ދެމެދު ސޮއިކުރަންޖެހޭ އެއްބަސްވުންތަކުގެ ދެލިކޮޕީ ތައްޔާރުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ނިމުމާ އެކު ޖަރުމަންގެ ކުންފުނިތަކާއި ގަތަރު ސަރުކާރާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށް، ގަތަރުގެ ގުދުރަތީ ގޭސް ޖަރުމަނަށް އިމްޕޯޓް ކުރުމުގެ މަސައްކަތް ފަށާނެ އެވެ.

ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގުދުރަތީ ގޭސް ނެރޭ ގައުމަކީ ރަޝިޔާ އެވެ. ދެ ވަނަ އަށް އެމެރިކާ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނައިން ގުދުރަތީ ގޭސް އެކްސްޕޯޓް ކުރާ ގައުމަކީ ގަތަރެވެ.