Roadha Mihaaru
ތެޔޮ ބަންދުކޮށްފިއްޔާ، ގޭހެއް ނުދޭނަން: ރަޝިޔާ

ތެޔޮ ބަންދުކޮށްފިއްޔާ، ގޭހެއް ނުދޭނަން: ރަޝިޔާ

08 މާޗް 2022

ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އިމްޕޯޓްކުރުން އެ ގައުމުތަކުން ހުއްޓާލައިފި ނަމަ، ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ގޭސް ވިއްކުން ހުއްޓައިލާނެ ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.

ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އިމްޕޯޓްކުރުން އެ ގައުމުތަކުން ހުއްޓާލައިފި ނަމަ، ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ގޭސް ވިއްކުން ހުއްޓައިލާނެ ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.

ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންޑާ ނޮވަކް ވިދާޅުވި ގޮތުގައި، ވިލާތުގެ ގައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލައިފި ނަމަ، ދުނިޔޭގެ ބާޒާރަށް ބޮޑު މުސީބާތެއް ކުރިމަތިވާނެ އެވެ. އެފަދަ ފިޔަވަޅެއް ވިލާތުގެ ގައުމުތަކުން އަޅައިފި ނަމަ، ދުނިޔޭގެ ބާޒާރުގައި މިހާރު ހުރި ތެލުގެ އަގު ދެ ގުނައަށް އުފުލި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 300 ޑޮލަރަށް މައްޗަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ތެލާއި ގޭސް އެތެރެ ކުރުން ހުއްޓައިލުމަށް، އެމެރިކާ އިން އަންނަނީ ވިލާތުގެ ގައުމުތަކާ އެކުގައި ވާހަކަ ދައްކަމުންނެވެ. ނަމަވެސް އެމެރިކާގެ އެ ހުށަހެޅުމަށް، ޖަރުމަން ވިލާތާއި ނެދަލޭންޑުން އިއްޔެ ވަނީ ދެކޮޅު ހަދައިފަ އެވެ.

ރަޝިޔާ އިން ޖަރުމަނަށް ގޭސް ފޮނުވުމަށް އަޅާފައިވާ ހޮޅި، ނޯޑް ސްޓްރީމް 1 ދައްކައިދޭ ޗާޓެއްގެ ކައިރީގައި، ޖަރުމަން ވިލާތުގެ ލުބްވިން ސިޓީގެ މޭޔަރު އެކްސެލް ވޮގްޓް މަޑުކޮށްލައްވައިގެން. ޔޫކްރޭން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ދަނީ ތެލުގެ އަގު އުފުލެމުން. --އޭއެފްޕީ

ރަޝިޔާ އިން ޖަރުމަނަށް ގޭސް ފޮނުވުމަށް އަޅާފައިވާ ހޮޅި، ނޯޑް ސްޓްރީމް 1 ދައްކައިދޭ ޗާޓެއްގެ ކައިރީގައި، ޖަރުމަން ވިލާތުގެ ލުބްވިން ސިޓީގެ މޭޔަރު އެކްސެލް ވޮގްޓް މަޑުކޮށްލައްވައިގެން. ޔޫކްރޭން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ދަނީ ތެލުގެ އަގު އުފުލެމުން. --އޭއެފްޕީ

ވިލާތުގެ ގައުމުތަކަށް ބޭނުންވާ ގޭހުގެ 40 ޕަސެންޓް އަދި ތެލުގެ 30 ޕަސެންޓް ހޯދަނީ ރަޝިޔާ އިންނެވެ. ރަޝިޔާ އިން ތެލާއި ގޭސް ހޯދުން މެދުކަނޑާލައިފި ނަމަ، ކުރިމަތިވާނެ ގެއްލުން ފޫބެއްދޭނެ އިތުރު ގޮތެއް ވިލާތުގެ ގައުމުތަކަށް މިވަގުތު ނެތެވެ.

ރަޝިޔާގެ ޓީވީގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންޑާ ނޮވަކް ވިދާޅުވި ގޮތުގައި، ރަޝިޔާ އިން ޔޫރަޕްގެ ގައުމުތަކަށް އެތެރެކުރާ ތެޔޮ ބޭނުންކުރުން ހުއްޓާލައި، އޭގެ ބަދަލުގައި އެ މިންވަރަށް ތެލާއި ގޭސް ހޯދޭނެ އިތުރު ގޮތެއް މިވަގުތު ޔޫރަޕަކަށް ނެތެވެ.

"ރަޝިޔާގެ ތެލާއި ގޭހުގެ ބަދަލުގައި ޔޫރަޕްގެ ބާޒާރަށް ބޭނުންވާ މިންވަރަށް ތެލާއި ގޭސް ހޯދޭނެ އެހެން ގޮތެއް ހޯދުމަކީ ޔޫރަޕަށް މުސްތަހީލު ކަމެއް. އެކަމަށް އަހަރުތަކެއް ނަގާނެ. އެފަދަ ގޮތެއް ހޯދުނަސް، އެއީ ޔޫރަޕްގެ ގައުމުތަކަށް މިހާރަށް ވުރެ ހަރަދު ބޮޑު ގޮތަކަށް ވާނެ. އޭގެ ނަތީޖާއަކަށް ވާނީ ރަޝިޔާ އަށް ދަތިކުރުމަށް ކުރާ މަސައްކަތުން، އޭގެ ހަގީގީ ދަތިކަން ޔޫރަޕަށް ފޯރުން."

ރަޝިޔާގެ ގޭސް ޖަރުމަން ވިލާތަށް ފޮނުވުމަށް ބެރެންޓް ކަނޑުގެ އަޑިން އަޅާފައިވާ ގޭސް ހޮޅި، ނޯޑް ސްޓްރީމް 2 މެދުވެރިކޮށް ޖަރުމަނަށް ގޭސް އެތެރެ ކުރުމުގެ ހުއްދަ ދިނުން ފަސްކުރުމަށް، މިދިޔަ މަހު ޖަރުމަން ވިލާތުން ނިންމި ނިންމުމަށް ވެސް، ބޮޑުވަޒީރުގެ ނާއިބު ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލާތުގެ ގައުމުތަކަށް ރަޝިޔާގެ ތެޔޮ އިމްޕޯޓްކުރުން ހުއްޓައިލުމަކީ ބަދަލު ހިފުމުގެ ފެށުމަކަށް ވެދާނެ އެވެ.

"އެފަދަ ނިންމުމަކާ އެކަށޭނަ ގޮތަކަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު ރަޝިޔާ އަށް ވެސް އެބަ އޮތް. އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ، މިހާރު އޮތް ނޯޑް ސްޓްރީމް 1 މެދުވެރިކޮށް ޖަރުމަން ވިލާތަށް ގޭސް ފޮނުވުން މެދުކަނޑައިލުމުގެ ފުރިހަމަ ބާރާއި ހައްގު ވެސް ރަޝިޔާ އަށް އެބަ އޮތް."

ދުނިޔޭގައި އެންމެ ގިނައިން ގުދުރަތީ ގޭސް އުފައްދާ ގައުމަކީ ރަޝިޔާ އެވެ. އަދި ސާފު ނުކުރާ ތެޔޮ، ދެ ވަނަ އަށް އެންމެ ގިނައިން ދުނިޔޭގެ ބާޒާރަށް ނެރޭ ގައުމަކީ ވެސް ރަޝިޔާ އެވެ. އެހެންކަމުން އެ ގައުމުގެ ތެލާއި ގޭހުގެ ވިޔަފާރިއަށް ބުރުލެއް އަރުވާލައިފި ނަމަ، އެ ގައުމުގެ އިގްތިސާދަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ.