Roadha Mihaaru
ރަޝިޔާގެ ތެލާއި ގޭސް އެމެރިކާގައި މަނާކޮށްފި

ރަޝިޔާގެ ތެލާއި ގޭސް އެމެރިކާގައި މަނާކޮށްފި

09 މާޗް 2022

ރަޝިޔާގައި އުފައްދައި ބާޒާރަށް ނެރޭ ތެލާއި ގޭހުގެ ބާވަތްތަކާއި ބޯޓުދެލި އެމެރިކާ އަށް އެތެރެ ކުރުމާއި ވިއްކުން، އެމެރިކާ ސަރުކާރުން އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.

ރަޝިޔާގައި އުފައްދައި ބާޒާރަށް ނެރޭ ތެލާއި ގޭހުގެ ބާވަތްތަކާއި ބޯޓުދެލި އެމެރިކާ އަށް އެތެރެ ކުރުމާއި ވިއްކުން، އެމެރިކާ ސަރުކާރުން އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.

އެމެރިކާ އިން މި ފިޔަވަޅު މިއެޅީ، ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓުވުމުގެ ގޮތުން، ރަޝިޔާ އަށް އިގްތިސާދީ ގޮތުން ދަތި ކުރުމަށެވެ. ރަޝިޔާގެ ތެލާއި ބޯޓުދެއްޔާއި ގޭހުގެ ބާވަތްތައް އެމެރިކާ އަށް އެތެރެ ކުރުން މަނާކުރި ކަން އިއުލާން ކުރައްވަމުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މި ނިންމުން އަމާޒުކޮށްފައިވަނީ ސީދާ ރަޝިޔާގެ އިގްތިސާދުގެ މައި ލޭނާރަށް ކަމަށެވެ.

"އަހަރެމެން މި ހުއްޓާލަނީ ރަޝިޔާގެ ތެލާއި ގޭހާއި ހަކަތަ އެމެރިކާ އަށް އެތެރެ ކުރުން. އޭގެ މާނައަކީ، މީގެ ފަހުން ރަޝިޔާގައި އުފައްދާ ތެޔޮ އެމެރިކާގެ އެއްވެސް ބަނދަރަކުން ބަލައިނުގަންނާނެޔޭ. މިއީ ޕުޓިން ގެންގުޅޭ ހަނގުރާމައިގެ މެޝިނުގައި، އެމެރިކާ ރައްޔިތުން ޖެހި ވަރުގަދަ ތަފާލެއް،" އެމެރިކާގެ ނިންމުން އިއުލާން ކުރައްވަމުން ރައީސް ޖޯ ބައިޑެން ވިދާޅުވި އެވެ.

އެމެރިކާ އިން މި ފިޔަވަޅު މިއެޅީ، ރަޝިޔާގެ ތެލާއި ގޭސް އެތެރެ ކުރުން ހުއްޓައިލުމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއި، ހަނގުރާމައާ އިދިކޮޅު ފަރާތްތަކުން، ވިލާތުގެ ގައުމުތަކަށާއި އެމެރިކާ އަށް ގޮވާލަމުން ދަނިކޮށެވެ. ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގެ ގިނަ ސަހަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދެ މިލިއަނެއްހާ މީހުން ރެފިއުޖީންގެ ގޮތުގައި އެ ގައުމުން ނުކުމެއްޖެ އެވެ.

އެމެރިކާ އިން ރަޝިޔާގެ ތެލާއި ގޭސް އެތެރެ ކުރުން ހުއްޓައިލި ނަމަވެސް، އެ މޭރުމުން ކަންތައް ކުރާކަށް ވިލާތުގެ ގައުމުތައް ބޭނުމެއް ނުވެ އެވެ. އެއީ، ރަޝިޔާގެ ތެލާއި ގޭހުގެ ބަދަލުގައި، އެ މިންވަރަށް ވިލާތުގެ ގައުމުތަކަށް ތެލާއި ގޭސް ހޯދޭނެ އިތުރު ގޮތެއް މި ވަގުތު ނެތްއިރު، އެ ފިޔަވަޅު އަޅައިފި ނަމަ ވިލާތުގެ ގައުމުތަކުގައި ތެލާއި ގޭހުގެ އަގުތައް އިންތިހާ އަށް އުފުލިގެން ދާނެތީ އެވެ.

ވިލާތުގެ އިއްތިހާދަށް އެންމެ ގިނައިން ތެލާއި ގޭސް ވިއްކާ އެއް ގައުމަކީ ރަޝިޔާ އެވެ. ވިލާތުގެ ގައުމުތަކަށް ބޭނުންވާ ގޭހުގެ 40 ޕަސެންޓް އަދި ތެލުގެ 30 ޕަސެންޓް ހޯދަނީ ރަޝިޔާ އިންނެވެ. ނަމަވެސް ހަކަތައިގެ ވަސީލަތްތައް ހޯދުމުގައި އެމެރިކާ އިން ރަޝިޔާ އަށް ބަރޯސާވާ މިންވަރު މިއަށް ވުރެ ކުޑަ އެވެ.

ރަޝިޔާގެ ކުންފުނިތަކުން އެމެރިކާ އަށް ގަންނަނީ އެވްރެޖް ގޮތެއްގައި ދުވާލަކަށް 290،000 ފީފާގެ ސާފުނުކުރާ ތެލެވެ. އެއީ އެމެރިކާ އަށް އިމްޕޯޓްކުރާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް އެންމެ ތިން ޕަސެންޓެވެ.

އެމެރިކާގެ ނިންމުން އިއުލާން ކުރައްވަމުން ބައިޑެން ވިދާޅުވީ އެމެރިކާގައި އަމިއްލަ އަށް އުފައްދާ ތެލުގެ މިންވަރު، މުޅި ޔޫރަޕްގައި އުފައްދާ ތެލުގެ މިންވަރަށް ވުރެ އިތުރު ކަމަށާއި، އެމެރިކާ އިން އެޅި ފިޔަވަޅު، ވިލާތުގެ ގައުމުތަކަށް ނޭޅިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.