Roadha Mihaaru
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި

ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި

31 އޯގަސްޓް 2022

އެއްގަމު މަގުން ވިލާތުގެ ގައުމުތަކަށް ގޭސް ފޮނުވުމަށް ރަޝިޔާ އިން ޖަރުމަން ވިލާތަށް އަޅާފައިވާ ދެ ގޭސް ހޮޅީގެ ތެރެއިން، ނޯޑް ސްޓްރީމް 1، ރަޝިޔާ އިން މިއަދު ބަންދުކޮށްފި އެވެ.

އެއްގަމު މަގުން ވިލާތުގެ ގައުމުތަކަށް ގޭސް ފޮނުވުމަށް ރަޝިޔާ އިން ޖަރުމަން ވިލާތަށް އަޅާފައިވާ ދެ ގޭސް ހޮޅީގެ ތެރެއިން، ނޯޑް ސްޓްރީމް 1، ރަޝިޔާ އިން މިއަދު ބަންދުކޮށްފި އެވެ.

ގޭސް ހޮޅީގެ މަރާމާތުތަކެއް ކުރަން ޖެހިފައިވާ ކަމަށް ބުނެ، ރަޝިޔާ އިން ގޭސް ހޮޅި ބަންދުކުރީ ތިން ދުވަހުގެ މުއްދަތަށް ކަމަށް، ރަޝިޔާ ސަރުކާރުގެ ހަކަތައާ ބެހޭ ކުންފުނި ގޭޒްޕްރޮމް އިން ބުންޏެވެ. އެހެންކަމުން މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހާ ހަމައަށް ޖަރުމަން ވިލާތަށް ރަޝިޔާގެ ގޭހެއް ނުލިބޭނެ އެވެ.

ރަޝިޔާގެ މި ނިންމުމާ ގުޅޭ ގޮތުން ޖަރުމަން ވިލާތުން މިއަދު ބުނީ، ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ހަކަތައިގެ ބާވަތްތައް ރަޝިޔާ އިން ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ގޭޒްޕްރޮމް އިން ބުނި ގޮތުގައި ނޯޑް ސްޓްރީމް 1 ބަންދުކުރީ، އެ ހޮޅިން ގޭސް ފޮނުވާތާ ކޮންމެ 1000 ގަޑިއިރަކުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތެއް ކުރުމަށެވެ. އެއީ ޖަރުމަނަށް ގޭސް ފޮނުވާ ކޮމްޕްރެސަރ ސްޓޭޝަން މަރާމާތުކުރުން ކަމަށާއި އެކަމަށް ތިން ދުވަސް ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރަޝިޔާ އިން ބުނި ގޮތުގައި ގޭސް ހޮޅީގެ މަރާމާތަށްޓަކައި ގޭސް ފޮނުވުން މެދުކަނޑައިލަން ޖެހުނީ، ޔޫކްރޭން ހަނގުރާމައާ ގުޅިގެން ވިލާތުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން، ނޯޑް ސްޓްރީމްގެ ކޮމްޕްރެސަރ ސްޓޭޝަންގެ މަރާމާތުތައް ކުރަނީ، އެމަސައްކަތާ ހަވާލުވެފައިވާ އޮސްޓްރިއާގެ ކުންފުންޏަކުންނެވެ.

އެ ކުންފުނިން އެ މަސައްކަތް ކުރަމުން އަންނަނީ، ގޭސް ހޮޅިން ގޭސް ފޮނުވުން މެދުނުކެޑޭނެ ގޮތަށް، ކޮމްޕްރެސަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ބޭނުންކޮށްގެންނެވެ. ނަމަވެސް ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން، އޮސްޓްރިއާގެ ކުންފުނިން ވަނީ ގޭސްހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓާލައިފަ އެވެ.

ޖަރުމަން ވިލާތަށް ގޭސް ފޮނުވުން ހުއްޓައިލުމާ ގުޅޭ ގޮތުން ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް މިއަދު ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ޓެކްނިކަލް މައްސަލަތައް ފިޔަވައި، ގޭސް ހޮޅި ބަންދުކުރުމަށް މެދުވެރިވާ އެހެން އެއްވެސް ކަމެއް ނެތް ކަމަށެވެ.

ނޯޑް ސްޓްރީމް 1 ބަންދުކުރަންޖެހިދާނެ ކަމަށް ރަޝިޔާ އިން ބުނަމުން އަންނަތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ. އެކަމާ ގުޅިގެން ޖަރުމަން ވިލާތުގެ އިގްތިސާދާ ބެހޭ ވަޒީރު ރޮބަޓް ހަބެކް މިމަހުގެ ކުރީކޮޅު ވިދާޅުވެފައިވަނީ، ނޯޑް ސްޓްރީމްގެ މަސައްކަތް އެންމެ ފުރިހަމަ އަށް ހިނގަމުން އަންނަ ކަމަށެވެ. އަދި އެ ގޭސް ހޮޅި ބަންދުކުރަން ޖެހޭ ފަދަ ފަންނީ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ހުޅަނގު ފަރާތު އައްސޭރި ސަރަހައްދުން ފެށިގެން، ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަން ވިލާތުގެ އިރުއުތުރު ފަރާތު އައްސޭރިއާ ހަމައަށް އަޅާފައިވާ ނޯޑް ސްޓްރީމް 1ގެ ދިގުމިނުގައި 1200 ކިލޯމީޓަރު ހުރެ އެވެ. ޖަރުމަން ވިލާތާއި ރަޝިޔާއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ގާއިމުކޮށްފައިވާ ނޯޑް ސްޓްރީމް1 ހުޅުވައި ޚިދުމަތް ދޭން ފެށީ 2011 ވަނަ އަހަރު އެވެ. އެ ގޭސް ހޮޅިން ދުވާލަކު 170 މިލިއަން ކޮޑި މީޓަރުގެ ގޭސް ޖަރުމަން ވިލާތަށް ފޮނުވަ އެވެ.