Roadha Mihaaru
ރަޝިޔާގެ ގޭސް ހޮޅި ގޮވައި، ކަނޑަށް ގޭސް ލީކްވެއްޖެ

ރަޝިޔާގެ ދެ ގޭސް ހޮޅި ގޮވައި، ކަނޑަށް ގޭސް ލީކްވެއްޖެ

28 ސެޕްޓެމްބަރ 2022

ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް ގޭސް ފޮނުވުމަށް، ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ދެ ގޭސް ހޮޅި ގޮވައި، ކަނޑަށް ގޭސް ލީކުވެއްޖެ އެވެ.

ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް ގޭސް ފޮނުވުމަށް، ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ދެ ގޭސް ހޮޅި ގޮވައި، ކަނޑަށް ގޭސް ލީކުވެއްޖެ އެވެ.

ބޯލްޓިކް ކަނޑަށް ގޭސް ލީކްވެފައިވަނީ، ޑެންމާކާއި ސްވިޑްން ކައިރިންނެވެ. ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ކަނޑަށް ގޭސް ލީކްވެފައިވަނީ، ނޯޑް ސްޓްރީމް އެކަކާއި ދޭއް ގޮވުމުގެ ސަބަބުން ކަމަށް ބެލެވޭތީ، އެ ސަރަހައްދުގެ ގައުމުތަކުން މިހާރު އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ. އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ބެލެވުނަސް، އެއީ އަސްކަރީ ހަރަކާތެއް ކަމަށް ނުބެލެވޭ ކަމަށް އެ ސަރަހައްދުގެ ގައުމުތަކުން ބުނެ އެވެ.

ނޯވޭގެ ހަކަތައާ ބެހޭ ވަޒީރު ތެރްޖޭ އާސްލާންޑް އިއްޔެ ވިދާޅުވީ ކަނޑައަށް ގޭސް ލީކްވުމާ ބެހޭ ގޮތުން މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ސްވިޑްންގެ ބޮޑުވަޒީރު މަގްޑަލޭނާ އެންޑާސަން އާއި ޑެންމާކްގެ ބޮޑުވަޒީރު މެޓް ފްރެޑްރިކްސަން ވެސް ވިދާޅުވީ، ގޭސް ލީކްވެފައިވަނީ، ނޯޑް ސްޓްރީމް ގޭސް ހޮޅި އަށް ބަޔަކު ގަސްދުގައި ދިން ހަމަލާއެއްގެ ސަބަބުން ކަމަށް ބެލެވުނަސް، އެއީ އަސްކަރީ ހަރަކާތެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އެކަމާ ބެހޭ ގޮތުން ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ "މިހާރުގެ ހާލަތުގައި، އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަށް ނުބުނެވޭނެ" ކަމަށެވެ.

ގޭސް ހޮޅިން ގޭސް ފޮނުވުމުގެ މަސައްކަތް ކުރާ ނޯޑްސްޓްރީމް ކުންފުނިން ބުނި ގޮތުގައި ގޭސް ހޮޅިއަށް ލިބުނު ގެއްލުންތައް މަރާމާތު ކުރެވޭނެ ދުވަހެއް ބުނާކަށް ނޭނގެ އެވެ. އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކުއްލި ގޮތަކަށް ގޭސް ހޮޅިގެ ޕްރެޝަރު ދަށްވިކަން ފާހަގަކުރެވޭ ކަމަށާއި، ގޭސް ފޮނުވުން ހުއްޓައިނުލާ އިރު، އެފަދަ ކަމެއް މެދުވެރިވާނީ ގޭސް ހޮޅިއަށް ބޮޑު ގެއްލުމެއް ލިބިގެން ކަމަށެވެ.

ޖަރުމަނާއި ޑެންމާކްގެ އިތުރުން ސްކެންޑިނޭވިއާގެ ގައުމުތަކުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރަޝިޔާ އިން ޖަރުމަން ވިލާތަށް، ބޯލްޓިކް ކަނޑުގެ އަޑިން ދެ ގޭސް ހޮޅި (ނޯޑް ސްޓްރީމް 1، ނޯޑް ސްޓްރީމް 2) އަޅާފައި އޮވެ އެވެ. އޭގެ ތެރެއިން ނޯޑް ސްޓްރީން 2 އިން ގޭސް ލީކުވާ ކަމަށް، އިއްޔެ އެންމެ ފުރަތަމަ ރިޕޯޓް ކުރީ ސްވިޑްންގެ ކަނޑުދަތުރުފަތުރުގެ ކަންތައް ބަލަހައްޓާ އިދާރާއިންނެވެ. އޭގެ ފަހުން، ނޯޑް ސްޓްރީން 1ގެ ދެ ތަނަކުން ގޭސް ލީކްވާ ކަމަށް ވެސް އެ އިދާރާ އިން އިއްޔެ ރިޕޯޓްކުރި އެވެ.

މި ދެ ގޭސް ހޮޅިން ކަނޑުގެ ތެރެއަށް ގޭސް ލީކުވާން ފެށި އިރު، އެ ދެ ގޭސް ހޮޅިން ވިލާތުގެ ގައުމުތަކަށް އެއްވެސް ވަރަކަށް ގޭހެއް ނުފޮނުވަ އެވެ. އެ ދެ ގޭސް ހޮޅިން ގޭސް ފޮނުވުން ރަޝިޔާ އިން މިދިޔަ މަހު ހުއްޓައިލީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، ރަޝިޔާ އަށް ދަތިކުރުމަށް ވިލާތުގެ ގައުމުތަކުން ފިޔަވަޅުތަކެއް އަޅާފައިވާތީ އެވެ.