06 ސެޕްޓެމްބަރ 2022
ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުން ނޫނީ، ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް ގޭސް ފޮނުވަން ނުފަށާނެ ކަމަށް، ރަޝިޔާ ސަރުކާރުން އިއްޔެ ބުނެފި އެވެ.
ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުން ނޫނީ، ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް ގޭސް ފޮނުވަން ނުފަށާނެ ކަމަށް، ރަޝިޔާ ސަރުކާރުން އިއްޔެ ބުނެފި އެވެ.
ރަޝިޔާ އިން މި މޭރުމުން ވިލާތުގެ ގައުމުތަކަށް އިންޒާރު ކުރީ، ވިލާތުގެ ގައުމުތަކަށް ގުދުރަތީ ގޭސް ފޮނުވުމަށް ރަޝިޔާ އިން ޖަރުމަން ވިލާތަށް އަޅާފައިވާ ގޭސް ހޮޅިން ގޭސް ފޮނުވުން ރަޝިޔާ އިން ހުއްޓައިލުމުން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ. ރަޝިޔާ އިން ޖަރުމަނަށް އަޅާފައިވާ ގޭސް ހޮޅި، ނޯޑް ސްޓްރީމް 1، ރަޝިޔާ އިން ބަންދުކުރީ މަރާމާތުކުރުމުގެ މަސައްކަތެއް ކުރުމަށް ކަމަށް ބުނެ، މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.
ތިން ދުވަހަށް ފަހު، މި މަހުގެ 2 ވަނަ ދުވަހު ގޭސް ހޮޅިން އަލުން ގޭސް ފޮނުވަން ފަށާނެ ކަމަށް ބުނުމަށް ފަހު، އެ މުއްދަތު ހަމަވުމުގެ އެއް ދުވަސްކުރިން، ރަޝިޔާ އިން ވަނީ ގޭސް ފޮނުވަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށެވެ. ސަބަބެއް ކަމަށް ރަޝިޔާ އިން ބުނީ، އެ ހޮޅިން ޖަރުމަނަށް ގޭސް ފޮނުވުމަށް ބޭނުންކުރާ ޕަމްޕު ސްޓޭޝަނުން ތެޔޮ ލީކްވާތީ އެވެ.
ރަޝިޔާ އިން ހުޅަނގު ޔޫރަޕަށް ގޭސް ފޮނުވުމަށް ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަން ވިލާތާ ހަމައަށް އަޅާފައިވާ ދެ ގޭސް ހޮޅި، ނޯޑް ސްޓްރީމް 1 އާއި ނޯޑް ސްޓްރީމް 2، އަޅާފައިވާ ގޮތް ދައްކައިދޭ ކުރެހުމެއް
ރަޝިޔާގެ ރިއާސީ ގަނޑުވަރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް އިއްޔެ ވިދާޅުވީ ނޯޑް ސްޓްރީމް 1 ބަންދުކުރަން ޖެހުނު ހަމައެކަނި ސަބަބަކީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކެވެ.
"ގޭސް ޕަމްޕު ކުރުމަށް މައްސަލަތަކެއް މެދުވެރިވީ އަހަރެމެންގެ ގައުމާއި އަހަރެމެންގެ ބައެއް ކުންފުނިތަކަށް ދަތިކުރުމަށް، ޖަރުމަން ވިލާތާއި އިނގިރޭސި ވިލާތް ހިމެނޭ ގޮތަށް، ހުޅަނގުގެ ބައެއް ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން. ގޭސް ޕަމްޕު ކުރުމަށް މައްސަލަތަކެއް ދިމާވުމުގައި އެހެން އެއްވެސް ސަބަބެއް ނެތް،" ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޭސް ޕަމްޕުކުރާ ސްޓޭޝަންގެ މަރާމާތުގެ މަސައްކަތުގައި ބައިވެރިވާ ޓީމުތައް އެ ސްޓޭޝަނަށް ދިއުމަށް ހުރަސް އެޅީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. އަދި އެ ސްޓޭޝަންގައި ހުރި ބައެއް ތަކެތި މަރާމާތު ކުރުމަށްޓަކައި އެހެން ތަންތަނަށް ގެންދިއުމަށް ހުރަސް އަޅަނީ ވެސް، ދަތިކުރުމުގެ ފިޔަވަޅުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ އިން ޖަރުމަށަށް ގޭސް ފޮނުވުމަށް އަޅާފައިވާ ނޯޑް ސްޓްރީމް ގޭސް ހޮޅީގެ ޕަމްޕު ސްޓޭޝަންގެ ބައެއް މަރާމާތު ކުރުމަށްޓަކައި ނަގާފައި
ޖަރުމަން ވިލާތުގެ ހުޅަނގު އައްސޭރިން ފެށިގެން ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަން ވިލާތުގެ އިރުއުތުރު އައްސޭރިފަށަށް، 2011 ވަނަ އަހަރު އަޅާފައިވާ ގޭސް ހޮޅިއަކީ، ރަޝިޔާ އިން ހުޅަނގު ޔޫރަޕަށް ގޭސް ފޮނުވުމަށް އަޅާފައިވާ އެންމެ ބޮޑު ގޭސް ހޮޅި އެވެ. އެ ހޮޅިން ފޮނުވާ ގޭސް އެންމެ ފުރަތަމަ ދާނީ ޖަރުމަން ވިލާތަށެވެ. ޔޫރަޕްގެ އެހެން ގައުމުތަކަށް ގޭސް ފޮނުވާނީ ޖަރުމަން ވިލާތުގައި ހުންނަ ޕަމްޕު ސްޓޭޝަން މެދުވެރިކޮށެވެ.
ނޯޑް ސްޓްރީމް 1، ރަޝިޔާ އިން ބަންދުކުރުމާ ގުޅިގެން، އެހެން ގައުމުތަކުން ގޭސް ހޯދުމަށް ވިލާތުގެ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ރަޝިޔާ އިން ބުނީ، އެއީ ވިލާތުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ. ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ޔޫކްރޭން މައްސަލައާ ގުޅުވައިގެން ރަޝިޔާ އަށް ދަތިކުރުމަށް ފިޔަވަޅުތަކެއް އެޅުމަކީ ވިލާތުގެ އިއްތިހާދުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެހެންކަމުން އެ ގޯހުގެ އަގު ވިލާތުގެ އިއްތިހާދުން އަދާކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލާތުގެ ގައުމުތަކަށް ގޭސް ފޮނުވުން ރަޝިޔާ އިން ހުއްޓައިލީ، ރަޝިޔާގެ ގޭހާއި ތެލަށް، ވީ އެންމެ ކުޑަ އަގެއް ދެއްކޭނެ ރޭވުންތަކެއް ރާވަމުންދާ ކަމަށް، ޖީ7ގެ ގައުމުތަކުގެ މާލީ ވަޒީރުން މިދިޔަ ހުކުރު ދުވަހު ބުނެފައިވަނިކޮށެވެ. މުއްދަތެއް ނެތް ގޮތަށް ގޭސް ހޮޅި ބަންދުކުރި ކަން ރަޝިޔާ އިން އިއުލާން ކުރީ ވެސް އެ ދުވަހު އެވެ.
ރަޝިޔާ އިން ގޭސް ފޮނުވުން ހުއްޓައިލުމުން، ވިލާތުގެ ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެމެރިކާ އާއި މެދުއިރުމަތީގެ ގައުމުތަކުން ހަކަތައިގެ ބާވަތްތައް އިތުރަށް ހޯދުމަށެވެ. އެ ގޮތުން، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް އިއްޔެ އަލްޖީރިއާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް އަބްދުލް މަޖީދު ތަބޫންއާ ބައްދަލުކުރެއްވި އެވެ. އެއަށް ފަހު މި ހަފުތާގެ ތެރޭގައި ޗާލްސް ގަތަރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
ގޭހަށް ޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫރަޕުން: ރަޝިޔާ
ފިނި މޫސުމުގައި ޔޫރަޕަށް ލިބޭ ގެއްލުން ބޮޑުވެދާނެ
ރަޝިޔާގެ ހަކަތައިގެ ބަދަލުގައި ޔޫރަޕުން އެހެން ގޮތެއް
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
ދޫދިނުމަށް ފަހު، ރަޝިޔާގެ ތެޔޮ ވިލާތުގައި މަނާކޮށްފި
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް
ރަޝިޔާގެ ގޭސް ހޮޅި ގޮވައި، ކަނޑަށް ގޭސް ލީކްވެއްޖެ
ރަޝިޔާ އިން ޔޫރަޕަށް ފޮނުވާ ގޭސް މަދުކޮށްލަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން