04 ސެޕްޓެމްބަރ 2022
ވިލާތުގެ ގައުމުތަކަށް ބޭނުންވާ ހަކަތަ ހޯދުމުގައި ރަޝިޔާ އަށް ބަރޯސާވެވެން ނެތް ކަމަށް ބުނެ، ހަކަތައިގެ ބާވަތްތައް ހޯދޭނެ އެހެން ގޮތްތަކެއް ފެނޭތޯ ވިލާތުގެ އިއްތިހާދުން މަސައްކަތް ފަށައިފި އެވެ.
ވިލާތުގެ ގައުމުތަކަށް ބޭނުންވާ ހަކަތަ ހޯދުމުގައި ރަޝިޔާ އަށް ބަރޯސާވެވެން ނެތް ކަމަށް ބުނެ، ހަކަތައިގެ ބާވަތްތައް ހޯދޭނެ އެހެން ގޮތްތަކެއް ފެނޭތޯ ވިލާތުގެ އިއްތިހާދުން މަސައްކަތް ފަށައިފި އެވެ.
ގުދުރަތީ ގޭހާއި ޕެޓްރޯލާއި ޑީސަލް ލިބޭނެ އެހެން ގޮތްތަކެއް ހޯދުމަށް ވިލާތުގެ ގައުމުތަކުން މަސައްކަތް މިފެށީ، ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް ގޭސް ފޮނުވުމަށް، ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަން ވިލާތަށް އަޅާފައިވާ ގޭސް ހޮޅި، ނޯޑް ސްޓްރީމް 1 ރަޝިޔާ އިން ބަންދުކުރުމާ ގުޅިގެންނެވެ. ރަޝިޔާ ސަރުކާރުގެ ކުންފުނި، ގޭޒްޕްރޮމް އިން އެ ހޮޅި ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ބަންދުކުރީ މުހިންމު މަރާމާތެއް ކުރަންޖެހުމުން ކަމަށް ބުނެ އެވެ.
ތިން ދުވަހަށް ފަހު، އިއްޔެ އިން ފެށިގެން ނޯޑް ސްޓްރީމް 1 ހުޅުވައި ގޭސް ފޮނުވަން ފަށާނެ ކަމަށް ގޭޒްޕްރޮމް އިން ބުނުމަށް ފަހު، އިއްޔެ ބުނެފައިވަނީ، ގޭސް ހޮޅިން އަލުން ގޭސް ފޮނުވަން ފެށޭނެ މުއްދަތެއް ބުނަން ނޭނގޭ ކަމަށެވެ. މިދިޔަ ތިން ދުވަހު ކުރި މަރާމާތަށް ފަހު، އަލުން ގޭސް ފޮނުވަން ބެލި އިރު، ގޭސް ޕަމްޕުކުރުމަށް ބޭނުންކުރާ މައި ޕަމްޕުން ގޭސް ލީކުވާކަން ފާހަގަކުރެވިފައިވާތީ، ގޭސް ފޮނުވަން ފެށުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ގޭޒްޕްރޮމް އިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޯޑް ސްޓްރީމް 1 މިހާރު ވަނީ މުޅިން ބަންދުކޮށްފައި ކަމަށާއި، ގޭސް ފޮނުވާ ސްޓޭޝަނަށް މެދުވެރިވި ފަންނީ މައްސަލަ ހައްލުކުރުމަށް ފަހުގައި ނޫނީ، ގޭސް ފޮނުވަން ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.
ވިލާތުގެ ގައުމުތަކަށް ބޭނުންވާ ގޭހުގެ ވަރަށް މަތީ ޕަސެންޓެއް ހޯދަނީ ރަޝިޔާ އިން ގަނެގެންނެވެ. ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުން، 2021 ވަނަ އަހަރު އެކަނިވެސް، 155 ބިލިއަން ކޮޑިމީޓަރުގެ ގޭސް ރަޝިޔާ އިން ގަނެފައިވެ އެވެ. އެއީ މުޅި ވިލާތުގެ އިއްތިހާދަށް އަހަރަކު ބޭނުންވާ ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް 45 ޕަސެންޓެވެ.
ވިލާތުގެ ގައުމުތަކަށް ގުދުރަތީ ގޭސް އެކްސްޕޯޓްކުރުމުގައި ރަޝިޔާ އިން ކުރިމަތިކުރާ މިފަދަ ދަތިތައް ދެމިއޮވެއްޖެ ނަމަ، މިއަހަރުގެ ކުރިއަށް އޮތް ފިނި މޫސުމުގައި ވިލާތުގެ ގައުމުތަކަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ އެވެ. ރަޝިޔާގެ މި ފިޔަވަޅުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ، ރަޝިޔާގެ ގޭސް އެންމެ ގިނައިން ގަންނަ ދެ ގައުމު ކަމަށްވާ ޖަރުމަން ވިލާތާއި އިޓަލީ ވިލާތަށެވެ.
ނޯޑް ސްޓްރީމް ގޭސް ހޮޅި ބަންދުކުރުމުގެ ކުރިން ވެސް ރަޝިޔާ އިން ވަނީ ވިލާތުގެ ގައުމުތަކަށް ގުދުރަތީ ގޭސް ފޮނުވާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްލައިފަ އެވެ. ސްވިޒަލޭންޑުން ބުނި ގޮތުގައި ރަޝިޔާ އިން އާންމުކޮށް ގޭސް ފޮނުވާ މިންވަރާ އަޅައި ބަލާއިރު، މިހާރު ލިބެނީ އެންމެ 20 ޕަސެންޓްގެ ގޭހެވެ.
ރަޝިޔާގެ ގުދުރަތީ ގޭސް ފޮނުވުން މެދުކަނޑައިލުމާ ގުޅިގެން، ވިލާތުގެ ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ދުނިޔޭގެ އެހެން ގައުމުތަކުން ގުދުރަތީ ގޭސް ގަތުމަށެވެ. އެގޮތުން އެމެރިކާ އާއި ގަތަރުން އިތުރު ގޭހާއި ތެލުގެ ބާވަތްތައް ހޯދުމަށް ވިލާތުގެ ގައުމުތަކުން މިހާރު އަންނަނީ އެ ދެ ގައުމާ އެކުގައި މަޝްވަރާތައް ކުރަމުންނެވެ.
އޭގެ އިތުރުން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ވެސް، ވިލާތުގެ ގައުމުތަކުން މިހާރު އަންނަނީ ޚާއްސަ މަޝްރޫއުތަކެއް ފަށަމުންނެވެ. އެކަމަށްޓަކައި އިތުރު އިންވެސްޓްމެންޓްތައް ގާއިމުކުރުމަށް ވިލާތުގެ ގައުމުތަކުން އަންނަނީ ބަޖެޓްގައި ހިމަނަމުންނެވެ.
ވިލާތުގެ ގައުމުތަކުން މި ފިޔަވަޅުތައް އަޅަން މިފެށީ، ރަޝިޔާ އަށް ދަތިކުރުމަށް ވިލާތުގެ ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ވިލާތުގެ ގައުމުތަކަށް ހަކަތައިގެ ބާވަތްތައް ހޯދުމުގައި މާ ބޮޑެތި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.
ޔޫކްރޭން ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާ އަށް ބާރު އެޅުމުގެ ގޮތުން، ރަޝިޔާގެ ޕެޓްރޯލާއި ޑީސަލް ގަތުން ހުއްޓައިލުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ ނިންމައިފަ އެވެ. އޭގެ ބަދަލުގައި ރަޝިޔާ އިން ވަނީ، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމުތަކަށް ރަޝިޔާ އިން ހަކަތައިގެ ބާވަތްތައް ވިއްކުމަށް ޝަރުތުތަކެއް ކުރިމަތިކޮށްފަ އެވެ.
އޭގެ ތެރެއިން ވިލާތުގެ ގައުމުތައް ދެބަސްވާ މައިގަނޑު ޝަރުތަކީ، ވިލާތުގެ ގައުމުތަކަށް ރަޝިޔާ އިން ވިއްކާ ހަކަތައިގެ ބާވަތްތަކަށް، ރަޝިޔާގެ ފައިސާ ރުބެލް އިން އަގު އަދާކުރަންޖެހޭ ގޮތަށް، ރަޝިޔާ އިން ކަނޑައެޅި ޝަރުތެވެ. އަދި ރަޝިޔާ އިން ވިއްކި ހަކަތައިގެ ބާވަތްތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާ އަވަހަށް ދެއްކުމަކީ ވެސް ޝަރުތެކެވެ.
ފިނި މޫސުމުގައި ޔޫރަޕަށް ލިބޭ ގެއްލުން ބޮޑުވެދާނެ
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
ދަތިކުރުން ހުއްޓައިލީމަ ނޫނީ ގޭހެއް ނުލިބޭނެ: ރަޝިޔާ
ގޭހަށް ޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫރަޕުން: ރަޝިޔާ
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
ދޫދިނުމަށް ފަހު، ރަޝިޔާގެ ތެޔޮ ވިލާތުގައި މަނާކޮށްފި
ރަޝިޔާގެ ގޭސް ހޮޅި ގޮވައި، ކަނޑަށް ގޭސް ލީކްވެއްޖެ
ރަޝިޔާ އިން ޔޫރަޕަށް ފޮނުވާ ގޭސް މަދުކޮށްލަނީ
ޔޫރަޕަށް ގޭސް ނުލިބިދާނެ ކަމުގެ ބިރު ބޮޑުވެފައި
ތެޔޮ ބަންދުކޮށްފިއްޔާ، ގޭހެއް ނުދޭނަން: ރަޝިޔާ