Roadha Mihaaru
ޕޮލެންޑުގެ ބޯޓުތައް ޔޫކްރޭނަށް ފޮނުވަން އެމެރިކާ ދެކޮޅު

ޕޮލެންޑުގެ މަތިންދާބޯޓުތައް ޔޫކްރޭނަށް ފޮނުވަން އެމެރިކާ ދެކޮޅު

10 މާޗް 2022

ޕޮލެންޑުގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ މިގް-29 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް، އެމެރިކާ މެދުވެރިވެގެން ޔޫކްރޭނަށް ފޮނުވުމަށް ޕޮލެންޑުން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ޕޮލެންޑުގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ހިމެނޭ މިގް-29 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް، އެމެރިކާ މެދުވެރިވެގެން ޔޫކްރޭނަށް ފޮނުވުމަށް ޕޮލެންޑުން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

އެމެރިކާ އިން ބުނި ގޮތުގައި މިގް-29 މަރުކާގެ މަތިންދާބޯޓުތައް، ޖަރުމަންގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު މެދުވެރިކޮށް ޔޫކްރޭނަށް ފޮނުވުމަކީ، މުޅި ނޭޓޯ އަށް ވެސް ކުރިމަތިވާ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޕޮލެންޑުގެ މަތިންދާބޯޓުތައް ޔޫކްރޭނަށް ފޮނުވުމަށް ޕޮލެންޑުން އެމެރިކާގައި އެދުނީ، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ތަކުރާރުކޮށް އެކަމަށް އެދިވަޑައިގަތުމުންނެވެ.

ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި އެ ގައުމުގެ ވައިގެ ދިފާއީ ލަޝްކަރަށް އިތުރު ބޯޓުތައް ލިބިގެން ނޫނީ، ރަޝިޔާގެ އުދުވާންތަކުން އެ ގައުމު ދިފާއެއް ނުކުރެވޭނެ އެވެ. ޔޫކްރޭންގެ އަސްކަރީ ޕައިލެޓުން ތަމްރީންކޮށްފައި ތިބީ މިގް މަރުކާގެ މަތިންދާބޯޓުތައް ދުއްވަން ކަމަށްވާތީ، ޕޮލެންޑުން ހުށަހެޅީ އެ ގައުމުގައި ހުރި މިގް މަރުކާގެ މަތިންދާބޯޓުތައް، އެމެރިކާ މެދުވެރިވެގެން ޔޫކްރޭނަށް ދިނުމަށް ފަހު، އޭގެ ބަދަލުގައި އެމެރިކާގެ އެފް-16 މަރުކާގެ ބޯޓުތައް ޕޮލެންޑަށް ދިނުމަށެވެ.

މި ކަމާ ގުޅޭ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ، އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަކުން ފުރައިގެންދާ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް، ރަޝިޔާ އިން ހަނގުރާމަ ކުރަމުންދާ ވައިގެ ސަރަހައްދަކަށް ވަނުމަކީ، މުޅި ނޭޓޯ އަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށެވެ. އެހެންކަމުން އެކަމާ ބެހޭ ގޮތުން ޕޮލެންޑާއި ނޭޓޯގެ އެހެން ގައުމުތަކާ އެކުގައި އިތުރަށް މަޝްވަރާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭންގެ ވައިގެ ސިފައިންނަށް އިތުރު މަތިންދާބޯޓު ފޯރުވައިދިނުމަކީ، ރަޝިޔާ އިން ދެކޭ ގޮތުގައި ހަނގުރާމައިގައި ބައިވެރިވުމުގެ އަމަލެއްގެ ގޮތުގަ އެވެ. އެހެންކަމުން އެފަދަ ހަރަކާތެއްގައި ބައިވެރިވާ ބަޔަކާ ދެކޮޅަށް ހަމަލާތައް އަމާޒުވެދާނެ ކަމަށް ރަޝިޔާ އިން އިންޒާރުކުރެ އެވެ.

ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ދެ ހަފުތާ ވެގެން ދިޔަ އިރު، ދެ ގައުމުގެ އަސްކަރިއްޔާ އަށް ވެސް ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ. ޔޫކްރޭންގެ ވައިގެ ސަރަހައްދު ރަޝިޔާގެ ވައިގެ ލަޝްކަރުގެ ބާރުގެ ދަށަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތް، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުގެ ސަބަބުން އަދިވެސް ކާމިޔާބެއް ނުވެ އެވެ.

ޔޫކްރޭންގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ހަނގުރާމަމަތީ މަތިންދާބޯޓުގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ރަޝިޔާގައި އުފައްދާފައިވާ ތިން މަރުކާއެއްގެ މަތިންދާބޯޓުތަކެވެ. އެއީ މިގް-29 އާއި ސުކޯއީ-27 އާއި ސުކޯއީ-25 މަރުކާގެ މަތިންދާބޯޓުތަކެވެ. މީގެ ތެރެއިން މިގް-29 މަރުކާގެ މަތިންދާބޯޓުތަކަކީ، ކުރީގެ ސޯވިއެޓް ޔުނިއަންގެ ދުވަސްވަރު އުފައްދައި ބޭނުންކުރަމުން އަންނަ ބޯޓުތަކެކެވެ.

އެމެރިކާ އާއި ނޭޓޯ އަދި ވިލާތުގެ އިއްތިހާދުން ވެސް ބުނެފައިވަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން ޔޫކްރޭން ދިފާއުކުރުމަށް ވިޔަސް އެމެރިކާ އާއި ނޭޓޯގެ ސިފައިން ނުފޮނުވާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.