Roadha Mihaaru
ބެލަރޫސްގެ ސިފައިން ޔޫކްރޭނަށް އަރަން ތައްޔާރުވަނީ

ބެލަރޫސްގެ ސިފައިން ޔޫކްރޭނަށް އަރަން ތައްޔާރުވަނީ

28 ފެބުރުއަރީ 2022

ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދިނުމުގައި ބެލަރޫސްގެ ބިން ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ފަހު، ބެލަރޫސްގެ ސިފައިން ޔޫކްރޭނަށް އަރަން ތައްޔާރުވަމުންދާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދިނުމުގައި ބެލަރޫސްގެ ބިން ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ފަހު، ބެލަރޫސްގެ ސިފައިން ޔޫކްރޭނަށް އަރަން ތައްޔާރުވަމުންދާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެފި އެވެ.

ވިލާތުގެ ގައުމުތަކުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ބެލަރޫސް ސިފައިން ޔޫކްރޭނަށް ފޮނުވަން ބެލަރޫސް ސަރުކާރުން ނިންމީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް މަދަދު ދިނުމުގެ ގޮތުންނެވެ. ވޮޝިންޓަން ޕޯސްޓުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން ބެލަރޫސް ސިފައިން މިއަދުގެ ވަގުތެއްގައި ޔޫކްރޭނަށް ވަންނާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ރަޝިޔާ ސިފައިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގައި މައިގަނޑު އަމާޒަކަށް ހަދާފައިވަނީ ވެރިރަށް ކިޔޭވް އެވެ. ވޭތުވެ ދިޔަ ހަތަރު ދުވަހު ދިން ވަރުގަދަ ހަމަލާތަކަށް ފަހު ވެސް، ކިޔޭވް ހިފުމުގައި ރަޝިޔާ ސިފައިންނަށް މިހާތަނަށް އަލިމަގެއް ނުފެނެ އެވެ.

ހުޅަނގުގެ މީޑިއާތަކުން ލަފާކުރާ ގޮތުގައި ބެލަރޫސް ސިފައިން ޔޫކްރޭނަށް އެރުމަށް، ބެލަރޫސްގެ ރައީސް އެލެގްޒެންޑްރާ ލުކަޝެންކޯ ނިންމެވީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމުގައި ރަޝިޔާ ސިފައިންނަށް އެހީވުމަށެވެ. އެކަމަށްޓަކައި ބެލަރޫސް އިން ފޮނުވާ ލަޝްކަރު އަސްކަރީ މަތިންދާބޯޓުތަކުގައި ދަތުރުކޮށް ވެރިރަށް ކިޔޭވްގެ ރަށްބޭރު ސަރަހައްދަކަށް ފައިބާނީ ވައިކުޑައިގަ އެވެ.

ބެލަރޫސް ސަރުކާރުން ވެސް މިކަން އަދި ކަށަވަރުނުކޮށްދޭ އިރު، ޔޫކްރޭން ހަނގުރާމައިގައި ބެލަރޫސް ބައިވެރިވުމާ ދެކޮޅަށް ބެލަރޫސްގެ ނޫސްތަކުގައި ހިޔާލު ފާޅުކުރަމުން އަންނަތާ މިހާރު ދެ ދުވަސް ވެއްޖެ އެވެ. އޭގެ އިތުރުން، ބެލަރޫސްގެ ވައިކުޑައިގެ ލަޝްކަރުގެ ކުރީގެ ކޮމާންޑަރަކު ވެސް ވަނީ، އަވައްޓެރި ގައުމަކާ ދެކޮޅަށް ހަނގުރާމައެއްގެ ތެރެއަށް ވަންނަންޖެހޭ ފަދަ ޣައިރު ގާނޫނީ އަމުރަކަށް ބެލަރޫސް ސިފައިން ކިޔަމަންނުވުމަށް ގޮވާލައިފަ އެވެ.

ބެލަރޫސް ސިފައިން ޔޫކްރޭނަށް އަރަން ތައްޔާރުވެފައިވާ ވާހަކަތައް ފެތުރެން މިފެށީ، ޔޫކްރޭންގެ ސަބަބުން ބެލަރޫސްއަށް ތަފާތު ނުރައްކާތައް ކުރިމަތިވާން ފަށާފައިވާ ކަމަށް، ބެލަރޫސްގެ ރައީސް ލުކަޝެންކޯ އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވީ ޔޫކްރޭންގައި ދިރިއުޅޭ ބެލަރޫސްގެ ރައްޔިތުންނަށް އަނިޔާވެރި އަމަލުތައް ކުރިމަތިވާން ފަށާފައިވާ ކަމަށާއި، ޔޫކްރޭންގެ ތެރެއިން ބެލަރޫސް އަށް ޓެރަރިޒަމްގެ ނުރައްކާތައް ވެސް ކުރިމަތިވާން ފަށާފައިވާ ކަމަށެވެ.

ރަޝިޔާ ސިފައިންނަށް އެހީވުމަށް ބެލަރޫސް ސިފައިން ޔޫކްރޭނަށް ފޮނުވަން ނިންމި އިރު، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވަނީ ބެލަރޫސްގެ ރައީސް ލުކަޝެންކޯއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އަދި އެ މަޝްވަރާތަކުގައި، ބެލަރޫސް ސިފައިން ރަޝިޔާގެ ހަނގުރާމައިގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަން، ބެލަރޫސްގެ ރައީސް ދެއްވި ކަމަށް ޔޫކްރޭންގެ ރައީސް ވިދާޅުވި އެވެ.