Roadha Mihaaru
ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިވެވިދާނެ: ރައީސް ޝީ

ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިވެވިދާނެ: ރައީސް ޝީ

09 މާޗް 2022

ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް، މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް، މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޔޫކްރޭން ހަނގުރާމަ ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖްތަމައާ އެކުގައި، މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ޗައިނާ ތައްޔާރަށް އޮތް ކަމަށް ވިދާޅުވިޔަސް، އެކަމުގެ އިތުރު ތަފްސީލެއް، ރައީސް ޝީ ނުދެއްވަ އެވެ.

ޖަރުމަންގެ މުސްތަޝާރު އޮލާފް ޝޯލްޒް އާއި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯންއާ އެކު ފޯނުން ކުރެއްވި މަޝްވަރާތަކުގައި، ރައީސް ޝީ ވިދާޅުވީ ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައާ މެދު ޗައިނާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ޔޫރަޕްގެ ބައްރުގައި އަނެއްކާ ވެސް ހަނގުރާމައެއް ފެށުމަކީ ޗައިނާ ވަރަށް ދެރަވާ ކަމެއް ކަމަށް ވެސް ރައީސް ޝީ ވިދާޅުވި އެވެ.

ޗައިނާގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޔޫކްރޭންގެ ހަނގުރާމަ ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން، ފަރަންސޭސި ވިލާތާއި ޖަރުމަން ވިލާތާގައި ވިލާތުގެ އިއްތިހާދުގެ ގައުމުތަކާ އެކުގައި ޗައިނާ މަސައްކަތް ކުރަމުން ދާނެ އެވެ. އަދި މި މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔޫކްރޭން ހަނގުރާމަ ހުއްޓުވުމުގެ ގޮތުން ޗައިނާ އިން ދައްކާ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމުގައި ފަރަންސޭސި ވިލާތުންނާއި ޖަރުމަން ވިލާތުން ޗައިނާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް، މުސްތަޝާރު ޝޯލްޒް އާއި ރައީސް މެކްރޯން ވަނީ، ރައީސް ޝީ އަރިހުގައި ދަންނަވައިފަ އެވެ.

ޗައިނާ އާއި ރަޝިޔާއަކީ ވެސް އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި ސްޓެރެޓީޖިކް ގޮތުން ވެސް ހުޅަނގުގެ ވާދަވެރި ދެ ގައުމެވެ. ނަމަވެސް، ރަޝިޔާ އިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޗައިނާ އާއި ރަޝިޔާގެ ގުޅުމަށް ވެދާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން، ރަޝިޔާގެ އުދުވާނު ކުށްވެރިކުރަމުން ދާއިރު، ޗައިނާ އިން ރަޝިޔާއާ ދެކޮޅަށް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އޭގެ ބަދަލުގައި، ރަޝިޔާ އަށް ދަތިކުރުމަށް ވިލާތުގެ ގައުމުތަކާއި އެމެރިކާ އިން އެޅި ފިޔަވަޅުތަކަށް ޗައިނާ ވަނީ ދެކޮޅު ހަދައިފަ އެވެ.

ރަޝިޔާ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާ އަށް ގެއްލުންތައް ކުރިމަތިވަމުން ދިޔަ ނަމަވެސް، އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ވަކި ކަމެއް ކުރުމަށް ޗައިނާ އިން މިހާތަނަކަށް ނުނިންމަ އެވެ. ޗައިނާ އިން އިއްޔެ ވެސް ބުނީ، ކޮވިޑް-19 ވަބާގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމަށް ފިޔަވަޅުތައް އެޅުމުން، ދުނިޔޭގެ އިގްތިސާދު ފުނޑިގެންދާނެ ކަމަށެވެ.

ޗައިނާ އިން ބުނާ ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަތުމުގެ އަސްލު ސަބަބަކީ، އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް ނޭޓޯ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތެވެ. ރަޝިޔާ އިން ވެސް ޔޫކްރޭން ހަނގުރާމަ އަށް ދެއްކި އެންމެ ވަރުގަދަ ބަހަނާއަކީ އެއީ އެވެ.

ޔޫކްރޭނުން ވަނީ ވިލާތުގެ އިއްތިހާދުގެ މެމްބަރު ކަމާއި ނޭޓޯގެ މެންބަރުކަން ހޯދުމަށް އެދި، އެ ދެ ޖަމާއަތަށް ރަސްމީކޮށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ދެ ޖަމާއަތުން މިހާތަނަށް އެ މައްސަލައިގައި ވަކި ގޮތެއް ނުނިންމަ އެވެ.