Roadha Mihaaru
ފްރާންސުން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ދެނީ

ފްރާންސުން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ދެނީ

15 މެއި 2023

ޔޫކްރޭނަށް އަރައިގަނެ އެ ގައުމުގެ ބައެއް ބިންތައް ހިފައިގެން ތިބި ރަޝިޔާ ސިފައިން އެ ގައުމުން ބޭލުމަށް ޔޫކްރޭން ސިފައިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ފަރަންސޭސި ވިލާތުން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ފޮނުވަން ނިންމައިފި އެވެ.

ޔޫކްރޭނަށް އަރައިގަނެ އެ ގައުމުގެ ބައެއް ބިންތައް ހިފައިގެން ތިބި ރަޝިޔާ ސިފައިން އެ ގައުމުން ބޭލުމަށް ޔޫކްރޭން ސިފައިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ފަރަންސޭސި ވިލާތުން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ފޮނުވަން ނިންމައިފި އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެކު ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން، ފަރަންސޭސި ރިއާސީ ގަނޑުވަރު އެލީޒޭގައި އިއްޔެ ބޭއްވެވި ރަސްމީ ވާހަކަތަކަށް ފަހު، މިއަދު އާންމު ކުރި ދެ ގައުމުގެ ގުޅިފައިވާ ބަޔާނުގައިވާ ގޮތުން، ޔޫކްރޭންގެ ސިފައިންނަށް ފަރަންސޭސި ވިލާތުގައި ތަމްރީންވެސް ދޭނެ އެވެ. މިފަހަރު ޔޫކްރޭނަށް ދިނުމަށް ފަރަންސޭސި ވިލާތުން ނިންމާފައިވަނީ، ބައެއް ބާވަތުގެ އަސްކަރީ ޓޭންކާއި އެއްގަމުގައި ބޭނުންކުރާ އަސްކަރީ އުޅަނދުތަކެކެވެ.

އަދި އެ އުޅަނދުތައް ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް، ޔޫކްރޭންގެ ސިފައިންނަށް ދިނުމަށް ވެސް ފަރަންސޭސި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި ޔޫކްރޭންގެ ސިފައިން ފަރަންސޭސި ވިލާތަށް ގޮސް އެ ތަމްރީންތަކުގައި ބައިވެރިވާނެ އެވެ.

އޭގެ އިތުރުން ޔޫކްރޭންގެ ވައިގެ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ވެސް އިތުރު އެހީތައް ދޭނެ ކަމަށް، ދެ ގައުމުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައިވެ އެވެ. ނަމަވެސް ޔޫކްރޭންގެ ވައިގެ ދިފާއީ ގާބިލުކަން އިތުރު ކުރުމަށް ފަރަންސޭސި ވިލާތުން ދޭނީ ކޮން ކަހަލަ އެހީތެރިކަމެއް ކަން، އެ ބަޔާނުގައި ބުނެފައެއް ނެތެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން، ގާނޫނީ ހަމަތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށް ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ އުދުވާން ހުއްޓުމުގެ ގޮތުން، ރަޝިޔާ އަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ފަރަންސޭސި ވިލާތުން ވަނީ ނިންމައިފަ އެވެ. ދެ ގައުމުން ވެސް ގަބޫލުކުރާ ގޮތުގައި ރަޝިޔާގެ އުދުވާން ހުއްޓުވޭނީ، ރަޝިޔާގެ އަސްކަރީ ބާރުވެރިކަން ދަށަށް ދާ ފަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

އަދި ރަޝިޔާގެ އުދުވާން ކުރިއަށް ދާހާ ހިނދަކު، ޔޫކްރޭނަށް ބޭނުންވާ ސިޔާސީ، މާލީ، އަސްކަރީ އަދި އިންސާނީ އެހީތެރިކަން ފަރަންސޭސި ވިލާތުން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އޭގެ އިތުރުން، ފަރަންސޭސި ރިއާސީ ގަނޑުވަރާ ހަވާލާ ދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެންމެ ފަހު ޒަމާނީ ވައިގެ ދިފާއީ ނިޒާމެއް ވެސް ޔޫކްރޭނަށް ދިނުމަށް ފަރަންސޭސި ވިލާތުން ވަނީ ނިންމައިފަ އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، ފެބްރުއަރީ 24، 2022 ގަ އެވެ. ހަނގުރާމަ ފެށި ފަހުން މިވީ އަހަރަކާ ދެ މަސް ދުވަހުގެ ތެރޭގައި، ރަޝިޔާ ބޭނުންވާ މަގްސަދު ހާސިލުނުވެ، ރަޝިޔާ ސިފައިންނަށް ލިބޭ ގެއްލުންތައް ދަނީ އިތުރުވަމުންނެވެ.

ރަޝިޔާގެ އުދުވާންތަކުން ދިފާއުވުމުގައި ޔޫކްރޭނުން ބަރޯސާވަނީ އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ފޯރުކޮށްދޭ އަސްކަރީ އެހީއަށާއި މާލީ އެހީއަށެވެ.