Roadha Mihaaru
ހަނގުރާމަ މިހާރު އެ ވަންނަނީ ރަޝިޔާއަށް: ޒެލެންސްކީ

ހަނގުރާމަ މިހާރު އެ ވަންނަނީ ރަޝިޔާއަށް: ޒެލެންސްކީ

31 ޖުލައި 2023

ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނަށް އަރައިގަނެ ކުރަމުންދާ ހަނގުރާމަ މިހާރު ވަންނަމުން އެދަނީ ރަޝިޔާގެ އެންމެ އެތެރެއަށް ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނަށް އަރައިގަނެ ކުރަމުންދާ ހަނގުރާމަ މިހާރު ވަންނަމުން އެދަނީ ރަޝިޔާގެ އެންމެ އެތެރެއަށް ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރަޝިޔާގެ ވެރިރަށް މޮސްކޯގެ ބައެއް ތަންތަނަށް އިއްޔެ ވަނީ ޑްރޯން ހަމަލާތަކެއް އަމާޒުވެފަ އެވެ. ދެ އޮފީސް އިމާރާތަކަށާއި މޮސްކޯގައި އޮންނަ ވުނުކޯވޯ ވައިގެ ބަނދަރަށް އަމާޒުވި މި ހަމަލާތަކާ ގުޅިގެން، ގަޑިއިރުތަކަކަށް އެ ވައިގެ ބަނދަރު ބަންދުކުރަން ޖެހުނެވެ.

ރަޝިޔާ އިން ބުނި ގޮތުގައި މޮސްކޯގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު ޔޫކްރޭންގެ ތިން ޑްރޯނެއް، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ އިއްޔެ ވައްޓައިލި އެވެ. ނަމަވެސް މި ޑްރޯން ހަމަލާތަކާ ބެހޭ ގޮތުން ޔޫކްރޭނުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

މޮސްކޯގެ އެކި ތަންތަނަށް ދޭ ޑްރޯން ހަމަލާތައް އިތުރުވަމުން ދާއިރު، ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައަށް ވުރެ ބޮޑަށް، ރަޝިޔާގެ އަސްކަރިއްޔާ އިން ސަމާލުކަން ދޭންޖެހިފައިވަނީ ވެރިރަށް މޮސްކޯގެ ހިމާޔަތަށެވެ. މޮސްކޯއާއި ޔޫކްރޭންގެ ސަރަހައްދީ ރޮނގާ ދެމެދު އެތައް ސަތޭކަ މޭލެއްގެ ދުރުމިން ހުރި އިރު، ޔޫކްރޭންގެ ޑްރޯންތަކެއް މޮސްކޯގެ ވައިގެ ސަރަހައްދުގައި މިނިވަންކަމާ އެކު އުދުހި ހަމަލާތައް ދެމުން ދާތީ، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުގެ ހަރުދަނާކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މޮސްކޯ އަށް ދެމުންދާ ޑްރޯން ހަމަލާތަކުގެ ވާހަކަ ވިދާޅުނުވެ، ޒެލެންސްކީ ވިދާޅުވީ ޔޫކްރޭންގައި ކުރަން ފެށި ހަނގުރާމަ، މަޑުމަޑުން ރަޝިޔާގެ އެތެރެއަށް ވަންނަމުން ދާ ކަމަށެވެ. އަދި ހަނގުރާމަ މިހާރު ވަންނަމުން ދަނީ ރަޝިޔާގެ އާރާއި ބާރުގެ ރަމްޒު ކަމުގައި ދެކޭ ތަންތަނަށާއި ރަޝިޔާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހަމަލާތަކަކީ ނުހުއްޓުވޭނެ އަދި އޭގެ ޒާތުގައި ތަބީއީ ހަމަލާތަކެއް ކަމަށެވެ. އަދި ރަޝިޔާ އިން ކުރި ކަންތަކާ އަޅައި ބަލާއިރު ވަރަށް ހަމަހަމަ މިންގަނޑަކުން ދެވޭ ހަމަލާތަކެއް ކަމަށާއި، "ޔޫކްރޭން މިހާރު އަންނަނީ ވަރުގަދަވަމުން" ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ދެމުންދާ ޑްރޯން ހަމަލާތަކަށް ނުސީދާކޮށް އިޝާރާތް ކުރައްވައި، ޔޫކްރޭންގެ ވައިގެ ލަޝްކަރުގެ ތަރުޖަމާނު ޔޫރީ އިހްނާޓް ވިދާޅުވީ ރަޝިޔާ އިން ފެށި ހަނގުރާމައިގެ ނަތީޖާ މިހާރު ރަޝިޔާ ރައްޔިތުންނަށް ވެސް ފެންނާނެ ކަމަށެވެ. އަދި މި ހަނގުރާމައަކީ ތިމަންމެންނާ ބެހޭ ކަމެއް ނޫން ކަމަށް ގަބޫލުކޮށްގެން ތިބި މީހުންނާ ހަމައަށް ވެސް ހަނގުރާމަ މިހާރު ފޯރައިފި ކަމަށް އޭނާ ވިދާޅުވި އެވެ.