Roadha Mihaaru
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި

ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި

11 ޑިސެމްބަރ 2022

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭންގެ ބޮޑެތި އިންޖީނުގެތަކަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން، އެ ގައުމުގެ ގިނަ ސަހަރުތަކެއް މިހާރު އޮތީ ކަނު އަނދިރީގައި ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭންގެ ބޮޑެތި އިންޖީނުގެތަކަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން، އެ ގައުމުގެ ގިނަ ސަހަރުތަކެއް މިހާރު އޮތީ ކަނު އަނދިރީގައި ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ރަޝިޔާ ސިފައިން ދިން ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކެއް، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުގެ އެހީގައި ނާކާމިޔާބު ކޮށްލެވުނު ކަމަށެވެ. އިއްޔެ ރަޝިޔާ އިން ޔޫކްރޭންގެ އެކި ހިސާބުތަކަށް، ހަމަލާ ދޭ 15 ޑްރޯން ފޮނުވައިލި ކަމަށާއި ނަމަވެސް އޭގެ ތެރެއިން 10 ޑްރޯން، ވައިގެ ތެރޭގައި ހަލާކުކޮށްލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ފޮނުވައިލި މިސައިލްތަކުން ނެއްޓިގެން ގޮސް އޭގެ އަމާޒުތަކަށް ވާސިލުވީ އެންމެ ފަސް ޑްރޯން ކަމަށް ޔޫކްރޭނުން ބުނެ އެވެ. އެ ފަސް ޑްރޯން އަމާޒުވީ އޮޑެއްސާ އާއި މެލިޓޮޕޯލްގައި ހުރި އެކި އިންޖީނުގެތަކަށެވެ.

އެ އިންޖީނުގެތައް ހަލާކުވުމުގެ ސަބަބުން، އޮޑެއްސާ އާއި މެލިޓޮޕޯލްގައި ދިރިއުޅޭ އާންމުންގެ ތެރެއިން 1.5 މިލިއަން މީހުން މިހާރު ދިރިއުޅެމުން އަންނަނީ ކަރަންޓުގެ ޚިދުމަތާ ނުލައި ކަމަށް ޔޫކްރޭނުން ބުންޏެވެ. މި ދުވަސްވަރަކީ މިއަހަރުގެ ފިނި މޫސުމުގެ ދުވަސްވަރަށް ވާތީ، ކަރަންޓުގެ ހިދުމަތް ނެތުމުން، ފިނިން ރައްކާތެރިވުމުގައި ވެސް ވަރަށް ގިނަ ދަތިތައް ތަހައްމަލު ކުރަންޖެހޭނެ އެވެ.

އިއްޔެގެ ޑްރޯން ހަމަލާތައް އަމާޒުވި ސަހަރުތަކުގެ ތެރެއިން ވެސް ހާލަތު އެންމެ ގޯހީ އޮޑެއްސާގައި ކަމަށް ޔޫކްރޭންގެ ރައީސް ވިދާޅުވި އެވެ. އެ ސަރަހައްދުގެ އިންޖީނުގެތަކަށް ލިބިފައިވާ ގެއްލުންތައް ބޮޑުކަމުން، އެ ތަންތަން މަރާމާތުކޮށްގެން އަލުން ކަރަންޓު ދިނުމަށް ވެސް އެތައް ދުވަހެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ރަޝިޔާގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަމުން ދަނީ ޔޫކްރޭންގެ އިންޖީނުގެތަކަށެވެ. އެ ތަންތަނަށް ހަމަލާ ދިނުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ މިސައިލާއި، ޖެހިގަނެގެން ގޮއްވައިލާ ޒާތުގެ ޑްރޯން މަތިންދާބޯޓުތަކެވެ.

ޔޫކްރޭނުން ބުނާ ގޮތުގައި އެ ގައުމުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމަށް ރަޝިޔާ އިން މިހާރު ބޭނުންކުރަމުން ގެންދަނީ، އީރާންގައި އުފައްދާފައިވާ ޝާހިދު މަރުކާގެ ޑްރޯންތަކެވެ. ނަމަވެސް އީރާނުން އެ ތުހުމަތުތަކަށް އިންކާރުކުރެ އެވެ.