Roadha Mihaaru
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މޮސްކޯ ގުޑުވާލައިފި

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މޮސްކޯ ގުޑުވާލައިފި

31 މެއި 2023

ވައި ކަފާފައި ޖެޓް ބޯޓުތައް ދުއްވާ އަޑާއި، މިސައިލްތަކާއި ބޮންތައް ގޮވާ ބާރު އަޑުފައްގަނޑާއި ބޯމަތިން ޑްރޯން މަތިންދާބޯޓުތައް އުދުހޭ ބޫން އަޑަށް، ޔޫކްރޭން ރައްޔިތުން ހޭނި ފަރިތަވެފައި ތިބޭތާ އަހަރުދުވަސް ވީ އެވެ. މަތިންދާބޯޓުތަކަށް ހަމަލާދޭ މެޝިން ބަޑީގެ އަޑުތަކާއި، މިސައިލް ހަމަލާތައް އެރުމުން އިމާރާތްތަކުގެ ބިއްލޫރިތައް ކުދިކުދިވެގެން ފައިބާ އަޑަކީ ވެސް ޔޫކްރޭން ރައްޔިތުންގެ ކަންފަތްތަކަށް ފަރިތަ އަޑުތަކެކެވެ.

ވައި ކަފާފައި ޖެޓް ބޯޓުތައް ދުއްވާ އަޑާއި، މިސައިލްތަކާއި ބޮންތައް ގޮވާ ބާރު އަޑުފައްގަނޑާއި ބޯމަތިން ޑްރޯން މަތިންދާބޯޓުތައް އުދުހޭ ބޫން އަޑަށް، ޔޫކްރޭން ރައްޔިތުން ހޭނި ފަރިތަވެފައި ތިބޭތާ އަހަރުދުވަސް ވީ އެވެ. މަތިންދާބޯޓުތަކަށް ހަމަލާދޭ މެޝިން ބަޑީގެ އަޑުތަކާއި، މިސައިލް ހަމަލާތައް އެރުމުން އިމާރާތްތަކުގެ ބިއްލޫރިތައް ކުދިކުދިވެގެން ފައިބާ އަޑަކީ ވެސް ޔޫކްރޭން ރައްޔިތުންގެ ކަންފަތްތަކަށް ފަރިތަ އަޑުތަކެކެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގައި އެ ހާލަތު އުފެދިފައި އޮންނަތާ އަހަރުދުވަސް ވިޔަސް، މިހާތަނަށް ވެސް ރަޝިޔާ ރައްޔިތުންނަށް އެއިގެ ހިލަމެއް ނުވެ އެވެ. ނަމަވެސް، މި ހަފުތާގައި ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް ދެމުން ދާ ޑްރޯން ހަމަލާތަކުގެ ސަބަބުން، މޮސްކޯގެ ހާލަތު ވެސް ބަދަލުވާން ފަށައިފި އެވެ.

އިއްޔެ ހެނދުނުން ފެށިގެން މޮސްކޯ އަށް ދިން ޑްރޯން ހަމަލާތައް ބައެއް އިމާރާތްތަކަށް އަމާޒުވެ ބިއްލޫރިތައް ކުދިކުދިވެގެން ފޭބިއިރު، އާންމުންގެ މެދުގައިވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފަ އެވެ. ވެރިރަށް މޮސްކޯއާ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައި، ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމަ ފުޅާވެ، މޮސްކޯގެ އެންމެ އެތެރެއަށް، ޔޫކްރޭންގެ ރައްދު ހަމަލާތައް އަމާޒުވާން ފެށުމަކީ، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.

މޮސްކޯގެ ހުޅަނގުދެކުނު ސަރަހައްދެއްގައި ހުރި، އާންމުން ދިރިއުޅޭ އުސް އީމާރާތެއްގެ އެންމެ މަތީ ބުރިތަކަށް އެރި ޑްރޯން ހަމަލާގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި މޮސްކޯގެ މެދުތެރޭގައި ހުރި އާންމުން ދިރިއުޅޭ އިމާރާތެއްގެ 14 ވަނަ ބުރީގެ އެޕާޓްމަންޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އެ އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ޔޫކްރޭން ހަނގުރާމަ އަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް، ރަޝިޔާގެ ރައްޔިތުންނަށް މާބޮޑު ނުރައްކަލެއް ކުރިމަތި ނުވެ އޮތުމަށް ފަހު، އެ ނުރައްކާތައް ކުރިމަތިވާން ފެށީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. ރަޝިޔާ އިން ބުނި ގޮތުގައި ޔޫކްރޭންގެ އަސްކަރީ ހެލިކޮޕްޓަރުތަކެއް ރަޝިޔާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެތެރެއަށް ވަދެ، ރަޝިޔާގެ ބައެއް ތަންތަނަށް އެ ދުވަހު ހަމަލާ ދިނެވެ.

އޭގެ ފަހުން ރަޝިޔާގެ އެތެރޭގެ ތަންތަނަށް އަމާޒުވާ ހަމަލާތަކުގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ޔޫކްރޭނުން ބުނާ ގޮތުގައި ރަޝިޔާގެ އެތެރޭގައި ރަޝިޔާ ސިފައިންނަށް ހަމަލާ ދެމުން ދަނީ، ރަޝިޔާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތަކުންނެވެ. އަދި އެހަމަލާތަކުގައި ޔޫކްރޭންގެ އަތެއް ނެތް ކަމަށް އެ ގައުމުން ބުނެ އެވެ.

ރަޝިޔާގެ އެތެރެއަށް ދޭ ހަމަލާތައް އިތުރުވެ އަދި ވެރިރަށް މޮސްކޯގެ އެކި ތަންތަނަށް ހަމަލާ ދެވޭ ދަރަޖައަށް ގައުމުގެ ވައިގެ ދިފާއީ ނިޒާމު ބޮއްސުންލައިގެން ދިއުމާ ގުޅިގެން، ރަޝިޔާ ރައްޔިތުންގެ ހިތްތަކުގައި މިހާރު ވަނީ، ސަރުކާރާ މެދު ޝައްކު އުފެދިފަ އެވެ. މި މަހުގެ ކުރީކޮޅު ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އަށް ދޭން އުޅުނު ޑްރޯން ހަމަލާތަކަކީ ވެސް، ރަޝިޔާ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދި ހާދިސާއެކެވެ.

ރަޝިޔާ ސަރުކާރުން ބުނި ގޮތުގައި ދުޝްމުން އިއްޔެ މޮސްކޯގެ ތެރެއަށް ފޮނުވި ޑްރޯންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯންތައް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރެއަށް ގޮއްވައިލެވުނެވެ. އަދި ވައިގެ ދިފާއީ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ނަމަވެސް ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް އެންމެ ބޮޑަށް ވާގިވެރިވި، ކުލީ ސިފައިންގެ ގުރޫޕް ވަގްނާގެ ކޮމާންޑަރު ޔެވްގެނީ ޕްރިގޮޒީން ވަނީ ސަރުކާރުގެ އެ ވާހަކަތައް ކުށްވެރިކޮށް، ސިފައިންގެ އިސް ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނި ގޮތުގައި ވެރިރަށް މޮސްކޯގެ އެންމެ އެތެރެއަށް ޑްރޯންތައް ފޮނުވާއިރު، އެކަން ހުއްޓުމުގެ ރޭވުންތެރިކަމެއް ނެތިއްޔާ، އެ ބަޔަކު މަގާމުތަކުން އިސްތިއުފާ ދޭންޖެހެ އެވެ.