Roadha Mihaaru
ރަޝިޔާގެ ބޮޑު ތެޔޮ ޓޭންކަރެއް ގޮއްވާލައިފި

ރަޝިޔާގެ ބޮޑު ތެޔޮ ޓޭންކަރެއް ގޮއްވާލައިފި

06 އޯގަސްޓް 2023

ތެޔޮ އެކްސްޕޯޓް ކުރުމުގައި ރަޝިޔާ ސަރުކާރުން ބޭނުންކުރާ އެންމެ ބޮޑެތި ތެޔޮ ޓޭންކަރުތަކުގެ ތެރޭގައި ހިމެނޭ އެއް ޓޭންކަރަށް، ޔޫކްރޭންގެ ކަނޑުގެ ސިފައިން ދިން ޑްރޯން ހަމަލާއެއްގައި ގޮއްވާލައިފި އެވެ.

ތެޔޮ އެކްސްޕޯޓް ކުރުމުގައި ރަޝިޔާ ސަރުކާރުން ބޭނުންކުރާ އެންމެ ބޮޑެތި ތެޔޮ ޓޭންކަރުތަކުގެ ތެރޭގައި ހިމެނޭ އެއް ޓޭންކަރަށް، ޔޫކްރޭންގެ ކަނޑުގެ ސިފައިން ދިން ޑްރޯން ހަމަލާއެއްގައި ގޮއްވާލައިފި އެވެ.

ޔޫކްރޭންގެ އަސްކަރީ މަސްދަރުތަކުން ބުނި ގޮތުގައި ރަޝިޔާގެ ބޮޑު ތެޔޮ ޓޭންކަރު ސިގް އަށް ހަމަލާ ދިނީ، މީހަކާ ނުލައި ދަތުރުކުރާ ކަނޑު އުޅަނދެއް (ކަނޑުމަތީ ޑްރޯންއެއް) ބޭނުންކޮށްގެންނެވެ. ސިގް އަށް ހަމަލާ ދިން ޑްރޯންގައި 450 ކިލޯގެ ޓީއެންޓީ ހުންނާނެ ކަމަށް ވެސް ޔޫކްރޭނުން ބުންޏެވެ.

ރޭ މެންދަން ވަނިކޮށް ދިން މި ހަމަލާގައި ޓޭންކަރުގެ އެއްވެސް ފަޅުވެރިއަކު މަރުނުވި ނަމަވެސް، ބައެއް ފަޅުވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އަދި ޓޭންކަރުގެ އިންޖީނުގެއާ ދިމާލުން ކަނާތްފަރާތުން ބޮޑު ބާގަނޑެއް ހެދި އެތެރެއަށް ލޮނު ވަންނަން ފެށި އެވެ.

ރަޝިޔާ އިން ބުނީ ޓޭންކަރުގެ ފަޅުވެރިން ވަނީ ހެދުނު ބާގަނޑުން ލޮނު ނުވަންނަ ވަރު ކޮށްފައި ކަމަށާއި، ޓޭންކަރު މިހާރު ދަތުރު ކުރަމުން ދަނީ ކްރީމިއާގައި އޮންނަ އަސްކަރީ މަރުކަޒަށް ކަމަށެވެ. މި ހަމަލާ އަމާޒުވި އިރު ޓޭންކަރުގައި ހުރީ ރަޝިޔާ ސިފައިންގެ އުޅަނދުތަކުގައި ބޭނުންކުރުމަށް ގެންދިޔަ ތެޔޮ ކަމަށާއި، އެކްސްޕޯޓް ކުރާ ތެޔޮ ނުހުންނާނެ ކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ.

ރަޝިޔާގެ އެންމެ ބޮޑު އެއް ތެޔޮ ޓޭންކަރަށް ޑްރޯން ހަމަލާއެއް ދީ މި ގޮއްވައިލީ، ކަޅު ކަނޑުގައި އޮންނަ ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއްގައި އަޅާފައި އޮތް މަނަވަރުތަކަކަށް، ރޭ އިރާކޮޅު ކަނޑުމަތީގެ ޑްރޯން ހަމަލާތަކެއް ދިންތާ ދެތިން ގަޑިއިރު ފަހުންނެވެ. އެ ހަމަލާތަކުގައި ރަޝިޔާ ސިފައިންގެ މުދާ އުފުލާ މަނަވަރަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ދެބައިކުޅަ އެއްބައި އަޑިއަށް ގޮސްފައިވާ ކަމަށް ރަޝިޔާ ސިފައިން ބުނެ އެވެ.

އެއްގަމާއި ކަނޑާއި ވައިގެ މަގުން ރަޝިޔާގެ އަމާޒުތަކަށް ޑްރޯން ހަމަލާތައް ދިނުން، ޔޫކްރޭނުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު ފޫއަޅުވާލައި އެތެރެއަށް ވަދެ ވެރިރަށް މޮސްކޯގެ އަމާޒުތަކަށް ދެމުންދާ ހަމަލާތަކެވެ.

ޔޫކްރޭނުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރަޝިޔާގެ އަސްކަރީ އަދި ވިޔަފާރީގެ ކަނޑު އުޅަނދުތަކަށް ޑްރޯން ހަމަލާތައް ދޭނެ ކަމަށެވެ. ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ އަމާޒުތަކަށް ދޭ، އެއްގަމާއި ކަނޑާއި ވައިގެ ހަމަލާތައް ހުއްޓާލަން ބޭނުން ނަމަ، ރަޝިޔާ އަށް އޮތް ހަމައެކަނި ގޮތަކީ، ޔޫކްރޭންގެ އެއްގަމާއި ކަނޑުގެ ސަރަހައްދުން ރަޝިޔާ ސިފައިން ފޭބުން ކަމަށް ޔޫކްރޭނުން ބުންޏެވެ.

ރަޝިޔާގެ އުޅަނދުތަކަށް ދެމުންދާ ޑްރޯން ހަމަލާތަކަކީ، ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ހަމަލާތަކެއް ކަމަށް ވެސް ޔޫކްރޭނުން ބުނެ އެވެ. ސަބަބެއް ކަމަށް ޔޫކްރޭނުން ބުނަނީ އެ ހަމަލާތައް އަމާޒުކުރަނީ ޔޫކްރޭންގެ އިމުގެ ތެރޭގައި ތިބި ދުޝްމަނުންނަށް ކަމަށެވެ.