Roadha Mihaaru

އިންޑިއާ-ޗައިނާގެ "ބޯޑަރު ވިޔަފާރި" އަލުން ފަށަނީ

މީގެ ފަސް އަހަރު ކުރިން މެދުކަނޑާލާފައިވާ ބޯޑަރު ވިޔަފާރި އަލުން ފެށުމަށް އިންޑިއާ އާއި ޗައިނާއިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑިއާ-ޗައިނާގެ "ބޯޑަރު ވިޔަފާރި" އަލުން ފަށަނީ

މީގެ ފަސް އަހަރު ކުރިން މެދުކަނޑާލާފައިވާ ބޯޑަރު ވިޔަފާރި އަލުން ފެށުމަށް އިންޑިއާ އާއި ޗައިނާއިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

މިކަން އިއުލާނުކޮށްފައި މި ވަނީ އެމެރިކާގެ ޓެރިފްގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ވަގުތެއްގަ އެވެ.

ދެކުނު އޭޝިއާގައި ސްޓްރެޓެޖިކް ނުފޫޒު ބޮޑުކުރުމުގައި ވާދަވެރި މި ދެ ގައުމުގެ މެދުގައި އޮންނަ ފިނި އަދި އުސް ހިމާލަޔަން ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރި ނިސްބަތުން މަދު ނަމަވެސް މިކަން އަލުން ފެށުމަކީ މުހިންމު ރަމްޒީ ކަމެއްގެ ގޮތުގައި ބެލެވޭނެ އެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފް ސިޔާސަތުތަކާ ހެދި ދުނިޔޭގެ ވިޔަފާރީގެ މައްސަލަތަކާއި ޖިއޮޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ފިޔަވަޅުތައް މިހާރު ގެންދަނީ އަޅަމުންނެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިދިޔަ ޖުލައި މަހު ޗައިނާއަށް ކުރެއްވި ދަތުރަށް ފަހު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

ސީދާ ފްލައިޓްތައް އަލުން ފެށުމާއި ޓޫރިސްޓް ވިސާ ދޭން ފެށުން ފަދަ ކަންކަން 2020 ވަނަ އަހަރު އެ ގައުމުގެ އަސްކަރީ ފައުޖުތަކުގެ މެދުގައި ހިނގި ހަމަނުޖެހުމަށް ފަހު އަލުން ފެށުމަކީ މަޝްވަރާކުރާނެ ކަންތައްތަކުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން އޭއެފްޕީއާ ހިއްސާކުރި ބަޔާނެއްގައި ބުނީ ބޯޑަރު ސަރަހައްދުގައި ދެ ގައުމުން ހިންގާ ވިޔަފާރި އަކީ އެ ހިސާބުތަކުގައި އުޅޭ މީހުންގެ ދިރިއުޅުން ބިނާކުރުމުގައި ޒަމާނުންސުރެ ވެސް މުހިންމު ކަމަކަށް ވެފައި އޮންނަ ކަމަށެވެ. އަދި ބޯޑަރު ހުރަސްކޮށް ވިޔަފާރީގެ މުއާމަލާތްކުރުމާ ގުޅޭ ގޮތުން ދެ ފަރާތުން ވެސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިންޑިއާ އާއި ޗައިނާއަށް ވެސް އެމެރިކާގެ ޓެރިފުން ދަތިކޮށްފައި ވާއިރު އިންޑިއާ އާއި ޗައިނާގެ ގުޅުން ބަދަހިކުރުމުގެ މަސައްކަތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހުގެ ފަހުކޮޅު ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. މިއީ 2018 ވަނަ އަހަރުގެ ފަހުން އޭނާ ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރަށް ވާނެ އެވެ.