Roadha Mihaaru
ރާއްޖެއަށް ފައިދާ އޮތީ ސަރަހައްދީ ވާދަވެރިކަން އޮވެގެން

އެމެރިކާ އިން ބުނަނީ ޗައިނާ އެހީގެ ފައިދާ ރާއްޖެ އަށް ނެގޭނީ އިންޑިއާގެ ވާދަވެރިކަން އޮވެގެން ކަމަށް

19 ފެބުރުއަރީ 2024

އެމެރިކާ ހިމެނޭ ގޮތަށް އިންޑިއާ ކަނޑުގެ ބާރު ހޯދަން ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރާ އިރު، ޗައިނާ އިން ރާއްޖެ އަށް ދޭ އެހީގެ ހަގީގީ މަންފާ ހޯދޭނީ، އިންޑިއާގެ ވާދަވެރިކަން ވެސް ދަމަހައްޓައިގެން ކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނަލްޑް ލޫ ވިދާޅުވެއްޖެ އެވެ.

އެމެރިކާ ހިމެނޭ ގޮތަށް އިންޑިއާ ކަނޑުގެ ބާރު ހޯދަން ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރާ އިރު، ޗައިނާ އިން ރާއްޖެ އަށް ދޭ އެހީގެ ހަގީގީ މަންފާ ހޯދޭނީ، އިންޑިއާގެ ވާދަވެރިކަން ވެސް ދަމަހައްޓައިގެން ކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނަލްޑް ލޫ ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިންޑޯ-ޕެސިފިކް ގުޅުމާ ބެހޭ ޕެނަލް ޑިސްކަޝަނެއްގައި ލޫ ވިދާޅުވީ، އޭނާ މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އަށް ކުރެއްވި ދަތުރުގައި، ޗައިނާ ވެސް ހިމެނޭ ގޮތަށް ހާއްސަކޮށް ސަރަހައްދީ ހުރިހާ ގައުމުތަކާ އެކު ރަނގަޅު ގުޅުމެއް ބާއްވަން އެދޭ ކަމަށް ދިވެހި ސަރުކާރުގައި ދެންނެވި ކަމަށެވެ.

"އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ، ޗައިނާ ރަނގަޅު ޕާޓްނަރަކަށް ވާނީ ހަގީގީ ވާދަވެރިކަން އޮވެގެން ކަމަށް. ނަމަވެސް، އެ ވާދަވެރިކަމެއް ނުފެނޭ،" އޭގެ ބަދަލުގައި ޗައިނާ އިން ބޮޑެތި އަދަދުތަކުން ދަރަނި ނަގައިގެން އިގުތިސޯދީ ގޮތުން ފައިދާއެއް ނުލިބޭ ބިޔަ މަޝްރޫއުތައް ހިންގަމުންދާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނާލްޑް ލޫ ރައީސް މިދިޔަ މަހުގެ 30 ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނާލްޑް ލޫ ރައީސް މިދިޔަ މަހުގެ 30 ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އެ ބައްދަލުވުމުގައި، ރާއްޖޭގެ ދަރަނީ ހާލަތު ވަރަށް ސީރިއަސް ކަން ފާހަގަކުރައްވައި، ލޫ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ތެދުވެ، ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެ އެވެ. "ދެހާސް ސައްބީސް ވަނަ އަހަރު ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ނުކުރެވޭ ނަމަ 1.3 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދަރަނި އަދާކުރަން ދައްކަން ޖެހޭނެ. އެއީ ދައުލަތުގެ އަހަރެއްގެ ބަޖެޓަށް ވުރެ ބޮޑު އަދަދެއް،" ލޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވަނީ ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ދެ ފަރާތަށް ވެސް ފައިދާވާނެ އިންވެސްޓުމަންޓުތަކެކެވެ.

ލޫ ވިދާޅުވީ ބަލައިލި ކޮންމެ ދިމާއަކުން ރާއްޖޭގައި އިންވެސްޓު ކުރެވެން ހުރި ދާއިރާތައް ފެންނަން އެބަހުރި ކަމަށެވެ.

"...އަޅުގަނޑުމެން މިދަނީ ރާއްޖެއާ އެކު އިންވެސްޓްމަންޓު އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާ ކުރަމުން. މި އެއްބަސްވުމުގެ ދަށުން ޔޫއެސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިފަދަ ފަންޑިން ރާއްޖެ އަށް ދެވޭނެ،" ލޫ ހާމަކުރެއްވި އެވެ.

އިންވެސްޓުމަންޓުތަކުގެ އިތުރުން، އޭނާ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަކީ އެންމެ ނުރައްކާ ބޮޑު އެއް ގައުމު ކަމަށް ވާތީ އެ ކަމުން ރާއްޖެ ފަދަ ނާޒުކު ގައުމެއް ސަލާމަތް ކުރުމަށްޓަކައި ތިމާވެށި ރައްކާތެރި ކުރަން ބޮޑެތި ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދަން ގޮވާލައްވައިފަ އެވެ.

ސަރަހައްދީ ގައުމުތަކުގެ ވާދަވެރިކަމުގެ ފައިދާ ނެގުމަށް ލޫ ގޮވާލެއްވިއިރު، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފެނިފައިވަނީ އެއް އަތަކަށް ދީލާލާފައިވާ ހާރިޖީ ސިޔާސަތެކެވެ. އެމްޑީޕީގެ ދެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އިންޑިއާ އަށް ބަރޯސާވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އާ ދުރުވެ، ޗައިނާ ވަރަށް ބޮޑަށް ގާތްކުރި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ވަރުގަދަ ކެމްޕޭނެއްގެ މަތީގައި ވެރިކަމަށް ވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ޗައިނާ އަށެވެ.

އެ ދަތުރުފުޅުގައި ޗައިނާ އިން އެހީ ހޯދުމުގެ ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ.