Roadha Mihaaru
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ

އިންޑިއާ އާއި ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހަދަން މަޝްވަރާއަށް

11 އެޕްރީލް 2024

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އިންޑިއާ އާއި ޗައިނާ އިން ގެންނަ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭ ގޮތް ހަދަން މަޝްވަރާކުރަން ނިންމައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އިންޑިއާ އާއި ޗައިނާ އިން ގެންނަ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭ ގޮތް ހަދަން މަޝްވަރާކުރަން ނިންމައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، މަދުވެގެން ދެ އަހަރު ތެރޭގައި ޑޮލަރު ލިބޭ ރޭޓް، ރަސްމީ ބޭންކް ރޭޓަށް ތިރި ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

އެކަމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާއާ އެކު 780 މިލިއަން ޑޮލަރު އަދި ޗައިނާއާ އެކު 720 މިލިއަން ޑޮލަރުގެ ވިޔަފާރި ރާއްޖެ އިން ކޮންމެ އަހަރަކު ވެސް ކުރާ ކަމަށެވެ. އެ ވިޔަފާރީގައި ރާއްޖެ ގެންނަ މުދަލަށް ޑޮލަރު ނޫން ގޮތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހުމުގެ ހުރިހާ ސިގްނަލެއް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޗައިނާގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރަށް ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ދައުވަތު ދީފައިވާނެ ކަމަށާއި މަސައްކަތް ކުރަނީ ކަރެންސީ ސުވޮޕް އެއްބަސްވުމެއް ހެދުމަށް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ޓްރޭޑް ފެސިލިޓޭޝަނަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުން ކަމަށްވީ ނަމަވެސް، ޗައިނާ އިން އެތެރެކުރާ މުދަލަށް ޔުއާން އިން ނުވަތަ ރުފިޔާ އިން ފައިސާ ދެއްކޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ހަމައެގޮތަށް އިންޑިއާ އިން ގެންނަ މުދަލަށް ވެސް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭނެ ގޮތަށް ހޯދުމަށް އަމާޒު އެބަހުރި ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ ރާއްޖެއަކީ އެއްވެސް ގައުމަކާ ގުޅުން ނުބާއްވާނެ ގައުމެއް ނޫން ކަމަށާއި މިއީ ވިޔަފަރީގައި ހުޅުވާލެވިފައިވާ ގައުމެއް ކަމަށެވެ.

"މިކަން ހަމައެކަނި އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓް ވަރުގަދަވެގެންދާނެ. ކޮބައިތޯ ނަތީޖާއަކަށް ވާނެ ކަމަކީ. 15.42 އަކަށްވުރެ ވެސް ޑޮލަރު ރޭޓް ދަށަށް ދިޔުމެއް ނޫންތޯ މުސްތަގުބަލުގައި،" ސައީދު ވިދާޅުވި އެވެ.

"މިއީ ގައުމެއްގެ ރައިސުލްޖުމްހޫރިއްޔާގެ ފަރާތުން ތިޔަބޭފުޅުން އެދޭނެ ކަމަކީ. ޒުވާނުން އެދޭނެ ކަމަކީ."

ސައީދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ވަރުގަދަ އީ-ވޮލެޓްގެ ހިދުމަތް ވެސް ރާއްޖެ ގެންނަ ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސް ތެރޭގައި "އަލިޕޭ" އަދި "ވީޗެޓް" ގެ ހިދުމަތް ރާއްޖެއަށް ދޭން އެ ތަންތަނުން ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ސައީދު ހާމަކުރެއްވި އެވެ.

"މިއީ މި ސަރުކާރުގެ ސްޕީޑަކީ. ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ހައްދުންމަތީގެ ހުރިހާ ގޮނޑިތަކެއް ދެއްވާ،" ސައީދު ވިދާޅުވި އެވެ.