Roadha Mihaaru
ފްރީޓްރޭޑް އެއްބަސްވުމުން ގެއްލުން ލިބޭނީ ރާއްޖެ އަށް

ޗައިނާއާ އެކު ގާއިމުކުރާ ވިޔަފާރީގެ އެއްބަސްވުމުން ގެއްލުން ލިބޭނީ ރާއްޖެ އަށް: ނަޝީދު

30 ނޮވެމްބަރ 2017

ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ގެއްލުން ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ގެއްލުން ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމްކުރަން ރާއްޖޭން ނިންމުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެއްބަސްވުން އޮތީ ޗައިނާ އަށް ފައިދާވާ ގޮތަށް ކަމަށެވެ. އެހެންވެ އޭގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރާނެ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ އެއްބަސްވުން އޮންނަން ޖެހޭނީ ދިވެހީންނަށް އެންމެ ފައިދާވާ ގޮތަށެވެ.

ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖޭން ސޮއިކުރާ ގޮތަށް ކެބިނެޓުން އިއްޔެ ނިންމުމާ ގުޅިގެން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ބޮޑު ކުރި ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ނަޝީދު ކުރެއްވި ޓްވީޓް

އެ ބޮޑު އެއްބަސްވުން އެންމެ 30 މިނެޓުގެ ތެރޭގައި ދިރާސާކޮށް މިނިވަން ވިިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރަން ރައްޔިތުންގެ މަޖިލީހުން ރޭ ވަނީ ރުހުން ދީފަ އެވެ.

ސައީދު ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުން، ތަރައްގީ ވަމުން އަންނަ ގައުމަކަށް 2011 ވަނަ އަހަރު ރާއްޖެ ބަދަލުވުމާއެކު، ރާއްޖޭން މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށެވެ. އެ ގޮތުން، ބޭރުކުރާ މަހުން ބޭރު ދުނިޔޭގައި ޑިއުޓީ ނަގަން ފެށުމުން، އޭގެ އަގު ބޮޑުވެފައިވާ ކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާއާ އެކު ވާ މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީއަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށެވެ.