04 ޑިސެމްބަރ 2017
ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މާކެޓުގައި ދެން ގިނަވާނީ އެ ގައުމުގެ އުފެއްދުންތައް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މާކެޓުގައި ދެން ގިނަވާނީ އެ ގައުމުގެ އުފެއްދުންތައް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ-ޗައިނާ އިން ސޮއިކުރަން ނިންމާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާ ދެކޮޅު ހެދުމަށް އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި "އިހްތިޖާޖް ޖަލްސާ"ގައި ވީޑިއޯ މެދުވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގައި ވެސް ސަރުކާރަށް އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް، މުދާ އެތެރެ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ޗައިނާގައި އުފައްދާ މުދަލުން ޑިއުޓީ ނަގަން ނުޖެހޭނެތީ، އެ ގައުމުން ރާއްޖެ އެތުރެކުރާ މުދާ އިތުރުވެ، އެހެން ގައުމުތަކުގެ މުދާ ބާޒާރުން މަދުވާން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވިސްނަވާ. މިނިވަން ވިޔަފާރީގެ އެގްރީމެންޓު އޮންނައިރު، ޗައިނާ އިން ރާއްޖެ އަށް އެތެރެކުރާ މުދަލުގެ ޑިއުޓީއެއް ނުނެގޭޭނެ. އެހެންވީމާ އުސޫލެއްގެ ގޮތުން ރާއްޖޭގައި އެ މުދަލުގެ އަގު ހެޔޮވާން ޖެހޭނެ. ވިޔަފާރީގެ ހަމަތަކުން ބަލާނަމަ މުދާ އަގުހެޔޮ ވީމައި، އެހެން ގައުމުތަކުގެ މުދާ ވިކޭވަރު މަދުވާނެ،" މިވަގުތު ސްރީ ލަންކާގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
"މީގެ ސަބަބުން ޗައިނާއަށް ބޮޑު ފައިދާއެއް ލިބޭނެ"
ނަޝީދު ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖެ އާއި ޗައިނާއާ މެދު ކުރި ވިޔަފާރީގެ ތަފްސީލުތައް ކަސްޓަމްސްގެ ތަފާސްހިސާބުން ވިދާޅުވެ ދެއްވައިފަ އެވެ.
- 2008 ގައި ޗައިނާ އިން ރާއްޖެ އެތެރެކުރީ 374 މިލިއަން ރުފިޔާގެ މުދާ، ރާއްޖޭން ޗައިނާ އަށް ބޭރު ކުރީ 3،300 ރުފިޔާގެ މުދާ.
- ޗައިނާ އިން 2009 ގައި ރާއްޖެ އެތެރެކުރީ 328 މިލިއަން ރުފިޔާގެ މުދާ، ރާއްޖޭން ޗައިނާ އަށް އެއްވެސް މުދަލެއް ބޭރެއް ނުކުރޭ.
- ޗައިނާ އިން 2010 ގައި ރާއްޖެ އެތެރެކުރީ 400 އަށް ވުރެ ގިނަ މިލިއަން ރުފިޔާގެ މުދާ، ރާއްޖޭން ޗައިނާ އަށް ބޭރު ކުރީ އަށް މިލިއަން ރުފިޔާގެ މުދާ.
- ޗައިނާ އިން 2011 ގައި ރާއްޖެ އެތެރެކުރީ އެއް ބިލިއަން ރުފިޔާގެ މުދާ، ރާއްޖޭން ޗައިނާއަށް ބޭރު ކުރީ ހަތަރު ލައްކަ ރުފިޔާގެ މުދާ.
- ޗައިނާ އިން 2012 ގައި ރާއްޖެ އެތެރެކުރީ އެއް ބިލިއަން ރުފިޔާގެ މުދާ، ރާއްޖޭން ޗައިނާ އަށް ބޭރު ކުރީ 59 މިލިއަން ރުފިޔާގެ މުދާ.
- ޗައިނާ އިން 2013 ގައި ރާއްޖެ އެތެރެކުރީ 1.2 ބިލިއަން ރުފިޔާގެ މުދާ، ރާއްޖޭން ޗައިނާ އަށް ބޭރު ކުރީ ދެ މިލިއަން ރުފިޔާގެ މުދާ.
- ޗައިނާ އިން 2014 ގައި ރާއްޖެ އެތެރެކުރީ 1.6 ބިލިއަން ރުފިޔާގެ މުދާ، ރާއްޖޭން ޗައިނާ އަށް ބޭރު ކުރީ 1.2 މިލިޔަން ރުފިއާގެ މުދާ.
- ޗައިނާ އިން 2015 ގައި ރާއްޖެ އެތެރެކުރީ 2.2 ބިލިއަން ރުފިޔާގެ މުދާ، ރާއްޖޭން ޗައިނާ އަށް ބޭރު ކުރީ ފަސް ލައްކަ ރުފިއާގެ މުދާ.
ނަޝީދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭން ޗައިނާ އަށް ބޭރު ކުރި މުދަލުގެ ތަފްސީލު އަދި ލިބެން ނެތް އިރު، އެ ގައުމުން 4.3 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާ ކަމަށެވެ. އަދި 2012 ވަނަ އަހަރު ރާއްޖޭން ބޭރު ކުރި މުދާ ކުއްލިއަކަށް އެހާ މަތިވެފައި ވަނީ އޮޅިގެން ނުވަތަ އޮޅުވާލައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ހިސާބުތަކުން ފެންނާނެ ރާއްޖޭން ޗައިނާ އަށް މުދާ މި ބޭރުކުރަނީ އިންތިހާއަށް މަދުން. މިއީ ދިވެހިންނަށް ފައިދާވާނެ އެއްބަސްވުމެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމާ ބެހޭ ގޮތުން ބަނޑޮހުގައި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ޗައިނާގެ ވަފުދު. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭން ޗައިނާ އަށް އާއްމުކޮށް ބޭރު ކުރަނީ ކަނޑުމަހާއި އޭގެ ބާވަތްތަކެވެ. އެކަމަކު މިހާރު ވެސް އެހެން ގައުމުތަކަށް، މާބޮޑު ޑިއުޓީއެއް ނުނަގައި މަސް ބޭރު ކުރެވޭ ކަމަށާއި އެ ފުރުސަތު ގިނަ ގައުމުތަކެއްގައި އެބައޮތް ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެ އަގު ނުލިބި، ދިވެހިންނަށް މާބޮޑު ފައިދާއެއް ނުލިބޭ ގޮތަށް ކަންކަން ކުރުމަކީ ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޗައިނާއާ އެކު ވާ އެއްބަސްވުމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖެ މިސްރާބު ޖަހާނެ ކަމަށް ސަރުކާރުން ބުނެފާނެ ކަމަށާއި އެކަމަކު ޗައިނާއާ އިން އެ ގުޅުން ބާއްވާ ކިތަންމެ ގައުމެއް އެބައޮތް ކަމަށެވެ.
އަދި ޗައިނާއާ އެކު ބާއްވަން ނިންމި މިނިވަން ވިޔަފާރީގެ ގުޅުމަކީ ރަނގަޅު ގުޅުމެއް ނޫން ކަމަށް ވަރަށް އަވަހަށް އެނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާއާ އެކު އެފްޓީއޭގައި ރާއްޖޭން ސޮއިކުރާ ގޮތަށް ކެބިނެޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމުމާ ގުޅިގެން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ރާއްޖެ އިން ފުރަތަމަ ފަހަރަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަނީ ޗައިނާއާ އެކު ކަމަށް ވާއިރު، އެ އެއްބަސްވުމާ ގުޅޭ ކަންކަން ދިރާސާކޮށް، ގޮތެއް ނިންމަން އެއްބަސްވުން ދިރާސާކުރި، ގައުމީ ސަލާމަތާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ މެމްބަރުންނަށް ނެގީ އެންމެ 30 މިނިޓެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާއިރު، އޭގައި ހިމެނޭ ކަންކަން ސަރުކާރުން އާންމު ނުކުރާތީ ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ރާއްޖެ އާއި އެފްޓީއޭގެ ދިފާއުގައި ޗައިނާ ތެދުވެއްޖެ
އެފްޓީއޭގައި ސޮއިނުކުރުމަށް ޖޭޕީން ސަރުކާރަށް ގޮވާލައިފި
އެއްބަސްވުމުން އެހެން ގައުމުތަކުގެ ވިޔަފާރި ހުއްޓިދާނެ
މިއީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމުގެ އެއްބަސްވުމެއް
ފްރީޓްރޭޑް އެއްބަސްވުމުން ގެއްލުން ލިބޭނީ ރާއްޖެ އަށް
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
މިއީ އިންޑިއާ އަށް ކުޅެދޭ ޑްރާމާއެއް: ތޯރިގު
އެފްޓީއޭއާއެކު އަންނަ އަހަރު 4 މިލިއަން ޑޮލަރު ގެއްލޭ
ރާއްޖެ- ޗައިނާ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަނީ