Roadha Mihaaru
ޗައިނާ އާއި އެމެރިކާ އިން ރާއްޖެއަށް ދެ ޑްރޯން ދެނީ

ޗައިނާ އާއި އެމެރިކާ އިން ކަސްޓަމްސް އަށް ދެ ޑްރޯން ދެނީ

16 ޖުލައި 2024

ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށް ކަސްޓަމްސް އަށް ޑްރޯންތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެ މުއައްސަސާ އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށް ކަސްޓަމްސް އަށް ޑްރޯންތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެ މުއައްސަސާ އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުތައް އަމިއްލަ އަށް މޮނިޓާ ކުރެވޭ ވަރަށް ކަސްޓަމްސްގައި މިހާތަނަށް ވަސީލަތްތައް ގާއިމް ކޮށްފައި ނެތް ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމަށް ކުރިޔަށް އޮތްތަނުގައި ޖަޕާނު ސަރުކާރުގެ ފަރާތުން 85 ފޫޓުގެ އުޅަނދެއް ލިބޭ ކަމަށާއި އޭގެ އިތުރުން ޗައިނާ ސަރުކާރުގެ ފަރާތުން ވެސް ދެ އުޅަނދަކާއި އެމެރިކާ އިން ވެސް އުޅަނދެއް ލިބޭނެ ކަމަށް މާނިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާ އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޑްރޯންއެއް ފޯރުކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

"އަޅުގަނޑުމެންނަށް ޑްރޯން ބޭނުންވޭ. މި ސަރަހައްދަށް ބޭރުން މި އަންނަ ވެސަލްތައް މޮނިޓާ ކުރެވޭނެ އެއްވެސް ގޮތެއް ނެތް ފިޒިކަލީ ގޮސްގެން ނޫނީ. ޑްރޯންއެއް ފޮނުވައިގެން އޭތި [އުޅަނދު] މޮނިޓާ ކުރުމަށް ފަހު ތުރެޓެއް އުޅެންޏާ ވެސަލް ފޮނުވާ ގޮތަށް މި ހަމަޖައްސަނީ،" މާނިއު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ޑްރޯން ލިބުނަސް ދެބައި މީހުން [އެމްއެންޑީއެފް އާއި ކަސްޓަމްސް] އެއްކޮށް ބޭނުންކުރާ ގޮތަށް، އެމްއެންޑީއެފްގެ ބޭފުޅުންގެ ޑްރޯން ކުއަންޓިޓީ ބޮޑުވާ ގޮތަށް. އަދި ޖޮއިންޓް އޮޕަރޭޝަން ހިންގާ ގޮތަށް ކުރިޔަށް ގެންދާނީ،"--- މާނިއު

ބޯޑަރަށް ވަންނަ އުޅަނދުތައް މޮނިޓާ ކުރުމުގެ މަސައްކަތް މިހާތަނަށް ވެސް ކުރީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ކަމަށް މާނިއު ވިދާޅުވި އެވެ.

އެގޮތަށް އެހީތެރިކަން ބަދަލު ކުރުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި ޑްރޯންތައް ގެނަޔަސް އެތަކެތި އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރާނީ އެމްއެންޑީއެފްގައި އަލަށް އުފެއްދި އެއާކޯއާ ގުޅިގެން ކަމަށް މާނިއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޑްރޯން ލިބުނަސް ދެބައި މީހުން [އެމްއެންޑީއެފް އާއި ކަސްޓަމްސް] އެއްކޮށް ބޭނުންކުރާ ގޮތަށް، އެމްއެންޑީއެފްގެ ބޭފުޅުންގެ ޑްރޯން ކުއަންޓިޓީ ބޮޑުވާ ގޮތަށް. އަދި ޖޮއިންޓް އޮޕަރޭޝަން ހިންގާ ގޮތަށް ކުރިޔަށް ގެންދާނީ،" އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ އެއާ ވިންގެއްގެ ގޮތުގައި އެއާކޯ އުފައްދާފައި ވަނީ ތުރުކީ އިން ދެ ޑްރޯން ގަތުމަށް ފަހު، އެވެ. އެ ދެ ޑްރޯން މިހާރު އޮޕަރޭޓް ކުރަމުން އަންނަނީ ނ. މާފަރު އެއާޕޯޓުގަ އެވެ.