Roadha Mihaaru
ޣައްސާން 241 ކޮމިޓީ އަށް ހާޒިރު ކުރަނީ

ޣައްސާން މަޖިލީހުގެ 241 ކޮމިޓީ އަށް ހާޒިރު ކުރަނީ

26 މާޗް 2024

ދެ މައްސަލައެއްގެ މައުލޫމާތު ހޯދަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދެ މައްސަލައެއްގެ މައުލޫމާތު ހޯދަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން ލަތީފް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް މިހާރު ލިބިފައިވާ ކަމަށް ޣައްސާން މަޖިލީހުގައި އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ، އެ މައުލޫމާތު ހޯދަން މިހާރު ވެސް މަޖިލީހުން އެމްއެންޑީއެފަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ މައްސަލާގައި ޣައްސާން ހާޒިރު ކުރަން އެދިވަޑައިގަންނަވާ ކަމަށް ހަސަން ވިދާޅުވި އެވެ.

އޭގެ އިތުރުން ތުރުކީ އިން ޑްރޯންތައް ގަތް އަގުތަކާ ބެހޭ މައުލޫމާތު ވެސް 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ހާމަކުރެވޭނެ ކަމަށް ޣައްސާން ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެއީ ސިއްރު ކުރަން ޖެހޭ ކަމެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ.

އެ މައްސަލައިގެ މައުލޫމާތު ހޯދުމަށް ވެސް އޭނާ ހާޒިރު ކުރަން ފެންނަ ކަމަށް ހަސަން ވިދާޅުވި އެވެ.

"އަޅޫގަނޑު އެދޭ މައުލޫމާތަކީ ޑްރޯން ގަންނަން ދައުލަތުން ކޮށްފައި އޮތް ހަރަދަކީ ކޮބައިތޯ؟ ހިލޭ އެހީގެ ގޮތުގައި ރައީސް ވިދާޅުވި ބައެއް. އެއީ ކޯއްޗެއްތޯ އާއި އެ ހުރިހާ މައުލޫމާތެއް ހޯދަން އެދެން ބޭނުން ކޮމިޓީގައި،" ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާ ސިފައިން ވަތް މައްސަލައިގައި ވެސް އިތުރު މައުލޫމާތު ސާފު ކުރަން ބައެއް މެންބަރުން ބޭނުންވި އެވެ. އަދި ހާޒިރުވި މެންބަރުންގެ އިއްތިފާގުން ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި ޣައްސާން 241 ކޮމިޓީ އަށް ހާޒިރު ކުރަން ފާސްކުރި އެވެ.