Roadha Mihaaru
ޑްރޯން ދޭން އެއްވެސް ގައުމަކުން ހުށައެއް ނާޅާ!

ހިލޭ ޑްރޯން ދިނުމަށް އަވައްޓެރި ގައުމަކުން ހުށަހެޅި ވާހަކަ ޣައްސާން ދޮގުކުރައްވައިފި

25 މާޗް 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރަހުމަތްތެރި ގައުމަކުން ރާއްޖެ އަށް ހިލޭ އަސްކަރީ ޑްރޯންތަކެއް ދިނުމަށް މަޝްވަރާކުރި ކަމަށް ދެއްކެވޭ ވާހަކަތައް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ދޮގުކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރަހުމަތްތެރި ގައުމަކުން ރާއްޖެ އަށް ހިލޭ އަސްކަރީ ޑްރޯންތަކެއް ދިނުމަށް މަޝްވަރާކުރި ކަމަށް ދެއްކެވޭ ވާހަކަތައް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ދޮގުކުރައްވައިފި އެވެ.

އޭނާ އެ ވާހަކަތައް ދޮގުކުރެއްވީ، އަވައްޓެރި ގައުމަކުން ރާއްޖެއަށް ހިލޭ ޑްރޯން ހަދިޔާ ކުރަން ވެސް ތައްޔާރަށް އޮތް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވުމުންނެވެ. އޭނާ އެ ސުވާލު ކުރެއްވީ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ބައިގަ އެވެ.

ޔައުގޫބު ވިދާޅުވީ، އަވައްޓެރި ގައުމަކުން ރާއްޖެ އަށް އަސްކަރީ ޑްރޯން ހިލޭ ދޭން މަޝްވަރާ ކޮށްފައިވީ ނަމަވެސް އެކަން މި ސަރުކާރުން ބަލައިނުގަނެ، ސަރުކާރުން ޑްރޯން ގަނެފައިވަނީ މާ އަގުބޮޑުކޮށް، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ބޭނުން ކޮށްގެން ކަމަށެވެ.

ޔައުގޫބް ވަނީ ހިލޭ ލިބެން އޮތް އެއްޗަކަށް އެހާ ބޮޑު ހަރަދެއް ކުރެއްވީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

ބެލެވޭ ގޮތުގައި އޭނާ އެ އިޝާރާތް ކުރަނީ އެމްޑީޕީގެ ސަރުކާރުގައި ވަރަށް ގާތް ގުޅުމެއް ބޭއްވި އިންޑިއާ އަށެވެ.

ޔައުގޫބަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ، އެ މެމްބަރުގެ ވާހަކައިގައި ރަނގަޅު އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ.

"އެއްވެސް އަވައްޓެރި ގައުމަކުން ހިލޭ ޔޫއޭވީއެއް ދިވެހިރާއްޖެ އަށް ހަދިޔާކުރުމުގެ އެއްވެސް ކަމެއް ހިނގާފައެއް ނެތް،" ޣައްސާން ވިދާޅުވި އެވެ.

މިދިޔަ 8 އަހަރެއްހާ ދުވަހު އެފަދަ ޔޫއޭވީ ޑްރޯން ހޯދަން ދިވެހި އަސްކަރިއްޔާ އިން މަސައްކަތް ކޮށްފައިވާ ކަމަށާއި އެފަދަ އެއްވެސް މަޝްވަރާއެއް ވެސް ކުރެވިފައި ނުވާ ކަމަށް ޣައްސާން ވިދާޅުވި އެވެ. އަދި، މި މަސައްކަތް ހަގީގަތަކަށް ވީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީއިން ތުހުމަތުކޮށްފައިވާ ގޮތުގައި ސަރުކާރުން ޑްރޯންތައް ގަނެފައިވަނީ އާންމުކޮށް ދުނިޔޭގެ ބާޒާރުގައި އެ ޓެކްނޮލޮޖީ ވިއްކަން ހުރި އަގަށް ވުރެ މާ އަގު ބޮޑު ކޮށެވެ. އެ ތަފްސީލްތައް އެ ޕާޓީގައި އެބަހުރި ކަމަށް ބުނެފައި ވެ އެވެ.

އަދި، ރާއްޖެއަށް އަވައްޓެރި ގައުމަކުން ހިލޭ ޑްރޯން ދިނުމަށް މަޝްވަރާ ކުރި ކަމަށާއި ސަރުކާރު ބަދަލުވީ އެ މަޝްވަރާތައް ދެ ގައުމުގެ އިސްވެރިން ކުރަމުންދަނިކޮށް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގަނެފައިވާ އަސްކަރީ ޑްރޯންތަކުގެ ހުރިހާ ތަފުސީލެއް ހާމަނުކުރަނީ އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކަކަށް ވާތީ، އެ ހާމަނުކުރުމަށް އަސްކަރިއްޔާގެ އިސްވެރިންގެ ލަފާ ވެސް ލިބިވަޑައިގެންފައިވާތީ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޑްރޯންތައް ގަތުމުގައި މި ސަރުކާރުން އެއްވެސް ކަހަލަ ކޮރަޕްޝަނެއް ހިންގާފައެއް ނުވާނެ އެވެ.

ކޮރަޕްޝަން އޮތް ކަމަށް ތުހުމަތު ކުރާ ނަމަ، އެ މައްސަލައެއް ހުށަޙެޅުމުގެ ހައްގާއި ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި އެހެންވީމާ އެ މަގުން ދާންވީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ރައީސް މުއިއްޒަށް އޮތް ޔަގީންކަމަކީ އަދި ދެއްވާ ޔަގީން ކަމަކީ ވެސް އެ މަނިިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރަކުން އެއްވެސް ކޮރަޕްޝަނެއް ނުހިންގާނެ ކަމެވެ. "އެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން. އަދި އެކަހަލަ ކަމެއް ކުރާ ނަމަ އިސްވެ ފިޔަވަޅު ވެސް އަޅާނީ އަޅުގަނޑު. ޑްރޯން ކަންތަކުގައި އަދި އެހެން މަޝްރޫއެއްގައި ވެސް ކޮރަޕްޝަނެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ ގެނައި އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ ޑްރޯންތަކަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.

ތުރުކީގެ ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.