Roadha Mihaaru

ޑްރޯންތައް ގަތުމުގައި ކޮރަޕްޝަނެއް ނެތް، ތަފުސީލު ހާމަނުކުރަނީ އެ ގޮތަށް ލަފާ ލިބިފައިވާތީ: ރައީސް

21 މާޗް 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގަނެފައިވާ އަސްކަރީ ޑްރޯންތަކުގެ ހުރިހާ ތަފުސީލެއް ހާމަނުކުރަނީ އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކަކަށް ވާތީ، އެ ހާމަނުކުރުމަށް އަސްކަރިއްޔާގެ އިސްވެރިންގެ ލަފާ ވެސް ލިބިވަޑައިގެންފައިވާތީ ކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގަނެފައިވާ އަސްކަރީ ޑްރޯންތަކުގެ ހުރިހާ ތަފުސީލެއް ހާމަނުކުރަނީ އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކަކަށް ވާތީ، އެ ހާމަނުކުރުމަށް އަސްކަރިއްޔާގެ އިސްވެރިންގެ ލަފާ ވެސް ލިބިވަޑައިގެންފައިވާތީ ކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ތުރުކީ އިން ގަނެގެން މިހާތަނަށް އަސްކަރީ ތިން ޑްރޯން ރާއްޖެ ގެނެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބޭނުންކުރަމުން އަންނައިރު އޭގެ އަގުތަކާއި އެހެން ތަފުސީލްތައް ހާމަނުކުރަނީ ކީއްވެތޯ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ އަސްކަރީ ޑްރޯންތަކަކީ ގައުމީ ސަލާމަތާ ސީދާ ގުޅުން އޮތް، ގައުމުގެ އަސްކަރީ މައުލޫމާތެއް ކަމެއް ކަމަށާއި އެފަދަ މައުލޫމާތުތަކަކީ އެއްވެސް ގައުމަކުން އެއްކޮށް އާންމުކޮށް ހާމަކުރާ ފަދަ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

"މީޑިއާތަކުން އެކި އަދަދު އެބަ ކިޔާ ޑްރޯންތަކުގެ. އަޅުގަނޑަށް އެމްއެންޑީއެފް އިން ޗީފް އޮފް ޑިފެންސް ފޯސް، މިނިސްޓަރު ވެސް އަދި ދެން ތިއްބެވި ޖެނަރަލުން ވެސް ދެއްވި ލަފައަކީ އަޅުގަނޑުމެން ޑްރޯންތަކުގެ އަދަދު ވެސް ރަސްމީކޮށް އެއްވެސް ފަރާތަކަށް ދަންނަވައި އެނގިގެން ނުވާނެއޭ. އެއްވެސް ގައުމެއްގެ މިލިޓަރީ އާލަތްތަކުގެ އަދަދާއި އޭގެ ތަފުސީލް އެއްކޮށް އެނގުނަކަ ނުދޭނެ، އެއީ ހަމަ ގައުމީ ސަލާމަތަށްޓަކައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ ގައުމީ ސަލާމަތާ ގުޅިފައި އޮތް ކަމެއް ވީމާ އެ ތަފްސީލްުއަޅުގަނޑުމެން ހާމަނުކުރަނީ."

ޑްރޯންތައް ގަތުމުގައި ބޮޑު ބައެއް ލިބުނީ ހިލޭ ކަމަށް ހާމަކުރެއްވި ސަބަބަކީ ވެސް ރައީސް ވިދާޅުވި ގޮތުގައި އޭގެ އަގު ބޮޑު ވާހަކަ ބައެއް މީހުން ދައްކަމުންދާތީ އެވެ. އަދި ތުރުކީ ރައީސާއި އެ ގައުމުގެ ސަރުކާރުން މިކަމުގައި ރާއްޖެ އަށް ދޭ ސަޕޯޓް ހާމަކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފެށުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ތިން ޑްރޯން އިން އެއް ޑްރޯންގައި ދިވެހި ތާނައަކުރުން ލިޔެފައިވާ ރާއްޖޭގެ ނަން ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ފުރަތަމަ އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފެށުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ތިން ޑްރޯން އިން އެއް ޑްރޯންގައި ދިވެހި ތާނައަކުރުން ލިޔެފައިވާ ރާއްޖޭގެ ނަން ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ގަސްދު ކުރަނީ އެ ވަރަށް އެކަން ދަންނަވަން. އެއީ އެއްގޮތަކަށް ވެސް ކަންކަން ހާމަ ނުކުރުމެއް ނޫން. އަޅުގަނޑަކީ ގައިމު ވެސް އެއްވެސް ކަމެއް ފޮރުވަން ގަސްދު ކުރާ މީހެއް ނޫން، ނުފޮރުވާނަން. އެކަމަކު ގައުމުގެ މިނިވަން ކަމަކީ އެންމެންނަށް ވެސް މުހިންމު ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޑްރޯންތައް ގަތުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވީ ނަމަވެސް، ރައީސް ވިދާޅުވި ގޮތުގައި އޭގެ ބޮޑު ބަޔަކީ ޑިސްކައުންޓެވެ. ރައީސް ވަނީ ތުރުކީ އިން ޑްރޯންތައް ގަތުމުގައި ދިވެހި ސަރުކާރުން ބޮޑެތި ކޮރަޕްޝަންތައް ހިނގާފައިވާ ކަމަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދު ދެއްވައިފަ އެވެ.

ކޮރަޕްޝަން އޮތް ކަމަށް ތުހުމަތު ކުރާ ނަމަ، އެ މައްސަލައެއް ހުށަޙެޅުމުގެ ހައްގާއި ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި އެހެންވީމާ އެ މަގުން ދާންވީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ރައީސް މުއިއްޒަށް އޮތް ޔަގީންކަމަކީ އަދި ދެއްވާ ޔަގީން ކަމަކީ ވެސް އެ މަނިިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރަކުން އެއްވެސް ކޮރަޕްޝަނެއް ނުހިންގާނެ ކަމެވެ.

ރައީސް މުއިއްޒު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން. އަދި އެކަހަލަ ކަމެއް ކުރާ ނަމަ އިސްވެ ފިޔަވަޅު ވެސް އަޅާނީ އަޅުގަނޑު. ޑްރޯން ކަންތަކުގައި އަދި އެހެން މަޝްރޫއެއްގައި ވެސް ކޮރަޕްޝަނެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީއިން ތުހުމަތުކޮށްފައިވާ ގޮތުގައި ސަރުކާރުން ޑްރޯންތައް ގަނެފައިވަނީ އާންމުކޮށް ދުނިޔޭގެ ބާޒާރުގައި އެ ޓެކްނޮލޮޖީ ވިއްކަން ހުރި އަގަށް ވުރެ މާ އަގު ބޮޑު ކޮށެވެ. އެ ތަފްސީލްތައް އެ ޕާޓީގައި އެބަހުރި ކަމަށް ބުނެފައި ވެ އެވެ.

އަޅުގަނޑު ގަސްދު ކުރަނީ އެ ވަރަށް އެކަން ދަންނަވަން. އެއީ އެއްގޮތަކަށް ވެސް ކަންކަން ހާމަ ނުކުރުމެއް ނޫން. އަޅުގަނޑަކީ ގައިމު ވެސް އެއްވެސް ކަމެއް ފޮރުވަން ގަސްދު ކުރާ މީހެއް ނޫން، ނުފޮރުވާނަން. އެކަމަކު ގައުމުގެ މިނިވަން ކަމަކީ އެންމެންނަށް ވެސް މުހިންމު ކަމެއް،"--- ރައީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރަހުމަތްތެރި ގައުމަކުން ރާއްޖެ އަށް ހިލޭ ޑްރޯންތަކެއް ދިނުމަށް މަޝްވަރާކުރި ކަމަށާއި ނަމަވެސް، ސަރުކާރު ބަދަލުވީ އެ މަޝްވަރާތައް ދެ ގައުމުގެ އިސްވެރިން ކުރަމުންދަނިކޮށް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

ރާއްޖެ ގެނައި އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ ޑްރޯންތަކަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.

ތުރުކީގެ ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.