Roadha Mihaaru
ތުރުކީ އިން ޑްރޯން ގެނެސް، މާފަރުގައި ބޭސްއެއް ހަދަނީ

ތުރުކީ އިން އަސްކަރީ ޑްރޯން ގެނެސް، މާފަރުގައި ބޭސްއެއް ހަދަނީ

09 މާޗް 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން އަސްކަރީ ޑްރޯން ގެނެސް، އެ ތަކެތި އޮޕަރޭޓް ކުރުމަށް ނ. މާފަރުގައި ޑްރޯން ބޭސްއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން އެނގިއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން އަސްކަރީ ޑްރޯން ގެނެސް، އެ ތަކެތި އޮޕަރޭޓް ކުރުމަށް ނ. މާފަރުގައި ޑްރޯން ބޭސްއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން އެނގިއްޖެ އެވެ.

އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަ ނ. މާފަރުގައި ޑްރޯން ބޭސްއެއް އެޅުމުގެ މަސައްކަތަކަށް ބޭނުންވާ ތަކެތި މާލެ އިން އެ ރަށަށް ގެންގޮސްފައި ވަނީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އެވެ. އެ ތަކެއްޗާ އެކު އެ ރަށަށް ދިވެހި ސިފައިންގެ ހާއްސަ ޓީމެއް ވެސް ދިޔަ އެވެ.

ރައީސް ޑރ. މުހަައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން އުފައްދާ އަސްކަރީ އުޅަނދުތައް ބެއްލެވި އެވެ. އަދި، ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދި އެވެ.

އެ އެއްބަސްވުމުގެ ތަފުސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް އަސްކަރީ ޑްރޯންތަކެއް މިހާރު ގެނެސް އެ ބޭނުންކުރަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ. އޭގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

ތުރުކީގެ ޑްރޯންތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ހޯދުމަށް ދިވެހި ސިފައިންގެ ހާއްސަ ޓީމެއް މިހާރު ވެސް ވީ އެ ގައުމުގަ އެވެ.

ތުރުކީ އަކީ އަސްކަރީ ޑްރޯން އުފެއްދުމުގައި އެންމެ ގާބިލްކަން ލިބިފައިވާ އެއް ގައުމަށް ވާއިރު، އެ ގައުމުގެ ކުންފުނިތަކުން އުފައްދާ އަސްކަރީ އުޅަނދުތައް އެތައް ގައުމެއްގެ އަސްކަރިއްޔާ އިން ގަނެ އެވެ.

ރާއްޖެ އިން ޑްރޯން ގަތުމަށް ހަމަޖެހިފައިވަނީ ކިހާ ފައިސާއެއް ހަރަދުކޮށްގެން ކަމެއް ވެސް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ރ. މީދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެއްޓުމުގެ ނިޒާމު މި މަހު ހަމަޖެހި، އެ މަސައްކަތް ފަށާނެ ކަމަށެވެ.

ރައީސް އެ އިޝާރަތް ކުރެއްވީ ޑްރޯން އޮޕަރޭޝަން ފެށުން ކަމަށް ބެލެވެ އެވެ.

"އޭރަށް އަޅުގަނޑުމެންނަށް އެ އިހްސާސްވެގެން ދަނީ އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންނަށް އަމިއްލަ އަށް އެބަ ބެލެހެއްޓޭކަން، އޭރަށް އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން މިނިވަންކަން އިހުސާސް ވެގެން ދާނީ،" މީދޫ ސްކޫލްގައި އޮތް ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދަށް މިހާތަނަށް ހަގީގީ އަމިއްލަ ބާރެއް ނެތް ކަމަށާއި އެ ތަންތަން ރާއްޖެއަށް ނުބެލެހެއްޓޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އިގުތިސާދު ފުޅާ ކުރެވެން އޮތް ބިޔަ ބޮޑު ސަރަހައްދެއް އެއީ. އެއީ އަޅުގަނޑުމެންގެ ގައުމުގެ ބައެއް. މިއަދާ ހަމައަށް ކަނޑުގެ ބޮޑު ބައި ނުބެލެހެއްޓޭ. އެއީ އަޅުގަނޑުމެންގެ ކެޕޭސިޓީ ޒަމާނުންސުރެ އޮތް ވަރު. އެހެންވީމަ މި ބޮޑު ސަރަަހައްދަށް އެހެން ބަޔަކު ވަދެ ބޭނުމެއް ކުރިޔަސް އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

"ކޮންމެ ފަދަ ނުރައްކަލެއް އަޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯވޭ އެހެން ބަޔެއްގެ އެހީތެރިކަން ހޯދައިގެން ނޫނިއްޔާ ވާނެ އެއްވެސް ކަމެއް ނެތް. ހަގީގީ އަމިއްލަ ފައި މައްޗަށް ތެދުވުމެއް އިހުސާސް ކުރެވިފައެއް ނެތް މިވީހާ ތަނަކަށް. ހަގީގީ މިނިވަން ކަމެއް ނެތް."

މި މަސް ތެރޭ ރާއްޖެ އިން އަމިއްލަ އަށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، އައްޑޫގައި ތިބި އިންޑިއާގެ ސިފައިން މާދަމާގެ ނިޔަލަށް ރާއްޖެ އިން ފައިބަން ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

ދެ ހެލިކޮޕްޓަރާއި ޑޯނިއާ އެއާކްރާފްޓެއް ދުއްވުމަށް ރާއްޖޭގެ ތިން ސަރަަހައްދެއްގައި ތިބި އިންޑިއާ ސިފައިން މި އަހަރުގެ މެއި މަހުގެ 10 ގެ ނިޔަލަށް ފޭބުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ސިފައިންގެ ބަދަލުގައި އަންނަނީ އިންޑިއާގެ ސިވިލިއަނުންނެވެ. އައްޑޫގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި އަންނަ އެ ގައުމުގެ ސިވިލިއަނުން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.